ސިނަމާލެ ބްރިޖް

ސާފިން ސްޓޭޑިއަމް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބްރިޖު ޕްލެޓްފޯމް ރޫޅާލައިފި

ބޮޑީބޯޑިންގެ އިތުރުން ސާފިން މުބާރާތްތައް ބޭއްވުމުގެ އިންތިޒާމު ރަނގަޅުކުރުމަށް ވަރުނުލާ ރާޅުގަނޑުގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތަށް ސިނަމާލޭ ބްރިޖު ޕްލެޓްފޯމް ރޫޅާލައިފިއެވެ.

ވަރުނުލާ ރާޅުގަނޑުގައި ގާއިމުކުރަން ތައްޔާރުވެފައިވާ ސާފިންނާއި ބޮޑީބޯޑިންނަށް ހާއްސަ އެރީނާ ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެންމެ ފުރަތަމަ ވިދާޅުވީ ޖޫން މަހުގެ ތެރޭގައެވެ. ރާފިއު އެހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތް، މޯލްޑިވްސް ޕްރޯ ރަސްމީކޮށް އިއުލާނުކުރުމަށް ބޯޅަ ގޭގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ.

ސާފިން އެރީނާގެ މަސައްކަތް ފަށަން ބްރިޖު ޕްލެޓްފޯމުގެ ފުރާޅުގަނޑު އެއްކޮށް ނަގައި، މިހާރު ވަނީ ސިޑިބަރިތައްވެސް އެއްކޮށް ނަގައިފައެވެ. އެ މަސައްކަތް ކުރިއަށް ގެންދާނެ ޝެޑިއުލެއް އަދި ހާމަކޮށްފައިނުވާ އިރު، މަސައްކަތް ނިމޭނެ ތާރީހެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިހާރުވެސް ސާފިން އަދި ބޮޑީބޯޑިން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓް ކުރަމުންދާ އިރު، ބްރިޖު ޕްލެޓްފޯމް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މުބާރާތަކީ އައިބީސީ ވޯލްޑް ޓުއާ އިވެންޓެއް ކަމަށްވާ މޯލްޑިވްސް ޕްރޯއެވެ. ސާފިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަމުން ދަނީ ތުލުސްދޫގައެވެ.

ސާފިން ސްޓޭޑިއަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހޮންކޮންގުގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީއާ ދެމެދު އޭޕްރީލް މަހު ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް، އެ މަސައްކަތުގެ ތަފްސީލު އަދި އާއްމުކޮށްފައެއް ނުވެއެވެ.