މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ފ. އަތޮޅު އަދި އއ. އަތޮޅުގެ އަތޮޅު ބުރުގެ ކުޅުން ފަށައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ވަނީ ފ. އަތޮޅުގެ ދެމެޗާއި އއ. އަތޮޅުގެ ހަތަރު މެޗު ކުޅެފައެވެ. މިއަހަރުގެ މުބާރާތުގައި ފ. އަތޮޅުން ބައިވެރިވެފައި ވަނީ ފަސް ޓީމުންނެވެ. އެހެންކަމުން ލީގު ބުރެއް ކުޅެ، ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.
ފ. އަތޮޅުގެ ތަށި އެންމެފަހުން ހޯދި ބިލެތްދޫއާއި ނިލަންދޫއާ ދެމެދު ރޭ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި ތަފާތު ދެއްކީ މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ބިލެތްދޫ މުހައްމަދު ޒީދާން ޒުހުރީ އެވެ.
ބިލެތްދޫން 3-2 އިން މެޗު ކާމިޔާބުކުރި އިރު، އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ ނަދީފް އިބްރާހީމެވެ. ނިލަންދޫގެ ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު، ފާރޫގު އިސްމާއީލް ޖެހި އިރު، ހިލޭ ޖެހުމެއްގައި ފާރޫގު ދިން ބޯޅައަކުން އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ އަހުމަދު ރިޒުވާން އިސްމާއީލެވެ.
އެ އަތޮޅު މަގޫދުއާއި ފީއަލީ ވާދަކުރި މެޗުވެސް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި މަގޫދޫން ފީއަލި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މަގޫދޫގެ ގޯލުތައް ޖެހީ މޫސާ މާހިލް މިގުދާދާއި ޖަޒްލާން މާހިރެވެ. އޭގެ ތެރެއިން މާހިލް ވަނީ ދެ ގޯލު ޖަހައިފައެވެ. ފީއަލީގެ ފުރަތަމަ ގޯލު ޒިޔާން ހުސައިން ޖެހި އިރު، އަނެއް ގޯލަކީ މަގޫދޫގެ މޫސާ އައްސަރު އަންވަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އއ. އަތޮޅުން މިފަހަރު 8 ޓީމު ވާދަކުރަމުން އަންނަ އިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ރޭ ކުޅުނު ދެމެޗަށް ބަލާއިރު، އެންމެފަހުގެ އަތޮޅު ޗެމްޕިއަން މަތިވެރިން ވަނީ ތޮއްޑޫ ކައިރިން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ރޭ ހިމަންދޫން އުކުޅަސް ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.
މަތިވެރީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު، އަލީ އަލްސަން ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު މިދުހަތެވެ. ތޮއްޑޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިޖްލާޒެވެ.
ހިމަންދޫން އުކުޅަސް ބަލިކުރި މެޗުގައި ހިމަންދޫގެ ގޯލުތައް އިބްރާހީމް އިހްލާސް އާދަމް، އަހުމަދު އަތީފް އާދަމް އަދި މުހައްމަދު އައިހަމް ޖެހި އިރު، އުކުޅަހަށް ގޯލު ޖަހައިދިނީ ޝިޒާން ޝަހީމާއި ހުސައިން ގަޒީލް ސާމީއެވެ.
އެ އަތޮޅުގެ ގްރޫޕް ބީގެ ދެމެޗުވެސް ރޭ ކުޅެފައިވެއެވެ. އެގޮތުން ވަރުގަދަ ބޮޑުފޮޅުދޫން ފެރިދޫ ކައިރިން 4-1 އިން މޮޅުވި އިރު، ރަސްދޫން މާޅޮސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ބޮޑުފޮޅުދޫ މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސިރުހާނާއި މާހިދު އިބްރާހީމް އަދި ޖާދުﷲ އަހުމަދެވެ. ސިރުހާން ވަނީ މޮޅަށް ކުޅެ ދެ ގޯލު ޖަހައިފައެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖެހީ އިސްމާއީލް މާޒިންނެވެ.
ރަސްދޫން ހޯދި މޮޅުގައި އެޓީމުގެ ސުޖާދު މުހައްމަދު އަދި އިބްރާހީމް އާޒިމް (ބެންޑް) ގޯލުތައް ޖަހައިދިން އިރު، މާޅޮހުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ވަޖީހެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނައިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ގއ. ނިލަންދޫ - ގއ. ދާންދޫ
ގްރައުންޑް 2: ގއ. ކަނޑުހުޅުދޫ - ގއ. ގެމަނަފުށި
21:00
ގްރައުންޑް 1: ގއ. ވިލިނގިލި - ގއ. ދެއްވަދޫ
ގްރައުންޑް 2: ގއ. ކޮލަމާފުށި - ގއ. މާމެންދޫ