މުހައްމަދު އައުޒަމް
ނޯތު ކޮރެއާގެ ބޯޑަރު ފަތުރުވެރީންނަށް ހުޅުވާލަން ނިންމައިފިއެވެ.
ނޯތު ކޮރެއާއިން ބުނާ ގޮތުގައި، އަންނަ ޑިސެމްބަރުން ފެށިގެން ފަތުރުވެރީންނަށް ހުޅުވާލާނީ އެ ގައުމުގެ އިރުއުތުރު ސަމްޖިޔޮން ސިޓީ އެވެ. އެންމެ ފުރަތަމަ ސަމްޖިޔޮން ސިޓީ ހުޅުވާލި ނަމަވެސް އެހެން ސިޓީތަކަށް ފަތުރުވެރިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޯތު ކޮރެއާއިން ބުނެއެވެ.
ކޮވިޑަށް ބަންދުކުރުމަށްފަހު ފަސް އަހަރު ފަހުން ނޯތު ކޮރެއާއިން ފަތުރުވެރިކަމަށް ހުޅުވާލުމުން އެ ގައުމުގެ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވެ ދުނިޔެއާއި ވަކިވެގެން އޮތުމުގެ ސަބަބުން ލިބެމުންދާ ހީނަރުކަން ފިލާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ނޯތުކޮރެއާގެ ވައިގެ ސަރަހައްދު ހުޅުވާލުމާއެކު ބައިނަލްއަގުވާމީ ފްލައިޓުތަކަށް އެގައުމަށް އެތެރެވުމުގެ ހުއްދަ ވަނީ ދޭން ފަށާފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު އެގައުމަށް ރަޝިޔާގެ ހާއްސަ ފްލައިޓެއް މަދު ފަތުރުވެރިންނާއެކު ދަތުރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެހެން ނަމަވެސް، ފަތުރުވެރީންނަށް ގައުމު އާންމުކޮށް ހުޅުވާލާފައެއް ނުވެއެވެ.