ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ސްޕޮންސަރުންނާއި ޕާޓްނަރުން މިއަދު އިއުލާންކޮށްފިއެވެ.
މި އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް އަންނަ އޮގަސްޓް މަހުގެ އެކަކުން ނުވައަކަށް ވަރުނުލާ ރާޅުގަނޑުގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެ އިވެންޓުގައިވެސް ދުނިޔޭގެ އެންމެ މޮޅެތި ބޮޑީބޯޑަރުން ބައިވެރިވާނެއެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވޯލްޑް ޓުއާގެ އިވެންޓްތައް ކާމިޔާބު ކަމާއެކު ހޯސްޓް ކޮށްފައިވާއިރު، އެ ދެ މުބާރާތާއި މި އަހަރުގެ މުބާރާތުގެވެސް ޓައިޓަލް ސްޕޮންސަރަކީ ވިސިޓް މޯލްޑިވްސްއެވެ. އޭގެ އިތުރުން އިވެންޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން އިވެންޓުތައް އިންސާފުކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެ އިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މި އަހަރުވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުން މުބާރާތުން ފެނިގެންދާނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަން ޕިއޭ ލުއީ ކޮސްޓެސް މި އަހަރުވެސް އެނބުރި އަންނާނެކަން ވަނީ ޔަގީންވެފައެވެ.
މިއަދުގެ އިވެންޓްގައި މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ބޮޑީބޯޑިން ބައިނަލްއަގުވާމީ އިވެންޓެއް ބޭއްވިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާއެކު ދިވެހި އެތުލީޓުން މި ފަހަރުވެސް ވިދާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑެތި ކާމިޔާބީތައް މި މުބާރާތުގައި ދިވެހި އެތުލީޓުން ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ ބޮޑީބޯޑިންގެ ކުރިމަގަށް އަބަދުވެސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް މިހާތަނަށް ވެފައިވަނީ ކާމިޔާބު އިވެންޓަކަށެވެ. ފުރަތަމަ އަހަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ޖޫނިއާ ބައިން އާމިން އުމަރު މޫސާ ވަނީ ފައިނަލަށްވެސް ގޮސްފައެވެ.
އޭގެފަހުން މިދިޔަ އަހަރުވެސް އާމިން ސެމީގައި ވާދަކޮށްފައިވާ އިރު، މިދިޔަ އަހަރު ރާއްޖޭގެ އަލީ ޝާމް ވަނީ ފިރިހެން އޯޕަން ޑިވިޝަންގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް ބަލިކޮށް ތަފާތު ދައްކައިފައެވެ.
އެއާއެކު މިދިޔަ އަހަރުގެ މުބާރާތް ތާރީހީ މުބާރާތަކަށްވީ ޑްރޮޕް ނީ ކެޓަގަރީގެ ދުނިޔޭގެ ޗެމްޕިއަންކަން ރާއްޖޭގެ މޯލްޑިވްސް ޕްރޯއިން ޑޭވިޑް ހުބާޑް ޔަގީން ކުރުމުންނެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.