ދުނިޔެ

އަދުގެ ދުނިޔެ: ބޮޑުވަޒީރު ވަކިކުރުމުގެ ހުކުމާ ގުޅިގެން ހަމަނުޖެހުންތަކެއްގެ ތެރެއަށް ތައިލެންޑް ގެނބިދާނެތަ؟

އިމާދު ލަތީފު

ތައިލެންޑަކީ ސިޔާސީގޮތުން އަބަދުވެސް ހަލަބޮލި ގައުމެކެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކާ ޚިލާފަށް ތައިލެންޑުގެ ސިޔާސީ ކަންކަން އެނބުރެމުން ބަދަލުވަމުންދަނީ ފަނޑިޔާރުގޭގެ ވަށައިގެންނެވެ. ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އެކަނިވެސް ޕާލަމަންޓުގެ ތިރީހަށްވުރެ ގިނަ މެންބަރުން ވަނީ ފަނޑިޔާރުގޭގެ ހުކުމަށް ސިޔާސީ މައިދާނުން ފައްސައިލެވިފައެވެ. ރައްޔިތުންގެ މެދުގައި މަގުބޫލު އެތައް ޕާޓީއެއް ވަނީ ޣައިރުގާނޫނީ ގޮޅިއަށް ފައްތައި އުވާލެވިފައެވެ. އެތައް ބޮޑުވަޒީރުންނެއްގެ މަގާމު ވަނީ ގެއްލުވާލައިފައެވެ. ޕާޓީ އުވައިލުމާއި ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ އެންމެފަހުގެ ހާދިސާތައް ފެނިގެންދިޔައީ ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ ހުކުމަކުން އެގައުމުގެ ބޮޑުވަޒީރު ސުރެތާ ތަވިސިން ވަނީ މިދިޔަ ބުދަދުވަހު މަގާމުން ދުރުކޮށްފައެވެ. އޭގެ އެއް ހަފުތާކުރިން ހަމަ އެކޯޓުން ވަނީ ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ މޫވް ފޯވާޑް ޕާޓީ އުވާލައިފައެވެ.

މޫވް ފޯވާޑް ޕާޓީ ހަމައެކަނި އުވައިލީއެއް ނޫނެވެ. ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް ކަމެއްގައި އެ ޕާޓީގެ ލީޑަރު އުޅުއްވުންވެސް ކޯޓުން ވަނީ މަނާކޮށްފައެވެ. ގާތްގަޑަކަށް 72 މިލިޔަން މީހުންގެ އާބާދީއެއް ލިބިގެންވާ ތައިލެންޑުގައި މިހާ ގަދަ ބާރެއް ލިބިފައިވާ ކޯޓަކީ ކޮން ކޯޓެއް ހެއްޔެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އެ ކޯޓަކީ ކޮންސްޓިޓިއުޝަނަލް ކޯޓެވެ. މިއީ 1997 ގައި ތަސްދީގު ކުރެވުނު ގާނޫނުއަސާސީގެ ދަށުން ގާއިމުކުރެވިފައިވާ ކޯޓެކެވެ. މި ކޯޓުގެ ނިންމުންތައް އެހެން އެއްވެސް ކޯޓެއްގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ. މި ކޯޓުގެ ޒިންމާއަކީ ޕާލަމެންޓާއި ސަރުކާރާއި ރަސްކަމުގެ ދަރުބާރަށް ފާރަވެރިވެ ލޯއަޅައިގެން ތިބުމެވެ. އެހެންވީމާ މުޅިން ކަހަލަ ގޮތަކަށް ނިންމަމުން އަންނަނީ ސިޔާސީ މައްސަލަތަކެވެ. މިކޯޓު އެކުލެވިގެންވަނީ ޖުމްލަ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ. ބެންޗުގައި ހިމެނެނީ ކޯޓުގެ ރައީސާއި އެހެން 8 ފަނޑިޔާރުންނެވެ.

ބޮޑުވަޒީރު ސުރެތާއާ ދެކޮޅަށް މިހާ ވަރުގަދަ ހުކުމެއް އިއްވައި އޭނާ ވެރިކަމުން ދުރުކުރަން ޖެހުނު ސަބަބަކީ ކޮބައިބާވައެވެ. ކޯޓަށް ހުށައެޅިފައި އޮތީ ބޮޑުވަޒީރާ ގުޅޭ މައްސަލައެކެވެ. ސުލޫކީ މައްސަލައެކެވެ. އޭނާގެ ކެބިނެޓުގައި ކުރީގެ ކުށްވެރިޔަކު ހިމެނުއްވި މައްސަލައެވެ. މީގެކުރިން ޖިނާއީ ހުކުމެއް އިއްވިފައިވާ އެހެންނަމަވެސް ފަހުން މިނިވަން ވެފައިވާ ލޯޔަރަކަށް ބޮޑުވަޒީރު ސުރެތާ ވަނީ ވަޒީރުކަމެއް ދެއްވައިފައެވެ. އެމީހަކީ ކެބިނެޓުގައި ހުރުމަށް އަޚުލާގީ ހަމަތަކުން ޖާގަލިބިގެން ނުވާނޭ މީހެއް ކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ. ސަރުކާރު ހިންގާން ހުންނަ އެންމެ އިސްވެރިޔާއަކީ ވަޒީރުންގެ މަޖިލީހަށް މީހުން ހޮވުމުގައި ހުރިހައި ގޮތަކުންވެސް ނަމޫނާ ދައްކަންޖެހޭ މީހަކަށްވާއިރު ބޮޑުވަޒީރު ސުރެތާ ވަނީ މި އުސޫލުތަކާ ޚިލާފުވެފައިކަމަށް ކޯޓަށް ފެނުނެވެ. އެހެންވީމާ މިހިސާބުން ސުރެތާ މަގާމުން ވަކިކޮށް އޭނާގެ ކެބިނެޓުވެސް އުވައިލީ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

މިނިންމުން ނިންމީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރުގޭގެ ހުކުމަކުން ސަރުކާރު ވައްޓައިލީމާ ދެންއޮތީ ޕާލަމެންޓުގެ ތެރެއިން އަނެއްކާވެސް އައު ސަރުކާރެެއް އެކުލަވައިލުމެވެ. އެކަންކުރާނީ ޕާލަމެންޓުގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ކޮންޓްރޯލްކުރާ ފިއުތައި ޕާޓީ އާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޕާޓީތަކުންނެވެ. އެއީ މަގާމުން ދުރުކުރެވުނު ސުރެތާވެސް ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަނެވެ. އައު ބޮޑުވަޒީރެއްގެ ބެއްލެވުމުގެ ދަށުން އުފައްދާ އައު ސަރުކާރު ހަގީގަތަކަށް ވާނީ ޕާލަމެންޓުގެ އަޣުލަބިއްޔަތުން އެ ސަރުކާރަށް ރުހުން ދީފިނަމައެވެ. މިއީ ބުނަން ވަރަށް ފަސޭހަ ވާހަކައެކެވެ. އެކަމަކު ކުރަން ވަރަށް އުނދަގޫވާނެ ކަމެކެވެ. ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި މީހުންނަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތެއް ނެތެވެ. ޕާޓީވެސް އުވާލައިފިއެވެ. ޕާޓީގެ ލީޑަރު އެހެރީ ސިޔާސީ ކަންކަމުން އަރުވައިލެވިފައެވެ. އެހެންވީމާ ދެން ކުރިއަށް އޮތީ ސިޔާސީ ހަމަނުޖެހުންތައް އިތުރުވެ އަރާރުންތައް ބޮޑުވާނެ ދުވަސްކޮޅެކެވެ. އެކަހަލަ މާހައުލެއްގައި ސަރުކާރެއް އެކުލަވައިލަން ފަސޭހައެއް ނުވާނެއެވެ.

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށްވާތީ އެ ހުކުމާމެދު ނުރުހުނަސް އެއަށް ތަބާވުން ނޫންގޮތެއް ނެތެވެ. އެގޮތުން ސުރެތާވެސް ވަނީ ހުކުމަށް ތަބާވެވަޑައިގެންފައެވެ. ވެރިކަމުގެ ކިއްލާއާ ދުރަށް ވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ވެރިކަން ކުރެެއްވީ އޭނާގެ ގާބިލްކަން ތަންދިން އެންމެ ފުރިހަމައަށް ކަމުގައެވެ. ދެން އަންނަ ސަރުކާރަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަނުގެ ތެރެއިން އުފަންވާ ސަރުކާރަކަށް ވިޔަސް އޭނާ ގެންގުޅުއްވި ސިޔާސަތު އައު ސަރުކާރުން ދަމަހައްޓާނެކަމުގެ ޔަގީންކަމެއް ނެތްކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ކޯޓުގެ ނިންމުން ރައްޔިތުން ބަލައިގަންނާނެ ގޮތަކާއި ދެން ރައްޔިތުން އަމަލުކުރާނެ ގޮތެއްވެސް ނޭނގޭ ކަމަށް ސުރެތާ ވިދާޅުވިއެވެ. ސުރެތާއަކީ ރައްޔިތުންގެ މެދުގައި އެހާ މަގްބޫލު ބޭފުޅެއް ނޫނެވެ. ސިޔާސީ ދާއިރާގައިވެސް މާގިނަދުވަސްތަކެއް ނުވެއެވެ. އޭނާއަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ.

ބޮޑުވަޒީރު ސުރެތާ މަގާމުން ވަކިކޮށް ސަރުކާރު ވައްޓައިލުމުގެ ނިންމުން އައީ ކޮންސްޓިޓިއުޝަނަލް ކޯޓުން ކަމަށްވިޔަސް މި ނިންމުން ފަރުމާކުރީ ތައިލެންޑުގެ އަސްކަރިއްޔާއިން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ ކޮންމެ ހުކުމެއްވެސް އަންނަނީ ސިފައިން ބޭނުންވާ ގޮތަށް ކަމަށް ޔަގީންކުރާ މީހުން ވަރަށް ގިނައެވެ. ސުރެތާއާ ދެކޮޅަށް ސުލޫކީ މައްސަލަ ކޯޓަށް ވެއްދީވެސް ސިފައިންގެ ބާރުގައި ސެނެޓަށް ވައްދާފައިވާ މެންބަރުންގެ ތެރެއިން ބައެކެވެ. ސުރެތާގެ ކެބިނެޓުގެ ޖާގައެއް ލިބިގެން މައްސަލަ ޖެހުނު މީހަކީ ކުރީގެ ބޮޑުވަޒީރެެއް ކަމަަށްވާ ތަކްސިން ޝިނަވަޓްރާގެ އެޑްވައިޒަރެކެވެ. ގާތް ބައިވެރިއެކެވެ. އެހެންވީމާ ކޯޓުގެ މި ނިންމުމަކީ ޝިނަވަޓްރާގެ ކުރިމަގުވެސް ބަނަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ނިންމުމެކެވެ. ޝިނަވަޓްރާ އާއި ސުރެތާއަށް އެކަންޏެއް ނޫނެވެ. ހުސްވި އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައި ރައްޔިތުން ބަލައިގަތް އެންމެހައި ޕާޓީތަކަށް ނުރައްކަލުގެ ސިގްނަލެކެވެ. މިކަން މިހެން ދޫކޮށްލަން ރައްޔިތުން ބޭނުން ނުވަންޏާ ދެންއޮތީ މަގުތަކަށް ނުކުމެ ހަޅުތާލު ކުރުމެވެ. މުޅި ތައިލެންޑް ހަމަނުޖެހުންތަކުގެ ތެރެއަށް ގަންބައިލުމެވެ. އެއީ މިހާރު އެންމެ ކައިރިގޮތެވެ.