ޚަބަރު

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ ބޮޑުބައި ނިމިއްޖެ

ފާތިމަތު ލިޔުޝާ

މާލޭ ސަރަހައްދުގައި ފޯރުކޮށްދޭ ފެނުގެ ހިދުމަތުފެ ފެންވަރު ރަނގަޅު ކުރުމަށް، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން އިއްޔެ ބުނީ، މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓަރު، 5 ކިލޯމީޓަރު ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރު ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލޭގައި ގާއިމުކުރާ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ވަނީ ފަށައިފައި ކަމަށާއި އެގޮތުން، މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ 25 ޕަސަންޓުގެ މަސައްކަތް ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ 60 ޕަސަންޓު މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕަމްޕްސްޓޭޝަންތަކުގެ އިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކަމަށާއި އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ނިޒާމްގެ ބޭނުންކުރަން ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށާއި އޭގެސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެކަމަށްވެސް އެކުންފުނިން ބުންޏެވެ.

2016 ވަނަ އަހަރު ފެށި، އެ މަޝްރޫއުގެ މުހިންމު ބައެއް މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާ ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު އެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީން ވަނީ އަލުން ފަށައިފައެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމާއެކު ހިދުމަތުގެ ފެންވަރާއި ކަށަވަރުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.