މުހައްމަދު އައުޒަމް
އިންޑިއާ މީހަކު ހޮސްޕިޓަލެއްގެ ލިފްޓެއްގައި 42 ގަޑިއިރު ވަންދެން ތާށިވެއްޖެއެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުންނަ ހޮސްޕިޓަލެއްގެ ލިފްޓުގައި ތާށިވެފައިވަނީ އެ ގައުމުގެ ރަވިންދުރަން ނައިރް ނަމަކަށް ކިޔާ އުމުރުން 59 އަހަރުގެ މީހެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަވިންދުރަން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު އޭނާ ދައްކަން ޖެހޭ ޑޮކްޓަރު ހުންނަ ކޮޓަރިއަށް ދިއުމަށް އެ ހޮސްޕިޓަލުގެ ލިފްޓަށް ވަދެފައިކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އޭނާއަށް އެތަނުން ނިކުމެވިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ރަވިންދުރަންގެ އާއިލާގެ މީހުން ފުރަތަމަ ހީކުރީ އޭނާ ދިޔައީ މަސައްކަތައް ކަމަށް ނަމަވެސް ފަހުން ލަސްވުމުން ފުލުހުންނަށް ހުށަހަޅައިގެން ހޯދަން ފެށީ ކަމަށް އޮފިޝަލުން ބުނެއެވެ.
އޭނާ ފެނިފައިވަނީ ހޯމަ ދުވަހު ހެނދުނު ލިފްޓު އޮޕަރޭޓަރުން ލިފްޓު ހުޅުވުމުން ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެއެވެ. ރަވިންދުރަން ފެނުމާއެކު ވަނީ އެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ފަށާފައެވެ. އޭނާ ވަނީ ފެންމަދުވެ ގައިބާރު ދޫވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަވިންދުރަން އާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އޭނާ ލިފްޓުގައި ތާށިވުމުން މީހުންނަށް ގޮވުމަށް މަސައްކަތް ކުރިކަމަށާއި ދަންނަ އެންމެނަށް ގުޅަން މަސައްކަތް ކުރި ކަމަށް ވެސް ބުނެފައެވެ. ނަމަވެސް ރޭންޖު ނުލިބުމުން ގުޅޭގޮތް ވަނީ ނުވެފައެވެ.
ކެރެލާ ސަރުކާރުން ވަނީ ހޮސްޕިޓަލުގެ ލިފްޓު ތާށިވީ މައްސަލައިގެ ތަހުގީގެއް ފަށާފައެވެ. އެކަމުގައި ޒިންމާވާ ތިން ޓެކްނީޝަނުން ވަނީ ސަސްޕެންޑު ކޮށްފައިކަމަށް އޮފިޝަލުން ބުނެއެވެ.