ދުނިޔެ

ކެރެލާ އިން ނިޕާ ވައިރަސް ޖެހިގެން ކުއްޖަކު މަރުވުމާއެކު އެލާޓަށް

މުހައްމަދު އައުޒަމް

އިންޑިއާގެ ކެރެލާގައި ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވުމާ ގުޅިގެން އެ ސްޓޭޓުން ސިއްހީ އެލާޓް ނެރެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކެރެލާގެ ނިޕާ ވައިރަސް ޖެހިގެން މަރުވި ކުއްޖާއާ ކޮންޓެކްޓްވި މީހުން އެކަހެރިކޮށް ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކެރެލާގައި 60 މީހުންނަށް ނިޕާ ވައިރަސް ޖެހިގެން މިހާރުވެސް ފަރުވާ ދެމުންދާއިރު އެ އެންމެންނަކީވެސް ހައި ރިސްކު ކެޓަގަރީގެ މީހުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުން ކެރެލާގައި ނިފާ ވައިރަސް ފެތުރެން ފެށި ހަތަރު ވަނަ ފަހަރެވެ.

ދުނިޔޭގެ ސިއްހަތާބެހޭ މައި އިދާރާ ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުން، ނިޕާ ވައިރަސް ފެތުރެނީ ޖަނަވާރުންގެ ފަރާތުންނެވެ. އެގޮތުން އޫރާއި ވާލުގެ ސަބަބުން ނިފާ ވައިރަސް އިންސާނުންނަށް ފޯރާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

ނިފާ ވައިރަސް ޖެހޭ ބައެއް މީހުންނަށް ނޭވާ ލުމަށް އުނދަގޫވުމުގެ މައްސަލަ ދިމާވެ، ވައިރަހުގެ އަސަރު ސިކުނޑިއަށްވެސް ކުރެއެވެ.