އެމްއެމްއޭ

ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ރޭޓިން، "ބީ ޕްލަސް"ގައި

އިބްރާހިމް ޒަކީ

ދިވެހި ދައުލަތުގައިވާ ދަރަނި އަދާ ކުރުމުގެ ގާބިލްކަން "ބީ ޕްލަސް" ސޭވްރިން ކްރެޑިޓް ރޭޓިންގައި ދަމަހައްޓާފައި ވާތީ، ލޯނުދޭ ފަރާތްތަކުގެ އިތުބާރު ބޮޑުވެފައިވާކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކްރެޑިންގ ރޭޓިންގ" ތައްޔާރު ކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިން ސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރޭގައި ހިމެނޭ، މޫޑީސް އިންވެސްޓާސް ސާވިސް (މޫޑީސް) އާއި ޕިޗް ރޭޓިންގސް (ޕިޗް) އަަށް ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

"ސޮވްރިންގ ކްރެޑިޓް ރޭޓިންގ" އަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާ ކުރުމުގެ ގާބިލްކަން ހުރި މިިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއްް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމެންޓްގެ ނަތީޖާއަށް ކިޔާ ނަމެކެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ މާލީ ހާލަތު ރިވިއުކޮށް އެ ރޭޓިން އެޖެންސީން ރާއްޖެއަށް ދީފައިވާ ރޭޓިން، "ބީ ޕްލަސް" ސޭވްރިން ކްރެޑިޓް ރޭޓިންގައި ދަމަހައްޓާފައިވާ ކަމަށެެވެ. އެއީ ލޯން ދޭ އިދާރާތަކާއި އިންވެސްޓަރުން ވަރަށް ބޮޑަށް ބަރޮސާވާ ރޭޓިންގއެއް ކަމަށެވެ.

އެމްއެމްއޭއިން ބުނީ މިއީ 2017 ވަނަ އަހަރު ރޭޓިން ކަނޑައެޅުމަށް ފަހު، އެ އެޖެންސީން މި އަހަރު އެޕްރީލް މަހު ރާއްޖެ އައިސް، ރިވިއު ކުރުމަށް ފަހު ދީފައިވާ ރޭޓިންގއެއް ކަމަށެވެ.

އެމްއެމްއޭއިން ބުނީ، "ބީ ޕްލަސް" ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖޭން ކުރަމުންދާ ހަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި އެކަށޭނަ ގޮތްތަކެއް ރާއްޖޭގައި ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕިޗް އިން ބުނެފައިވާ ކަމަށެވެ. އަދި ރޭޓިންގ ދެމެހެއްޓި ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމާއި އެހެން ވެސް ސިނާއަތްތައް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ، ޖީޑީޕީ ވެސް މިއަހަރު އިތުރުވާނެ ކަމަށް ބެލެވުންވެސް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕިޗްގެ ނިންމުމުން ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތްތަކުގެ މެދުުގައި އޮތް އިތުބާރު ދައްކުވައިދޭކަމަށެވެ.

ޕިޗް އިން ވަނީ، ދައުލަތުގެ ހަރަދުތައް ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތް ވެސް ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ފައިދާވާނެ ގޮތަށް ދާހިލީ ގުޅުންތައް ބަދަހި ކުރުމަށް ކުރާ މަސައްކަތަށް ވެސް މަރުހަބާ ކިޔާފައިވެއެވެ.

މީގެ އިތުރުން ޕިޗްގެ ރޭޓިންގ ގައި ރާއްޖެއަށް ކުރިމތިވެދާނެ ގޮންޖެހުންތައްވެސް ފާހަގަ ކޮށްފައިވެއެވެ.

ހާއްސަ ގޮތެއްގައި އިގްތިސޯދުގެ ބޮޑުބައެއް ހަމައެކަނި ފަތުރުވެރިކަމުުގެ ސިނާއަތަށް ބަރޯސާވުމުގެ ސަބަބުން ކުރިިމަތިވެދާނެ ގޮންޖެހުންތަކާއި، ދަރަނި އިތުރުވުމުން ދިމާވެދާނެ ގޮންޖެހުންތައް ހިމެނެއެވެ.

އެމްއެމްއޭއިން ބުނެފައިވަނީ އެ ގޮންޖެހުންތަކަށް ސަމާލުވެ ފިޔަވަޅުއަޅަމުން އަންނަ ކަމަށެވެ.