ޚަބަރު

ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށްވުރެ 63 މިލިއަން ރުފިޔާ އިތުރުވެފައެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން މިއީ 54 ޕަސެންޓުގެ އިތުރުވުމެކެވެ.

ޔޫޒަބަލް ރިޒާވް އިތުރުވި އިރު ޖުމުލަ ރިޒާވް މިދިޔަ އަހަރު ވަނީ 832 މިލިއަން ޑޮލަރަށް އަރައިފައެވެ.

ރިޒާވްގެ ހާލަތު ރަނގަޅު ވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕުން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭރުގެ ބޭންކެއްގައި ނުބަހައްޓައި އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

ރިޒާވް ހާލަތު ރަނގަޅުވާން ފެށި އިރު ސަރުކާރަށް ފައިސާ ހޯދަން ވެގެން އެމްއެމްއޭ މެދުވެރިވެގެން އެޗްޑީސީން ބިމެއް ގަނެގެން ބޮޑު އަދަދެއް ހޯދުމަށްޓަކައި ފިނޭންސް އާއި އެމްއެމްއޭ އާއެކު ވަނީ މަޝްވަރާކޮށްފައެވެ. އެކަން އަދި ރަސްމީކޮށް އެމްއެމްއޭ އިން ނުބުނި ނަމަވެސް 'ވަން' އަށް އެނގިފައިވާ ގޮތުގައި 20 ބިލިއަނާ ހަމައަށް ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.