ދުނިޔެ

ލަންކާގެ ގައުމީ އެއާލައިން "ސްރީލަންކަން" ވިއްކާލުމުގެ މަސައްކަތް މަޑުޖައްސައިފި

މުހައްމަދު އައުޒަމް

ލަންކާގެ ގައުމީ އެއާލައިން ''ސްރީލަންކަން އެއާލައިންސް'' ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލައިފިއެވެ.

ލަންކާގެ ޕްރައިވަޓައިޒޭޝަން އެޖެންސީން ހުކުރު ދުވަހު ވަނީ އެގައުމުގެ ގައުމީ އެއާލައިން ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލަން ނިންމާފައިވާ ކަމަށާއި މިހާތަނަށް އެއާލައިން ގަތުމަށް ހަ ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެއާލައިން ވިއްކާލުމުގެ މަސައްކަތް ފަށައި ޓެންޑާއަށްވެސް ހުޅުވާލިކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާއިން ސްރީލަންކަން އެއާލައިންސް ވިއްކާލުމަށް ނިންމާފައިވަނީ އައިއެމްއެފުން ނަގާފައިވާ ލޯނެއް ދެއްކުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ސްރީލަންކަން އެއާލައިންސް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަ ފަރާތުގެ ތެރެއިން ޝޯޓްލިސްޓް ވެފައިވަނީ ތިން ފަރާތެއް ކަމަށް އޮފިޝަލުން ބުނެއެެވެ. އެތިން ފަރާތުގެ ތެރޭގައި މެލޭޝިއަން އެއާލައިންސްވެސް ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ސްރީލަންކަން އެއާލައިންސް ވިއްކުމުގެ މައްސަލަ އެގައުމުގެ ކެބިނެޓުގައި މިމަހުގެ ކުރީކޮޅު ވަނީ މަޝްވަރާކޮށްފައެވެ. އެ މަޝްވަރާގައިވެސް އެއާލައިން ވިއްކުމުގެ ކަންކަން މަޑު ޖައްސާލަން ނިންމިއެވެ.