ޔޫރޯ 2024 ގެ ފައިނަލުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނަ އިރު، ފެވަރިޓުންނެއް ނެތް ކަމަށާއި ސްޕެއިނުން ބޭނުންވަނީ ރެކޯޑު ހަތަރުވަނަ ތަށްޓެއް ހޯދަން ކަމަށް ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ސްޕެއިނުން 2012 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް މިރޭ ނުކުންނާނީ ރެކޯޑު ހަތަރު ވަނަ ޔޫރޯ ތަށްޓެއް ހޯދުމަށެވެ. މީގެ ކުރިން އެންމެ ގިނަ ފަހަރަށް ޔޫރޯ ތަށި ކާމިޔާބުކޮށްފައިވާ ދެ ގައުމުގެ ތެރެއިން އެއް ގައުމަކީ ސްޕެއިންނެވެ. ސްޕެއިނާއި ޖަރުމަނުންވެސް، ކޮންމެ ގައުމަކުން ތިން ޔޫރޯ ތަށި މީގެ ކުރިން ހޯދާފައިވާ އިރު، މިއީ ސްޕެއިނަށް ޖަރުމަނު ފަސްގަނޑުގައި އެ ރެކޯޑުގައި ކުރިއަށް ޖެހިލަން ލިބޭ ފުރުސަތެކެވެ.
މިހާތަނަށް މުބާރާތުގައި ސްޕެއިންގެ ފަރާތުން ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. ސްޕެއިނަކީ ހަ މެޗުން މިފަހަރުގެ ޔޫރޯގައި މޮޅުވެފައި އޮތް ހަމައެކަނި ޓީމެވެ. އެހެން ނަމަވެސް، ކޯޗު ޑެ ލަ ފުއެންޓޭގެ ނަޒަރުގައި ސްޕެއިނަކީ ފެވަރިޓުންނެއް ނޫނެވެ.
"އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. އަހަރެމެންގެ އަމާޒު ހާސިލު ކުރަން ފޯކަސް ގެއްލުވައެއް ނުލާނަން. އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭ ކަންތައް ކޮންޓްރޯލް ކުރުމަށް ވިސްނާނީ. އަހަރެމެންނަކީ ފެވަރިޓުންގެ ގޮތުގައި ނުބުނެވޭނެ. ފައިނަލް ވެގެންދާނީ ހަމަހަމަ ބެލެންސް މެޗަކަށް. އަހަރެމެން ފެވަރިޓުން ބަލައިގެން މިރޭގެ މެޗަށް ނުކުންނަން ބޭނުމެއް ނޫން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
އޭނާ ބުނީ ސްޕެއިނަށް އެންމެ މުހިއްމު ކަމަކީ ސްޕެއިންގެ ގޮތުގައި އޮތުން ކަމަށާއި ސްޕެއިނުން އިންގްލެންޑް ވެގެން ސްޓައިލް ބަދަލުކޮށް ނަހަދާނެ ކަމަށެވެ.
"އަހަރެމެން މިހާރުވެސް މި އޮތް ގޮތަށް، ސްޕެއިންގެ ސްޓައިލުގައި އޮންނަން ޖެހޭނީ. ސްޕެއިންގެ ގޮތުގައި މެޗަށް ނުކުމެގެން ނޫނީ އަހަރެމެންނަށް ނަތީޖާ ނުނެރެވޭނެ. އަހަރެމެންނަށް ޔަގީން މިދިޔަ މެޗުތަކުގައި ދެއްކި ކުޅުން ތަކުރާރުކޮށްގެން ނޫނީ އިންގްލެންޑް ބައްޔެއް ނުކުރެވޭނެކަން،" ޑެ ލަ ފުއެންޓޭ އިތުރަށް ބުންޏެވެ.
އޭގެ އިތުރުން ޑެ ލަ ފުއެންޓޭ ވަނީ ތާރީހު ލިޔެލާނެ ޓީމަކަށް މި ޓީމު ވާން ބޭނުންވާ ކަމަށް ބުނެފައެވެ. ޔޫރޯ 2008 އަދި 2012 ކާމިޔާބުކުރި ސްޕެއިން ޓީމާއި މިހާރު އޮތް ޓީމާ އަޅާ ނުކިއްޔަސް، މިހާރު އޮތް ޓީމާއެކު ސްޕެއިންގެ އާ ޖީލެއް ފެށި، މުސްތަގުބަލެއް ބިނާވާނެ ކަމުގެ ޔަގީންކަން ޑެ ލަ ފުއެންޓޭ ދިނެވެ. އޭގެ އިތުރުން އޭނާ ބުނީ ޓީމުގައި ތިބީ ޔޫތު މުބާރާތްތަކުގައިވެސް ކާމިޔާބު ހޯދި ތަރިން ކަމަށާއި އެ ތަރިންނަށް މިރޭގެ ފައިނަލް މުހިއްމު ކަމެވެ.
ސްޕެއިނާއި އިންގްލެންޑް ވާދަކުރާ ޔޫރޯ 2024 ގެ ފައިނަލް މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.