ދުނިޔެ

ޓްރަމްޕަށް ހަމަލާދިން ކްރޫކްސް އަކީ ކާކު؟

މުހައްމަދު އައުޒަމް

އެމެރިކާގެ ރިޔާސީ ރޭހުގެ އެއް ކެންޑިޑޭޓް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި ސަޕޯޓަރުންނާއ އެކު ބޭއްވި ރެލީއެއްގެ ތެރެއަށް ބަޑިޖަހައިގެން ދިން ހަމަލާގައި ޓްރަމްޕް ސަލާމަތް ވެފައިވަނީ ހަނި ގޮތަކަށެވެ.

މި ހަމަލާ ދިން މީހާ ވަނީ ހަމަ އެ ވަގުތު މަރާލައިފައެވެ.

އެ ހަމަލާގައި ޓްރަމްޕަށް އަނިޔާވެފައިވާއިރު ރެލީގައި ބައިވެރިވި މީހަކު މަރުވެ ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މުޅި އެމެރިކާ ސިއްސުވާލި އެ ހާދިސާގައި ޓްރަމްޕަށް ހަމަލާދިން މީހާގެ މައުލޫމާތު އެމެރިކާގެ އެފްބީއައި އިން ވަނީ ހާމަކޮށްފައެވެ. އެފްބީއައި އިން ބުނެފައިވާ ގޮތުގައި، އެ ހަމަލާ ދީފައިވަނީ އެމެރިކާ އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ނަމަކަށް ކިޔާ މީހެކެވެ.

ހަމަލާ ދިން ވަގުތު ކްރޫކްސް އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތް ކަމަށް އެފްބީއައި އިން ބުނެއެވެ. ކްރޫކްސްގެ މައުލޫމާތު ހޯދުމަށް އެފްބީއައި އިން ވަނީ އޭނާގެ ޑީއެންއޭ ނަގައި ތަހުލީލުކޮށްފައެވެ.

ކްރޫކްސް އަކީ އެމެރިކާގެ ޕެންސީލްވޭނިއާގެ ބީތެލް ޕާކް އަށް އުފަން މީހެއް ކަމަށް އެފްބީއައި އިން ބުނެއެވެ. ބީތެލް ޕާކް ހައި ސްކޫލުން 2022 ވަނަ އަހަރު ގްރެޖުއޭޓް ވެފައިވާ ކްރޫކްސް އަކީ ސިޔާސީ ކަންކަމުގައި ވެސް ހަރަކާތްތެރިވާ މީހެއް ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ވޯޓުދޭ މީހުންގެ ރިކޯޑްތަކުން ދައްކާގޮތުން ކްރޫކްސް އަކީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ސިޔާސީ ކަންކަމަށް އެހީގެ ގޮތުގައި 15 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައިކަމަށްވެސް ރެކޯޑުތަކުން ދައްކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެފްބީއައި އިން ކުރިޔަށްގެންދާ ތަހުގީގުން މިހާތަނަށް ހާމަވާގޮތުން ޓްރަމްޕަށް ހަމަލާ ދިނުމަށް ކްރޫކްސް ބޭނުންކޮށްފައިވާ ބަޑިއަކީ އޭނާގެ ބައްޕަ ގަނެފައިވާ ބަޑިއެކެވެ. އެ ބަޑި ގަނެފައިވަނީ މީގެ ހަމަސް ކުރީން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކްރޫކްސްގެ ގެ ހިމެނޭ ސަރަހައްދު ބަންދު ކޮށްގެން އެފްބީއައި އިން ތަހުގީގު ފުޅާކޮށްފައިވާއިރު ތަހުގީގުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާ އެ ހަމަލާ ދިން ސަބަބު ދެނެގަތުމަށް ކަމަށްވެސް އެފްބީއައިއިން ބުނެފައިވެއެވެ.

އެފްބީއައިއިން ބުނެފައިވާ ގޮތުގައި ކްރޫކްސް ގެ އާއިލާއިން އަންނަނީ މި ތަހުގީގަށް އެއްބާރުލުން ދެމުންނެވެ.