އިބްރާހިމް ޒަކީ
ހައްޖަށް މީހުން ގެންދާ އަގު ކުރިއަށްއޮތް ތަނުގައި ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މިނިސްޓްރީގެ ވިސްނުމަކީ ހައްޖަށްދާ ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެނީ ކޮން ކުންފުނިތަކަކުންތޯ ވަޒަންކުރުން ކަމަށެވެ.
އެއަށްފަހު، ތަފްސީލީ ދިރާސާއެއް ހެދުމަށްފަހު، މީހުން ހައްޖަށް ގެންދިއުމަށް މިނިސްޓްރީން ވަކި އަގެއް ކަނޑައަޅައި އެ އަގަށް މީހުން ހައްޖަށްގެންދާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަކީ މިނިިސްޓްރީގެ ވިސްނުންކަމަށް އޭނާ ވިދާޅުވިއެވެ.
"މިނސިްޓްރީގެ ވަރަށްބޮޑު ވިސްނުމެއްް އެއީ ތަފްސީލީ ދިރާސާއެއް އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ހެދިއްޖެކަމަށްވާނަމަ ކުރިއަށްއޮތް ތަނުގައި އަގަށް އަޅުގަނޑުމެން މިދޭ އިންސައްތަ ހަމަ އެއްކޮށް ކަނޑާލައިފަ، ވަކި އަގެއް ބުނުމަށްފަހު މި އަގަށް ކުރިމަތިލައްވާ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހެޅުއްވުމަށް ކުންފުނިތަކަށް ހުޅުވާލުން، އެވިސްނުން މިނިސްޓްރީގެ އެބަހުރި،" ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ، މިއަހަރު ހަޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު 6 ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދިއުމަށް ނަގަނީ، 69،965 ރުފިޔާކަމަށެވެ.
އަމިއްލަ އަނެއް ފަސް ގްރޫޕުގެ ތެރެއިން ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް 72،550 ރުފިޔާ، ޒައީމާ ގްރޫޕު ޕްރައިވެޓް ލިމިޓެޑުން 70،000 ރުފިޔާ، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް 69،969 ރުފިޔާ އެކްރޯ ޕްރައިވެޓް ލިމިޓެޑް 59،965 އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 69،965 ރުފިޔާކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.