ތޫފާން އަމްޕިލް ޖަޕާނަށް މިސްރާބު ޖެހުމާއެކު އެގައުމުގެ ފުލައިޓުތަކާއި ރޭލުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.
ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުން ދިރާސާކުރާ އިދާރާތަކުން ލަފާކޮށްފައިވާ، ތޫފާން އަމްޕިލް ވަނީ ކެޓަގަރީ އެކެއްގެ ތޫފާނަކަށް ބަދަލުވެފައި ކަމަށް އެ އިދާރާތަކުން ބުނެއެވެ.
ތޫފާން އަމްޕިލްގެ ބާރު އިތުރަށް ގަދަވަމުންދާއިރު މިއަދުގެ ވަގުތެއްގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އިރުދެކުނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޖަޕާނަށް މިއަދު މި ތޫފާން އަރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން މައުލޫމާތު ހިއްސާކުރުމާއެކު އެ ގައުމުގެ މައި އެއާލައިންތަކުން ވަނީ ދަތުރުތައް މަޑުޖައްސާލާފައެވެ. އެގޮތުން ޖަޕާން މައި ދެ އެއާލައިނުން 500 އަށްވުރެ ގިނަ ފްލައިޓު ކެންސަލް ކުރުމަށް ނިންމާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ފްލައިޓުތަކުގެ އިތުރުން ރޭލުގެ ހިދުމަތްވެސް ވަނީ ޓޯކިޔޯއިން ހުއްޓާލުމަށް ނިންމާފައެވެ. ނަމަވެސް މުހިއްމު ބައެއް ދަތުރުތައް ކުރާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.