މުހައްމަދު އައުޒަމް
ބަދަލުހިފުމުގެ ހަމަލާ ދޭނީ އެންމެ ރަނގަޅު ދަނޑިވަޅުގައި ކަމަށް އިރާންގެ ކޮމާންޑަރު ވިދާޅުވެއްޖެއެވެ.
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ އަވަހާރަކޮށްލި ހަމަލާގެ ބަދަލު ހިފުމަށް އިރާނުން ވަނީ މަސައްކަތް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް އެ ހަމަލާ ދޭނީ އެ ގައުމުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ އޯޑަރަށް އެ ހަމަލާ ދިނުމަށް އެންމެ ރަނގަޅު ދަނޑިވަޅުގައި ކަމަށް ރިޕޯޓުތައްވެސް ބުނެއެވެ.
މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާއިރު މިދިޔަ ހަފްތާގައި ހިޒްބުﷲގެ އިސް ކޮމާންޑަރު ފައުދު ޝުކޫރަށް ހަމަލާދީ ބެއިރޫތުގައި ވަނީ އަވަހާރަކޮށްލާފައެވެ.
ލުބުނާނުގެ ހިސްބުﷲ އިން ވެސް ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އަދި އަރަބި ގައުމުތަކުން ވަނީ އެކަމުގެ ސަބަބުން އެންމެ މަތީ އެލާޓަށް އައިސްފައެވެ.
އިރާނުގެ އިސްލާމިކް ރިވެލިއުޝިނަރީގެ ކޮމާންޑަރު އަލީ ފަދުވީ ވަނީ ހަނިއްޔާގެ އަވަހާރަކޮށްލުމުގެ ޒިންމާ އިސްރާއީލުން ނުނެގިޔަސް އެއީ އެމީހުން ކުރިކަމެއް ކަމަށް ވިދާޅުވެފައެވެ. ބަދަލު ހިފާނެ ގޮތުގެ ކަންކަން ކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.