ތައިލެންޑުގެ "މާޔާ ބޭ" 2021 ވަނަ އަހަރު ހުޅުވާގޮތަށް ނިންމައިފިއެވެ.
ތައިލެންޑަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު "މާޔާ ބޭ" އަށް ޒިޔާރަތްކުރާ ފަރާތްތައް ގިނަވެ، އެހިސާބުގެ ތިމާވެއްޓަށް ނުރައްކާވެފައިވުމާއެކު ތައިލެންޑުގެ ނެޝަނަލް ޕާކްސް ޑިޕާޓްމަންޓުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައި އެތަން ބަންދުކޮށްފައެެވެ.
ތައިލެންޑުގެ ނެޝަނަލް ޕާކްސް ޑިޕާޓްމަންޓުން އެބީޗު ބަންދު ކުރުމަށްފަހު މުރަކަ އިންދައި އާލާ ކުރުމުގެ ޕޮރޮގްރާމެއް މިދިޔަ އަހަރު ފެއްޓިއެވެ. 10،000 މުރަކަ އިންދައި އެހިސާބުގަނޑުގެ ފަރު އިތުރައް ތަރައްގީ ކުރަން ފެށިއެވެ. ނަމަވެސް ދާދިފަހުން ތައިލެންޑަށް ކުރިމަތިވި ހޫނުގަދަވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުރަކަ މަރުވިއެވެ. ހޫނުގަދަވުމުގެ ސަބަބުން ކަނޑުގެ ފިނި ހޫނުމިން 30 ޑިގްރީއަށް މަތިވިއެވެ.
ތައިލެންޑުގެ ނެޝަނަލް ޕާކްސް ޑިޕާޓްމަންޓުން ވަނީ މަރުވި މުރަކައިގެ ބަދަލުގައި އިތުރު މުރަކަ އިންދައި ހެދި ބޮޑުވުމަށް ވަގުތު ދިނުމުގެ ގޮތުން ބީޗު ހުޅުވާދުވަހަށް ބަދަލުގެނެސްފައެވެ. އެގުތުން ބޮޑެތި ބަދަލުތަކާއެކު 2021 ވަނަ އަހަރު ބީޗް ހުޅުވާނެކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އާ ފްލޯޓިންގ ޑޮކެއްގެ އިތުރުން ހިދުމަތް ދިނުމަށް، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިމާރާތްތައް އަލުން ޑިޒައިން ކުރުމަށް ވަނީ ނިންމައިފައެވެ.
"މާޔާ ބޭ" ބީޗު ފަތުރުވެރިންގެ މެދުގައި މަޝްހޫރުވެގެން ދިޔައީ ހޮލީވުޑްއިން ވިދާލި ފިލްމު 'ދަ ބީޗް 'ގެ ސަބަބުންނެވެ. އެ ފިލްމުގެ މަންޒަރުތައް ކުޅެފައިވަނީ "މާޔާ ބޭ" ގައެވެ.