ހަނިއްޔާގެ މަރާއި އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ. ބްލިންކެން ވިދާޅުވީ އެ ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނުވާކަމަށާއި ހަމަލާގައި އެއްވެސް ގޮތަކަށް އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މަރާއި އެކު މެދުއިރުމަތީގެ ހޫނުވެފައިވާ މަޝްރަހު އިތުރަށް ކެކި އަރާފައިވާއިރު އެ ހަމަލާގައި އިސްރާއީލާއި އެމެރިކާގެ އަތެއް އޮތްކަމަށް ގިނަބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ އިރާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިއްޔާ ހުންނަވާ ގެކޮޅަށް ދީފައިވާ ހަމަލާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ އަރިސް ބޮޑީގާޑެއްވެސް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.