އިސްލާމިކް މިނިސްޓްރީ

ސިސިލްފަރު ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަހުށަހަޅައިފި

ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސިސިލްފަރު ގްރޫޕުން އެމިނިސްޓްރީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ މެދު ނުކެނޑި 35 އަހަރު ވަންދެން ދިވެހިން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައި ވަނިކޮށް، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިން ގްރޫޕުތަކަުގެ ތެރޭގައި ސިސިލްފަރު ގްރޫޕު ހިމެނިފައިނުވާތީއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ވެއްދީ މިއަދު ކަމަށެވެ. އޭނާ ވިދާޅުވީ އެޖަމާއަތުން 35 އަހަރު ވަންދެން ހިދުމަތް ދެމުންދިޔައިރު އެއްވެސް ފަރާތަކުން ޝަކުވާކޮށްފައި ނުވާ ކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ޝަކުވާކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް އެ ގްރޫޕުން ހުށަހެޅި ޕްރޮޕޯސަލް، ކޮމެޓީއަކުން ދިރާސާ ކުރި ކަމަށާއި ދިރާސާ ކުރުމުންވެސް 35 އަހަރު ވަންދެން މީހުން ހައްޖަށް ގެންގޮސްދީފައިވާ ސިސިލްފަރު ޖަމާއަތަށް ތަޖުރިބާގެ ބައިން ލިބުނީ ސުން ޕޮއިންޓް ކަމަށެވެ.

އެހެންކަމުން ހައްޖަށް މީހުން ގެންދާނެ ޖަމާއަތްތައް ކަނޑައަޅާފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އިތުރު ހައްލެއް މިނިސްޓްރީ ތެރެއިން ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ދައުވާ ކުރީ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ކަން ކަންކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީިން ބުނީ، މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ފަސް ގްރޫޕަކަށް ހުއްދަ ދިނީ ޕްރޮޕޯސަލް ހުށަހެށި 18 ކުންފުނީގެ ތެރެއިން 12 ކުންފުންޏެއްގެ ޕްރޮޕޯސަލް ފަސް މެންބަރުންގެ ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ކަމަށެވެ.

އެމައްސަލައިގައި ކޯޓަށް ދިޔައީ މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަދިން ޖަމާއަތްތަކުގެ ތެރޭގައި ސިސިލްފަރު ހިމެނިފައި ނުވާއިރު، ލިބިފައިވަނީ ފަސް މާކްސްގެ ތެރެއިން 0 މާކްސްކަމަށްވާތީއެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން، ފަސް ޖަމާއަތަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް އާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

މުހިއްމު ލިޔެކިއުންތައް ނެތުމުގެ އިތުރުން އެހެނިހެން މައްސަލަތަކާ ގުޅިގެން ހަ ޕްރޮޕޯސަލެއް، ޑިސްކޮލިފައިކޮށްފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް 90 ކޯޓާ ވަނީ ދީފައެވެ.

އަދި ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ ހަމަޖައްސާފައިވާނެކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އިތުރު 1000 ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.