މޯލްޑިވްސް މީޑިއާ ކައުންސިލް

ވަގުތު ނޫހާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު މީޑިއާ ކައުންސިލުން ދީފި

ވަގުތު ނޫހާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) އިން ދީފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ވަގުތު ނޫހަށް އަންގާފައިވަނީ އެކައުންސިލަށް ހުށަހަޅާފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށްޓަކައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރު ނުވެއްޖެނަމަ އެނޫހާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައެވެ.

ވަގުތު ނޫހުގެ ޗީފް އެޑިޓަރާއި ސީނިއާ މުވައްޒަފުން މީޑިއާ ކައުންސިލްގެ ޖަލްސާއަށް ހާޒިރުވުމަށް އަންގާފައިވަނީ 19 މޭ 2019 ވަނަ ދުވަހުގެ 13:00 ގައެވެ. އެއީ ވަގުތު ނޫހާ ދެކޮޅަށް މަފްރޫގު ހަސަން ހުށަހަޅުވާފައިވާ ދެ މައްސަލައަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުށައަޅާފައިވާ މައްސަލައަކާއި، މުހައްމަދު އިޔާޝް ހުށައަޅުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ރޭއްޖެއިން ބޭރަށް ފުރައިގެންދާނަމަ، މީޑިއާ ކައުންސިލްގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން އަމަލުކުރުމަށްވެސް އެ ކައުންސިލުން ވަގުތު ނޫހަށް ވަނީ އަންގައިފައެވެ.