އިމާދު ލަތީފު
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް މިދިޔަ ހޮނިހިރުދުވަހު ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އުމުރުފުޅުން 78 އަހަރުވީ ޓްރަމްޕަށް ހަމަލާދިނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެެއްވުމުގެ ގޮތުން ޕެންސިލްވޭނިއާ ސްޓޭޓްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ޓްރަމްޕުގެ އިސްތަށިފުޅަށް އަމާޒުކޮށް ބަޑިން ފޮނުވާލި ހަމަލައިން އޭނާގެ ފުރާނަ ސަލާމަތްވިޔަސް ކަންފަތް ވަނީ ޒަޚަމްވެފައެވެ. ޓްރަމްޕުގެ ސަލާމަތީ އެޖެންޓުންނާއި މިހަމަލަދިން މީހާޔާ ދެމެދު ބަދަލުކުރެވުނު އިތުރު ހަމަލާތަކުގައި ދެ މީހަކު މަރުވެ އިތުރު ދެތިން މީހަކު ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހަމަލަދިން މީހާވެސް ހިމެނެއެވެ. އޭނާއަކީ އުމުރުން ވިހި އަހަރުގެ ޒުވާނެއްކަމަށްވާ ތޯމަސް މެތިއު ކްރޫކްސް އެވެ. އެމެރިކާގެ ރައްޔިތެކެވެ. ދޮންމީހެކެވެ. ކޮން ޖަމާއަތަކާ ގުޅުންހުރި މީހެއްކަމެއް އަދި ސާފެއްނޫނެވެ. ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު އަސްލު ސަބަބުވެސް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
އެމެރިކާގެ ރައީސަކު، ރައީސްކަންކޮށްފައިވާ މީހަކު އަދި ރައީސްކަމަށް ވާދަކުރާ މީހަކު ދުނިޔެއިން ވަކިކޮށްލުމަށް ހަމަލަދިނުމަކީ އައުކަމެއް ނޫނެވެ. އެއީ ވަރަށް ގިނައިން ހިނގާފައިވާ އަދި ހިނގަމުން އަންނަ ކަމެކެވެ. ބައެއްފަހަރު ކާމިޔާބުވެއެވެ. މިފަހަރު ޓްރަމްޕަށް ދިން ހަމަލައެކޭ އެއްގޮތަށް ބައެއް ހަމަލަތައް ނާކާމިޔާބެވެ. އެކަމަކު މިފަހަރު މިކަން ހިނގީ ގާތްގަނޑަކަށް 43 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހުގައެވެ. އެންމެފަހުން މިޒާތުގެ ކަމެއް ހިނގީ 1981 ވަނަ އަހަރުއެވެ. ރައީސް ރޮނަލްޑް ރޭގަންގެ ރިޔާސީ ދައުރުގެ ވަރަށް ކުރީކޮޅު ކޮންމެވެސް ހަފުލާއެއްގައި އޭނާ ވާހަކަފުޅު ދައްކަވަނިކޮށް ޖޯން ހިންކްލީއޭ ކިޔުނު މީހަކު އޭނާގެ މެޔަށް ބަޑިޖެހީއެވެ. ރައީސް ރޭގަންގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. ވަރަށް ސީރިއަސްކޮށް ޒަޚަމްވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަދުވަހު ހަސްފަތާލުގައި އޮންނަވަންޖެހިވަޑައިގަތެވެ. މި ހަމަލާ ދެވުނުއިރު ރައީސް ރޭގަންގެ އުމުރުފުޅަކީ 70 އަހަރެވެ.
ރޭގަންގެ ހާދިސާގެ ކުރިން މިޒާތުގެ ކަމެއް ދެން ފެނުނީ 1968 ގައެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް ކެމްޕޭން ކުރައްވަނިކޮށް ބަޑިޖަހައި އަވަހާރަކޮށްލެވުނީ ރޮބަޓް އެފް ކެނެޑީއެވެ. އުމުރުފުޅުން 42 އަހަރުގައެވެ. އޭރު އޭނާއަކީ އެމެރިކާގެ ސެނެޓުގެ މެންބަރެކެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލީ ފަލަސްތީނު މީހެކެވެ. އިޒްރޭލަށް ތާއީދުކުރައްވާތީއެވެ. ރޮބަޓް އެފް ކެނެޑީ އަވަހާރަކޮށްލުމުގެ ފަސް އަހަރު ކުރިން އޭނާގެ ބޭބެ ޖޯން އެފް ކެނެޑީވެސް ވަނީ އަވަހާރަކޮށްލެވިފައެވެ. އެމެރިކާގެ ރައީސްކަމުގައި ހުންނަވަނިކޮށެވެ. އުމުރުފުޅުން 46 އަހަރުގެ ކެނެޑީއަށް ހަމަލަދިނީ ލީ ހާވީ އޮސްވާލްޑް ކިޔުނު މީހެކެވެ. ރައީސްކަމުގައި ހުންނަވަނިކޮށް އެންމެފަހުން އަވަހާރަކޮށްލެވުނު ބޭފުޅަކީ ކެނެޑީއެވެ. އަދި ރައީސްކަން ކުރެެއްވި ބޭފުޅުންގެ ތެރެއިންވެސް މިޒާތުގެ ހަމަލައެއްގައި އެންމެފަހުން އަވަހާރަވި ބޭފުޅަކީ ކެނެޑީއެވެ.
ކެނެޑީ ހާދިސާގެ ކުރިން ދެން މިޒާތުގެ ކަމެއް ފެނިފައިވަނީ 1912 ވަނަ އަހަރުއެވެ. ރައީސް ތިއޮޑޯރ ރޫޒްވެލްޓްގެ ރިޔާސަތުގެ ދެވަނަ ދައުރުގައި ކެމްޕޭނު އެއްވުމެއްގައި އޭނާ ވާހަކަފުޅު ދައްކަވަނިކޮށް ކޮންމެވެސް މީހަކު ބަޑިޖެހީ ސީދާ އޭނާގެ މެޔަށެވެ. ހަމަލަ އަމާޒުވެ ޒަޚަމްވެވަޑައިގަތަސް ރައީސް ރޫޒްވެލްޓް އޭނާގެ ތަގުރީރު ކުރިއަށް ގެންދެވިއެވެ. ފަރުވާ ހޯއްދެވީ ތަގުރީރު ނިންމަވައިލެއްވުމަށްފަހުގައެވެ. ރައީސް ރޫޒްވެލްޓްގެ ފުރާނަ އެފަހަރު ސަލާމަތް ކުރެވުނަސް އޭނާގެ ކުރިން ރައީސްކަން ކުރެއްވި ވިލިއަމް މެކިންލީގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. ރައީސް ވިލިއަމް މެކިންލީގެ ރިޔާސަތުގެ ދެވަނަ ދައުރުގައި 1901 ވަނަ އަހަރު އޭނާ އަވަހާރަކޮށްލެވުނީ ބަނޑަށް ބަޑިޖަހައިގެންނެވެ. ދެ ތަނަކުން ބަނޑު ފޫއަޅުވާލާފައިވެއެވެ. އޭނާ އަވަހާރަވީ މި ހަމަލައަށް އެއް ހަފުތާފަހުންނެވެ. ހަސްފަތާލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭރު އުމުރުފުޅަކީ 58 އަހަރެވެ. މިކަމެއް ހިނގީ ނިއުޔޯކް ސްޓޭޓްގައެވެ.
ރައީސް ވިލިއަމް މެކިންލީގެ ކުރިން ދެން މިޒާތުގެ ކަމެއް ހިނގާފައިވަނީ 1881 ގައެވެ. އެފަހަރު އަވަހާރަކޮށްލެވުނީ ރައީސް ޖޭމްސް ގާރފީލްޑެވެ. އޭނާގެ ކަނދުރާޔާއި ބުރަކަށްޓަށް ބަޑިން ހަމަލާދިނީ ފަހަތުންނެވެ. މިކަމެއްކުރީ ނާއިބުރައީސް ޗެސްޓަރ އާތަރގެ ސަޕޯޓަރެކެވެ. ރައީސް ގާފީލްޑް އަވަހާރަވީ މި ޒަޚަމްތަކުގެ ސަބަބުން އޭގެ ދެ މަސްފަހުންނެވެ. އޭނާ އަވަހާރަވުމުން އެމެރިކާގެ އެކާވީސްވަނަ ރައީސްގެ ގޮތުގައި ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ނާއިބުރައީސް ޗެސްޓަރ އާތަރއެވެ. ރައީސް ގާފީލްޑް އަވަހާރަކޮށްލުމުގެ ސޯޅަ އަހަރު ކުރިން 1865 ގައި ރައީސަކު އަވަހާރަކޮށްލުމުގެ އެހެން ހާދިސާއެއް ވަނީ ހިނގައިފައެވެ. އެފަހަރު އަވަހާރަކޮށްލީ ރައީސް އެބްރަހަމް ލިންކަންއެވެ. ރައީސް ލިންކަން އަވަހާރަކޮށްލެވުނީ އަނބިކަނބަލުންނާއެކު ވެރިރަށް ވޮޝިންޓަނުގެ ތިއޭޓަރަކަށް ވަޑައިގެން އުޅުއްވަނިކޮށް ފަހަތުން ފިސްތޯލަ ޖަހައިގެންނެވެ. މިކަންކުރީ ތަމްސީލު ކުޅުމަށް މަޝްހޫރު މުމައްސިލެކެވެ.
އެމެރިކާގެ ރައީސަކަށް ހަމަލަދީ އަވަހާރަކޮށްލަން އުޅުމުގެ ފުރަތަމަ ހާދިސާ ހިނގީ 1835 ގައެވެ. ރައީސް އެންޑްރޫ ޖެކްސަންގެ ދައުރުގައެވެ. އޭނާއަކީ އެމެރިކާގެ ހަތްވަނަ ރައީސެވެ. އެމެރިކާގެ ވިހި ޑޮލަރުގެ ނޫޓުގައި ހުންނަ ތަސްވީރަކީ އެންޑްރޫ ޖެކްސަންގެ ތަސްވީރެވެ. ރައީސް ޖެކްސަނަށް ހަމަލަދީ އަވަހާރަކޮށްލުމަށް މަސައްކަތްކުރީ ތަންތަނުގައި ދަވާދުލާން އުޅުނު ވަރަށް އާދައިގެ މީހެކެވެ. ކަންދިމާކުރިގޮތުން ދެ ފަހަރަކު އުންޑަ ފޮނުވާލައިގެންވެސް ރައީސް ޖެކްސަންގެ ގަޔަކަށް ނޭރިއެވެ. އެހިސާބުން ސަލާމަތީ އެޖެންޓުން އަވަސް އަވަހަށް އެކަލޭގެ މައިތިރިކޮށް ހައްޔަރުކުރީއެވެ. އެކަމަކު ސަރިޔަތުގައި އޭނާ ކުށްވެރިވާ ކަމަކަށް ނުނިންމައެވެ. ސިކުނޑީގެ އުނިކަމެއް ހުންނަ މޮޔައެއްކަމަށް ނިންމައި ދޫކޮށްލީއެވެ. މިކަމެއް ހިނގީ ރައީސް ޖެކްސަންގެ ރިޔާސަތުގެ ދެވަނަ ދައުރުގެ ތިންވަނަ އަހަރުއެވެ. ރައީސް ޖެކްސަން އަވަހާރަވީ މި ހާދިސާއަށް ބާރަ އަހަރު ފަހުން 1847 ގައެވެ.