މުހައްމަދު އައުޒަމް
އެމެރިކާއިން އުފައްދާ އެފް-16 މަރުކާގެ ހަނގުރާމަމަތީ ޖެޓު ޔޫކްރެއިނަށް ފޮނުވައިފިއެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑީމިރް ޒެލެންސްކީ ވަނީ އެފް-16 މަރުކާގެ ފުރަތަމަ ޖެޓުތައް އެގައުމަށް ލިބިފައިވާކަން ރަސްމީކޮށް އާންމުކުރައްވައިފައެވެ.
ޔޫކްރޭނުގެ ސިއްރު ސަރަހަދެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ޒެލެންސްކީ ވަނީ އެފް-16 މަރުކާގެ ޖެޓުތައް މިހާރު ހުރީ ޔޫކްރޭނުގައި ކަމަށާއި އެކަން ވެސް ޔޫކްރޭނުން ކޮށްފި ކަމަށް ވިދާޅުވެފައެވެ.
ޒެލެންސްކީ ވަނީ ޑެންމާކާއި ނެދަލޭންޑުގެ އިތުރުން އެމެރިކާއިން އެ ޖެޓުތައް ހަވާލުކުރުމަށް ދިން އެހީތަކަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.
ޔޫކްރޭނުގެ ވައިގެ ދިފާއަށް އެފް-16 މަރުކާގެ ޖެޓުތައް ގެނައުމަށް މަސައްކަތްކުރާތާ މިހާރު 18 މަސް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މިފަހަރު ލިބުނު ޖެޓުތަކުގެ ސަބަބުން އެގައުމަށް ސަލާމަތީގޮތުން އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަަމަށްވެސް އޮފިޝަލުން ބުނެއެވެ.
ޔޫކްރޭނަށް ލިބިފައިވަނީ ކިތައް ޖެޓުން ހާމަކޮށްފައި ނުވާއިރު އެމެރިކާއިން މިދިޔަ އަހަރުގެ އޮގަސްޓުމަހު ވަނީ ނޭޓޯގެ ބައެއް ގައުމުތަކަށް އެފް-16 ގެ 65 ޖެޓު ސަޕްލައިކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.