ޚަބަރު

50 މިލިއަން ޑޮލަރު މާރުކޮށްފި، ރިޒާވް 708 މިލިއަން ޑޮލަރަށް

ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން މިދިޔަ މަހު 50 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް މާރުކޮށްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިރޭ ޝާއިއުކުރި ރާއްޖޭގެ ރަސްމީ ރިޒާވްއާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅައި ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދުކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ.

އެގޮތުން އެ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާ ބަލައިއިރު 12 ޕަސެނެންޓް އިތުރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ހެދި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް، އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ވަނީ މާރުކޮށްފަ އެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ބޭރު ފައިސާއާބެހޭ ގަވާއިދު ބުނާ ގޮތުން ރިސޯޓެއް ނަމަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެ އެވެ. އެހެންކަމުން ރިސޯޓްތަކުން މި ވަގުތު މާރުކުރަމުން ދަނީ މިދިޔަ އޮކްޓޯބަރު މަހުގެ އާމްދަނީންނެވެ.

ނަމަވެސް އެ ނިންމުމާއި ގުޅިގެން ރިސޯޓް ވިޔަފާވެރިން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިދިޔަ މަހު އަމަލު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގައި ވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރެއް ދީފައެވެ.