ކެމްޕޭނު ރެލީއެއްގައި ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާ ދީފިއެވެ.
އެމެރިކާގެ ރިޔާސީ ރޭހުގެ އެއް ކެންޑިޑޭޓް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި ސަޕޯޓަރުންނާއި އެކު ބޭއްވި ރެލީއެއްގެ ތެރޭގައި ބަޑިޖަހައިގެން ދިން ހަމަލާގައި ޓްރަމްޕް ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ޓްރަމްޕް އަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުން ޓްރަމްޕްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަނިކޮށް ދެ ފަހަރަކު ބަޑިޖަހާ އަޑު އިވެއެވެ. އެއާއިއެކު ޓްރަމްޕު ޕޯޑިއަމް ތިރިއަށް ވެއްޓޭތަން ފެނެއެވެ. ޓްރަމްޕް ވެއްޓުމާއެކު ބޮޑީގާޑުން ޓްރަމްޕް ވަށާލައި ކޮޅަށް ތެދުކޮށް އެ ސަރަހައްދުން ނެރެގެން ގެންދާތަން ފެނެއެވެ.
ހަމަލާއަށްފަހު ޓްރަމްޕްގެ ކަނާތު ކަންފަތާއި ދިމާލުން ލޭ ފެންނަން ހުރެއެވެ.
މި ރެލީގައި ޓްރަމްޕަށް ހަމަލާ ދީފައިވަނީ ރެލީ ކުރިޔަށްދިޔަ ސަރަހައްދާ ދިމާލުގައި ހުރި ފުރާޅެއްގެ މަތީ ހުރެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ސީކްރެޓް ސާވިސްއިން ވަނީ އެމީހާ މަރާލާފައެވެ.
ރެލީގައި ބައިވެރިވި ޓްރަމްޕުގެ ސަޕޯޓަރަކު މި ހާދިސާގައި މަރުވެފައިވާއިރު އެ ސަރަހައްދުގައި ތިބި އިތުރު ދެމީހަކަށް އަނިޔާވެފައިވާކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހާދިސާ ހިނގުމާއެކު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ މިއީ ހިނގައިގެން ވާނޭ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމުން ދުރުވެ އެމެރިކާ އެކަތިގަނޑަކަށް ވާން ޖެހޭކަމަށް ވިދާޅުވެފައެވެ.
ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ އެމެރިކާގެ އެޕްބީއައި އިން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.