އިސްލާމިކް މިނިސްޓްރީ

ހައްޖު ކޯޕަރޭޝަނާ އެކު ހަ ކުންފުންޏަކަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފި

މަރިޔަމް ޝަހުދާ

ހައްޖު ކޯޕަރޭޝަނާ އެކު ހަ ކުންފުންޏަކަށް މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފި އެވެ.

މިކަން އިއުލާނުކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގެ ތެރެއިންނެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ އިތުރަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކުގެ ނަންތައް ތިރީގައި އެވަނީ އެވެ.

- ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް

- ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

- މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް

- އެކްރޯ ޕްރައިވެޓް ލިމިޓެޑް

- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މި ފަސް ކުންފުންޏަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ޕްރޮޕޯސަލް ހުށަހެށި 18 ކުންފުނީގެ ތެރެއިން 12 ކުންފުންޏެއްގެ ޕްރޮޕޯސަލް ފަސް މެންބަރުންގެ ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ހަ ޕްރޮޕޯސަލެއް، މުހިއްމު ލިޔެކިއުންތައް ނެތުމުގެ އިތުރުން އެހެނިހެން މައްސަލަތަކާ ގުޅިގެން ޑިސްކޮލިފައިކޮށްފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް 90 ކޯޓާ ވަނީ ދީފައެވެ. އަދި ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ ހަމަޖައްސާފައިވާނެކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އިތުރު 1000 ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ހައްޖަށް މީހުންގެންދިއުމަށް ހުއްދަ ލިބޭ ކުންފުނިތަކުން އަމަލު ކުރާނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި، އެ އުސޫލުތަކަށް އަމަލު ނުކުރާ ނުވަތަ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފިކަން ސާބިތުވެއްޖެ ނަމަ އެ ކުންފުންޏެއްގެ ހުއްދަ ބާތިލުކޮށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.