އިސްލާމިކް މިނިސްޓްރީ

ސައުތު ކޭޓަރިންއަށް ބިޑު ނާކާމިޔާބުވީ ލިޔެކިޔުން ނެތުމުން، ތަޖުރިބާއަށް ލިބުނީ ސުމެއް: އިސްލާމިކް މިނިސްޓްރީ

މަރިޔަމް ޝަހުދާ

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމްޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމުގައި ސައިގެ ކަންކަން ހަމަޖެއްސުމުގެ ބިޑު ސައުތު ކޭޓަރިންއަށް ނާކާމިޔާބުވީ ތަޖުރިބާގެ ބަޔާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައި ނެތުމުން ކަމަށާއި ސައުތު ކޭޓަރިންނަށް ތަޖުރިބާގެ ބަޔަށް ލިބުނީ ސުމެއް ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމްޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމުގައި ސައިގެ ކަންކަން ހަމަޖެއްސުމުގެ ބިޑުގެ ކަންކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ސައުތް ކޭޓަރިންގް އިން ތުހުމަތުކޮށްފައިވާއިރު މިއަދު އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޕީއެސް ވަނީ އެ ކަން ދޮގުކުރައްވައިފައެވެ. އަދި ސައުތް ކޭޓަރިންނަށް ބިޑު ނާކާމިޔާބުވީ ތަޖުރިބާއިން ސުމެއް ލިބުމުން ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓްރީގެ ޕީއެސް ވިދާޅުވިގޮތުގައި ރަމްޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމުގައި ސައިގެ ކަންކަން ހަމަޖެއްސުމަށް ބިޑު ހުށަހެޅި ކުންފުނިތަކަށް ޕޮއިންޓު ދިނީ ތަޖުރިބާއަށް %30 އަދި އަގަށް %70 އެވެ. އެ ގޮތުން ސައުތް ކޭޓަރިންގް އިން އެންމެ ކުޑަ އަގު ހުށައަޅާފައި ވުމުން މަސައްކަތުގެ އަގަށް %70 ސައުތު ކޭޓަރިންގް އަށް ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބިޑް ހުށަހެޅިއިރު 1 މެއި 2018 އިން ފެށިގެން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެނގޭނެ ޑޮކިއުމަންޓް ހުށަހަޅަން ޖެހޭކަމަށާއި، ބިޑު އެކުލަވައިލުމުގެ އުސޫލުގައި އެކަން ހިމަނާފައި ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.