އެންޓި ކޮރަޕްޝަން ކޮމިޝަން

ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް މަންފާވާގޮތަށް ހައްޖު ކޯޓާ ދޫކޮށްފައިވޭ: ހައްޖު ރިޕޯޓް 2018

އަލީ އިހްސާން

ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރީންނަށް މަންފާވާ ގޮތަށް ހައްޖު ކޯޓާ ދޫކުރާކަން ފާހަގަވެފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީއިން މިއަދު ނެރުނު ހައްޖު ރިސާޗް ރިޕޯޓް 2018 ނުވަތަ ހައްޖު އިންތިޒާމުކުރުމުގެ ނިޒާމާ ގުޅޭ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓުގައި ބުނެފައިވަނީ، ހައްޖު އިންތިޒާމުކުރުމުގެ މަސައްކަތްތަކާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތްކަމަށާއި، ހައްޖުގެ ކަންތައްތައް ހަރުދަނާކަމާއެކު ތަންފީޒު ކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން މުހިއްމުކަމުގައެވެ. އަދި ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރީންނަށް މަންފާވާގޮތަށް ހައްޖު ކޯޓާ ދޫކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ރިޕޯޓު ނެރެދެއްވައިފައި ވަނީ އެ ކޮމިޝަނުގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.

އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ހައްޖަށް މީހުން ގެންދިއުމުގައި ހުރި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ހައްޖަށް ދާމީހުންގެ ލިސްޓުގައި ފަހުން ޖެހުނު ބައެއް މީހުންނަށް، އިތުރަށް ފައިސާދީގެން ކުރިން ހައްޖަށް ދެވޭގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ހައްޖު ކޯޕަރޭޝަންގެ ދަށުން ހައްޖަށްދާ ބައެއް އާއްމު ފަރާތްތަަކަށް އެތައް އަހަރެއް ވަންދެން މަޑުކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހައްޖަށް މީހުން ފޮނުވުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ނެތުމާއި ބިޑް އިވެލުއޭޓްކޮށްގެން ކޯޓާދިނުމާއި ފައިސާއާއި ގުޅޭ މުއާމަލާތްތަކާއި ހައްޖުގައި ދޭ ހިދުމަތްތައް އިންތިޒާމްކުރުމާއި ހައްޖު މިޝަންގެ ކަންކަން ހަރުދަނާކުރުމާއި ސައުދީ އަރަބިއްޔާގައި އިންތިޒާމުކުރަން ޖެހޭ ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްވަނީ އޭސީސީން އިސްލާމިކް މިނިސްޓްރީއަށް ވަނީ ލަފާދީފައެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ހައްޖާ ގުޅޭ ގާނޫނެއް ނެތުމުގެ ސަބަބުން، އެކިފަހަރު އެކި ގަވައިދުތަކަށް އަމަލުކުރުމާއި، އޭގެ ސަބަބުން ހައްޖުގެ އިންތިޒާމްތައް ހަމަޖެއްސުން ލަސްވެ، ވަގުތު ކުޑަތަންވުމުން ކަންކަން ހަމަޖެއްސުމާގުޅިގެން، ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހައްޖަށްދާ މީހުންގެ އަތުން ފައިސާ ނަގާކަން ވެސް ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ހައްޖު އިންތިޒާމްކުރުމުގެ ނިޒާމާ ގުޅޭ ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ހައްޖުގެ އަޅުކަން އަދާކުރުމާބެހޭ ކަންކަން ރާވައި އިންތިޒާމްވެފައިވަނީ ނަޒާހަތްތެރިކަމަށް މަގުފަހިވާ ގޮތަށްތޯ ބަލައި އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަންކަން އިސްލާހުކުރުމެވެ. އެގޮތުން ގާނޫނީ އޮނިގަނޑުގައި ހުރި ބައެއް މައްސަލަތަކާއި ހައްޖު ކޯޓާއާ ގުޅޭ މައްސަލަތަކާއި ހައްޖަށް މީހުން ގެންދިއުމުގެ ބީލަންތަކާގުޅޭ ކަންކަމާއި، ހައްޖު އިންތިޒާމްކުރުމާއި ގުޅޭ ވަސީލަތްތަކާއި މުތައްވިފުންނާއި ހައްޖު މިޝަންއާ ގުޅޭ މައްސަލަތައް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.