ދުނިޔެ

ބްރެޒިލްގައި ފުލައިޓެއް ވެއްޓި، 62 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ބްރެޒިލްގައި ފުލައިޓެއް ވެއްޓި، 62 މީހުން މަރުވެއްޖެއެވެ.

ބްރެޒިލްގެ ކަސާވެލް އިން ވެރިރަށް ސައުޕޯލޯއަށް މިއަދު ދަތުރުކުރި ފުލައިޓު ވެއްޓިފައިވަނީ ސައުޕޯލޯ ކައިރި އަވަށަކަށެވެ.

ބްރެޒިލަށް ނިސްބަތްވާ ވޮއޭޕާސް އެއާލައިންސްގެ ފުލައިޓެއް ވެއްޓިފައިވާކަން ކަށަވަރުކޮށްދީ، އެ އެއާލައިނުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ފުލައިޓުން ދަތުރުކުރި މީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް އެ އެއާލައިންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޖުމުލަ 58 މީހުންނާއި ހަތަރު ކުރޫއިންނާއެކު ދަތުރުކުރި އެ ފުލައިޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވާ އިރު، އެ ވީޑިއޯތަކުން ފެންނަގޮތުގައި ފުލައިޓު ވެއްޓެނީ ގެތަކެއްގެ މައްޗަށެވެ. ފުލައިޓު ވެއްޓުމާއެކު ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ ކަަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މަރުވެފައިވާ އެންމެންނަކީ ފުލައިޓުން ދަތުރުކުރި މީހުންނެވެ. ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު، އެ ސަރަހައްދުގެ ހޮސްޕިޓަލުތައް ވެސް ކުއްލި ހާލަތަކަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.