މުހައްމަދު އައުޒަމް
ލޭންޑިންގ ގިޔަރު ފެއިލްވެ މިޔަންމާގެ ފްލައިޓެއް އިމަޖެންސީގައި ޖައްސައިފިއެވެ.
މިޔަންމާ އެއާލައިންސްގެ ފްލައިޓް ޔޫބީ-103، 89 މީހުންނާއެކު އެގައުމުގެ މަންޑަލޭ އެއާޕޯޓަށް ޖައްސަން ނޯސް ލޭންޑިންގ ގިޔަރު ތިރިކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ވަނީ އިމަޖެންސީގައި ޖައްސައިފައެވެ.
މި ފްލައިޓު ޖެއްސި އިރު މަންޑަލޭ އެއާޕޯޓް ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.
ފްލައިޓު އިމަޖެންސީގައި ޖެއްސި ވަގުތު ނަގާފައިވާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.
މަންޑަލޭ އެއާޕޯޓްގެ އޮފިޝަލަކު ވަނީ ފްލައިޓަށް މައްސަލަ ދިމާވުމާއެކު ޕައިލެޓު ޖެހުނު މައްސަލަ ހައްލު ކުރަން މަސައްކަތްކުރި ކަމަށާއި ނަމަވެސް ނާކާމިޔާބުވުމާއި ފްލައިޓުން ތެޔޮ ހުސްވާން ކައިރިވުމުން އިމަޖެންސީގައި ޖައްސަން ޖެހުނީ ކަމަށެވެ. އޭނާ އިތުރަށް ބުނީ ރައްކާތެރިކޮށް ފްލައިޓު ޖެއްސުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށެވެ.
އިމަޖެންސީގައި ފްލައިޓު ޖެއްސުމާއެކު ފްލައިޓުގެ ކުރީކޮޅު ރަންވޭ މަތީގައި ގޭނުމުގެ ސަބަބުން އަލިފާން ކަނި އުފެދި ދުން އަރާފައިވެއެވެ. އަދި މި ދުމުގެ އަސަރު ވަނީ ފްލައިޓު ތެރެއަށްވެސް ކޮށްފައެވެ. ނަމަވެސް މިހާދިސަގައި އެއްވެސް މީހަކަށް އަނިޔަވެފައި ނުވެއެވެ.