ދުނިޔެ

ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން، އިންޑިއާގައި ޑޮކްޓަރުން މުޒާހަރާއަށް ނުކުމެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެތައްހާސް ޑޮކްޓަރުން މުޒާހަރާކުރަން ފަށާފައި މިވަނީ މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށްލުމަށްފަހު މަރާލިކަމުގެ މައްސަލައާ ގުޅިގެންނެވެ.

އެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކަލްކަތާގައި ހުންނަ އާރްގީ ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ ސެމިނާ ހޯލުގައި ކަމަށް އޮފިޝަލުން ބުނެއެވެ. އެ ހާދިސާގައި އެ ޑޮކްޓަރުގެ ހަށިގަނޑުން ރޭޕް ކޮށްފައިވާކަމުގެ އަލާމާތްތަކުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުން އަނިޔާތަކެއް ފާހަގަވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގެ މެޑިކަލް އެސޯސޮއޭޝަން ތަކުން ގުޅިގެން ވަނީ އެ ގައުމުގެ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ދެމުން އަންނަ ގިނަ ހިދުމަތްތައް ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އަދި އިންޑިއާގެ ސިއްހީ މަސައްކަތްތެރީންނަށް ރައްކާތެރިކަން ކަށަވަރުވަންދެން އެ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.

އިންޑިއާގައި ޑޮކްޓަރުން ކުރަން ފަށާފައިވާ މުޒާހަރާތަކުގައި 300،000 އަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވާ ކަމަށް އެގައުމުގެ ފެޑަރޭޝަން އޮފް ރެސިޑެންޓް ޑޮކްޓާސް އެސޯސިއޭޝަނުން ބުނެއެވެ.