އީރާނުގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ އޭނާ ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ބަޔާންކުރައްވައި މުޅިދުނިޔެއަށް ހުޅުވައިލެވިފައިވާ ސިޓީފުޅެއް އާއްމު ކުރައްވައިފައެވެ. އިރާނުގެ ސަރުކާރުން އިނގިރޭސި ބަހުން ނެރޭ ނޫހެއް ކަމުގައިވާ ތެހެރާން ޓައިމްސްގައި ޝާއިއު ކުރެވުނު ސިޓީފުޅުގައި ޑރ. ޕަޒިޝްކިޔާން ވަނީ އިރުމަތީގެ ގައުމުތަކަަށް ތައުރީފު ކުރައްވައި ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވެފައެވެ. މި ސިޓީފުޅު އައީ އެމެރިކާގައި ބޭއްވުނު ނޭޓޯގެ މެންބަރު ގައުމުތަކުގެ ވެރިންގެ ސަމިޓް ނިންމައިލިތާ އެއްދުވަސް ފަހުންނެވެ. މި ސަމިޓުގައި ރަޝިޔާ އާއި ޗައިނާ އަދި އީރާނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުކުރެވިފައެވެ. ކޮންމެއަކަސް ޑރ. ޕަޒިޝްކިޔާނުގެ ސިޓީފުޅުގައި ވަނީ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި އީރާނުގެ ޚާރިޖީ ސިޔާސަތަށް ބަދަލުތައް ގެންނަވާނެކަމަށް ވެވަޑައިގެންނެވި ވައުދުތަކާ މުޅިން ތަފާތު ވާހަކަފުޅުތަކެކެވެ.
ޗައިނާއާއި ރަޝިޔާއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި ހުޅަނގުގެ ގައުމުތަކާއެކުވެސް ގުޅުންތައް ހަރުދަނާކުރާނެ ކަމަށް ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އޭނާގެ ސިޓީފުޅުން އެނގިގެންދިޔައީ އެޒާތުގެ ބަދަލުތަކަށް ޖާގައެއްނެތް ކަމެވެ. ދެންވެސް ކުރިއަށްދިއުން އޮތީ އިހުގެ ސިޔާސަތާއެކުގައި ކަމެވެ. ޑރ. ޕަޒިޝްކިޔާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އެންމެ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އީރާނާއެކު ސާބިތުކަންމަތީ ދެމިތިބީ ރަޝިޔާ އާއި ޗައިނާއެވެ. އެހެންވީމާ އީރާނުގެ އައު ސަރުކާރުން ޗައިނާއާއެކު ގުޅުންތައް ބަދަހިކޮށް ދުނިޔޭގެ މިއަދުގެ ހަގީގަތްތައް ގަބޫލުކުރުމާއެކު ދާނީ ކުރިއަށެވެ. ޗައިނާއެކޭ އެއްގޮތަށް ރަޝިޔާއާއެކުވެސް ދަމަހައްޓާނީ ބަދަހި ގުޅުމެކެވެ. އީރާނުގެ ޚާރިޖީ ސިޔާސަތުގެ އުތުރު ތަނޑިއަކީ އިރުމަތީގެ ގައުމުތައް ކަމަށް ޑރ. ޕަޒިޝްކިޔާން ވިދާޅުވާއިރު މީގެ 45 އަހަރު ކުރިން އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ ކުރީކޮޅު އީރާނުގެ އޭރުގެ ރޫހީ ލީޑަރު އާޔަތު ﷲ ޚުމައިނީ އެންމެ ފުރަތަމަ ގެންގުޅުއްވީ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ.
އެ ސިޔާސަތު ބަދަލުވެ އިރުމައްޗަށް ދީލާލަން މަޖްބޫރުވީ އީރާނާ އިދިކޮޅަށް ހުޅަނގުން ގެންގުޅެންފެށި ނޭއްގާނި ސިޔާސަތެއްގެ ސަބަބުންނެވެ. މިހާރު ރަޝިޔާ އާއި އީރާނަކީ ދިފާއީގޮތުން ދެ މިތުރުންނެވެ. ޔުކްރޭނާ ދެކޮޅަަށް ރަޝިޔާއިން ކުރިއަށް ގެންދާ ހަނގުރާމައިގައި އީރާނަކީ ރަޝިޔާއަށް އެންމެ ގިނައިން ޑްރޯނާއި ކުރުރާސްތާގެ ރޮކެޓާއި މިސައިލް ފޯރުކޮށްދޭ ގައުމެވެ. ޑރ. ޕަޒިޝްކިޔާނުގެ ސިޓީފުޅުގައި އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކާމެދު ވިދާޅުވެފައިވެއެވެ. އެމެރިކާއާއި ޔޫރަޕުން ވަނީ ފާއިތުވި އަހަރުތަކުގައި އީރާނުގެ އިގްތިސާދަށް އެތަކެއް ސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުން ދީފައެވެ. އީރާނުގެ ރައްޔިތުންނަށް ދުއްތުރާކޮށް އެތަކެއް ގެއްލުމާއި ހަލާކުވަނީ ދީފައެވެ. އީރާނާމެދު އިންސާފުވެރި ނަޒަރަކުން ބަލައި މަސްރަހު ފިނިކުރަން އުޅުމުގެ ބަދަލުގައި ހުޅަނގުން އިސްކަންދިނީ އީރާން ކުޑަކަކޫ މައްޗަށް ތިރިކޮށް ހުޅަނގުން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ކަމުގައިވެސް ޑރ. ޕަޒިޝްކިޔާނު ވިދާޅުވެފައިވެއެވެ.
ނިއުކުލިއަރ އެއްބަސްވުމަކީ އެއަށް ދެފަރާތުން އެއްވަރަކަށް އަމަލުކުރިނަމަ ނަތީޖާނެރެވޭނެ އެއްބަސްވުމެއްކަން ފާހަގަކުރައްވައި ޑރ. ޕަޒިޝްކިޔާން ވިދާޅުވެފައިވަނީ ހުޅަނގުން ކުރާނަމޭ ބުނި އެއްވެސްކަމެއް ކޮށްފައިނުވާ ކަމަށާއި އަބަދުވެސް ދޫދީ ފަހަތަށް ޖެހެން ލާޒިމުކުރަނީ އީރާނަށް ކަމުގައެވެ. ނިއުކުލިއަރ އެއްބަސްވުމޭ ޑރ. ޕަޒިޝްކިޔާން އެވިދާޅުވަނީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމްގެ ކަންކަން ކުރިއަށްދާގޮތް ބެލުމާމެދު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާމެދު 2015 ވަނަ އަހަރު ގާއިމު ކުރެވުނު އެއްބަސްވުމަށެވެ. މިއީ އީރާނުން އުޅެނީ ނިއުކުލިއަރ ހަތިޔާރު އުފައްދަން ނޫންކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް އީރާނުގެ މަރުކަޒުތަކަށް ވަނުމުގެ ހުއްދަދެވޭ އެއްބަސްވުމެކެވެ. އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ލާޒިމުކުރާ އެއްބަސްވުމެކެވެ. އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕު ހުންނެވި ދުވަސްވަރު އެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެފައެވެ. ބަދަލުގައި އީރާނުން ވަނީ ޔުރޭނިއަމް ފައްކާކުރުން އިތުރުކޮށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ފައްސާލައިފައެވެ.
ޑރ. ޕަޒިޝްކިޔާނުގެ އިންތިޚާބީ ކެމްޕޭނުގެ ދުވަސްވަރު އޭނާ ވަނީ މި އެއްބަސްވުން އަލުން ރުޖޫއަކުރުމަށާއި ހުޅަނގާއެކު އިތުބާރު އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެކަމަކު ހުކުރުދުވަހު އޭނާ އާއްމު ކުރެެއްވި ސިޓީފުޅަށް ރިއާޔަތްކުރާއިރު އޭނާގެ ޒައާމަތުގައި އީރާނުގެ މިސްރާބަކީ ކޮބައިކަން މުޅިން ސާފެއް ނުވެއެވެ. ހުޅަނގާއެކު މަޝްވަރާއަށް ފުރުސަތު އޮތީ ހުޅުވިފައެވެ. އެކަމަކު ގުޅުން އިތުރަށް ގޯސްވެދާނެއެވެ. ރަނގަޅުވެސް ވެދާނެއެވެ. މި ދެގޮތުންކުރެ ކޮންމެ ގޮތެެއްވިޔަސް އެގޮތެއް ބިނާވުންއޮތީ ހުޅަނގުގެ ގައުމުތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ހުޅަނގުން ދޫނުދެންޏާ އީރާނަކުންވެސް އެކަމެއް ނުކުރާނެއެވެ. ކަމަކަށް ކަމެކެވެ. ގަބޫލުކުރެވޭ ގޮތުން ޑރ. ޕަޒިޝްކިޔާން އެވިދާޅުވަނީ އެހެންނެވެ. އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ. ހުޅަނގުގެ ގައުމުތަކާއެކު މަޝްވަރާކުރަން އޭނާ ތައްޔާރެވެ. އެކަމަކު އީރާނަށްވެސް ހައްގުތަކެއް ލިބިގެންވާކަމާއި ހުރުމަތަކާއި އަބުރެެއްވެސް އޮންނާނެކަން ހުޅަނގުން ދަންނަންވާނެ ކަމަށް ވިދާޅުވިއެވެ. މިވަރު ނުދަންނަންޏާ އަދި އިއުތިރާފު ނުވަންޏާ މަޝްވަރާގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް އިންޒާރު ކުރެެއްވިއެވެ.
އީރާނުގެ އައު ސަރުކާރުގެ ވިސްނުމާއި ސިޔާސަތާމެދު މުޅިދުނިޔެއަށް މެސެޖު ދެއްވުމަށް ޑރ. ޕަޒިޝްކިޔާނު އިނގިރޭސި ބަހުން އާއްމު ކުރެއްވި ސިޓީފުޅުގެ ކުރިން އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކަށް އަމާޒު ކުރައްވައި އަރަބި ބަހުންވެސް މިފަދަ ސިޓީފުޚެއް އޭނާ ވަނީ އާއްމު ކުރައްވައިފައެވެ. އެސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އީރާނުގެ ގަސްތަކީ ގައުމުތަކަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އީރާނުގެ އެދުމަކީ ސަރަހައްދުގެ އެންމެން ގުޅިގެން އެކުވެރިކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމެވެ. ބޭރުގެ ނޭއްގާނި ބާރުތަކަށް އެއްވެސް ބަޔަކު ފުރުސަތެެއްނުދީ ސަރަހައްދުގެ ކަރާމާތާއި މަސްލަހަތު އިސްކުރުމެވެ. ޑރ. ޕަޒިޝްކިޔާނުގެ ދެވަނަ ސިޓީފުޅުގައިވެސް މިވާހަކަތައް ތަކުރާރު ކުރައްވާފައިވެއެވެ. އެކުވެރިކަމާއި އަޚުވަންތަކަން އިސްކުރުމަށް އަވަށްޓެރި ގައުމުތަކަށް ގޮވާލައްވާފައިވެއެވެ. މި މެސެޖު ވަކިން ބޮޑަށް އޭނާ ޚާއްސަކުރައްވަނީ ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށެވެ. އަރަބި ދުނިޔޭގައިވާ އީރާނުގެ އެންމެ ބޮޑެތި ހަތުރުންނަކީ އެއީއެވެ.