ޖޫނިއާ އެތުލީޓުންނަށްވެސް ބޮޑީބޯޑިން ގައުމީ ސީނިއާ ޓީމަށް އެރޭނެ ގޮތަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ގައުމީ ޓީމު އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.
އެމްބީބީއޭއިން އެ ބަދަލު ގެންނަން ނިންމާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައެވެ. މިއަހަރުގެ އާއްމު ޖަލްސާގައި އެމްބީބީއޭގެ ވޯޓިން 15 މެމްބަރުގެ ތެރެއިން 10 މެމްބަރުން ބައިވެރިވެފައިވެއެވެ. އަދި އާއްމު ޖަލްސާގައި އޮބްޒާވަރުންގެ ގޮތުގައި ނޭޝަނަލް ސްޕޯޓްސް ކައުންސިލް އަދި ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން ވެސް މަންދޫބުން ބައިވެރިވެފައިވެއެވެ.
އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް (ނިޒޯ) ޗެއާ ކުރެއްވި އާއްމު ޖަލްސާގައި އަސާސީ ގަވާއިދަށް ބައެއް ކުދިކުދި ބަދަލުތައް ގެންނަން ފާސްކޮށްފައިވެއެވެ. އެއީ އެތުލީޓުންގެ ކޮމިޓީގެ އިތުރުން ޓެކްނިކަލް އަދި ފައިނޭންޝަލް ކޮމިޓީތައް ތައާރަފް ކުރުމަށް ފާސްކުރުމުގެ އިތުރުން ގައުމީ ޓީމުގެ އޮނިގަނޑަށްވެސް ބަދަލު ގެނައުމަށެވެ.
މީގެ ކުރިން ޖޫނިއާ އެތުލީޓުން ސީނިއާ ޓީމުގައި ނުހިމެނޭ ނަމަވެސް، ދެން މިއަހަރުން ފެށިގެން ޖޫނިއާ އެތުލީޓުންނަށް ވެސް ސީނިއާ ޓީމުން ފުރުސަތު އޮންނާނެއެވެ. އެގޮތަށް ނިންމުން ނިންމާފައިވާ އިރު، މިދިޔަ އަހަރު ވެސް ގައުމީ ބޮޑީބޯޑިން ރޭންކިންގައި ވެސް ޖޫނިއާ އެތުލީޓުން ތަފާތު ދެއްކިއެވެ. ހާއްސަކޮށް ލީގުގެ އެންމެ ވަރުގަދަ އެއް އިވެންޓް، ބަނޑުފިލާ ޗެލެންޖް ވެސް ކާމިޔާބުކުރީ 16 އަހަރުގެ އިޔަން އަހުމަދެވެ.
އެމްބީބީއޭގެ އަހަރީ އާއްމު ޖަލްސާގައި މިއަހަރަށް، 6.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް އިއްތިފާގުން ފާސްކޮށްފައިވެއެވެ. އެ ބަޖެޓާއެކު ކަލަންޑަރު ވެސް ފާސްކޮށްފައިވާ އިރު، އެމްބީބީއޭއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމެވެ.
އަހަރީ އާއްމު ޖަލްސާގައި އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ އިބްރާހީމް ފާހަގަކުރައްވާފައި ވަނީ 2022 އަދި 2023 ވަނަ އަހަރުގެ ބައެއް ޕޭމަންޓްތައް އަދި ނުނިމި އެބަހުރި ކަމަށާއި 2024 ވަނަ އަހަރު ހަރަދު ކުޑަކުރެވުނު ނަމަވެސް، ކުރިން ނުނިމި ހުރި ޕޭމަންޓްތަކާ އެކު މިއަހަރުގެ އިވެންޓްތަކަށް ދަތިތަކެއް ހުންނާނެ ކަމަށެވެ.
މިދިޔަ އަހަރުތަކުގައި އައިބީސީ ވޯލްޑް ޓުއާގެ، ވިސިޓް މޯލްޑިވްސް ޕްރޯ ރާއްޖޭގައި ކާމިޔާބުކަމާ އެކު އެމްބީބީއޭއިން ހޯސްޓް ކުރަމުން އަންނަ ނަމަވެސް، މިއަހަރު އަދި އޮތީ އެ އިވެންޓް ނުބާއްވާ ގޮތަށެވެ. އެއީ ފައިސާގެ ދަތިކަން ހުރުމުންނެވެ.