މުހައްމަދު އައުޒަމް
ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ، ހަރަކާތްތެރިވި އިންޑިއާގެ މަސްބޯޓެއް ފައްސާލުމުގެ ތެރޭގައި އެ ބޯޓު ބަންޑުން ޖަހާލައިފިއެވެ.
ލަންކާގެ ކަނޑުގެ ސިފައިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އިންޑިއާ މަސްބޯޓުގެ ފަޅުވެރިއަކު މަރުވެ، އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އެކަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން ގަޔާން ވިކްރަމަސޫރިޔާ ވިދާޅުވީ، ހަތަރު ފަޅުވެރިން ތިބި އެ މަސްބޯޓު ބަންޑުން ޖަހާލީ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ލަންކާގެ ކަނޑުގެ ސިފައިން ބުނީ އެ ހާދިސާގެ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.