ޔޫރޯ 2024

ސައުތުގޭޓް ހިތްދަތި ޕެނަލްޓީގެ ހަނދާން ނައްތާލުމަށް: އަހަރެން "ފެއަރީޓޭލް" ގަބޫލެއް ނުކުރަން

އެއްވެސް އިރެއްގައި ފެއަރީޓޭލް ގަބޫލުނުކުރާ ނަމަވެސް، އަބަދުވެސް ހުވަފެންތައް ދެކިގެން އެއަށް މަސައްކަތް ކުރުން އެއީ ގަބޫލުކުރާ ގަބޫލުކުރުން ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ޔޫރޯގައި އެންމެ ކާމިޔާބު އެއް ގައުމު ޖަރުމަނުގައި ޔޫރޯ ކުޅެވެމުންދާ އިރު، މިފަހަރުގެ ޔޫރޯ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނާނީ މިރޭ 12:00 ގައެވެ. ބާލިންގެ އެލިއާންޒް އެރީނާގައި މިރޭ ކުޅޭ ފައިނަލަށް މެޗަށް ނުކުންނަ އިރު، މިއީ އިންގްލެންޑުން ޖެހިޖެހިގެން ކުޅޭ ޔޫރޯގެ ދެވަނަ ފައިނަލް މެޗެވެ. އެންމެފަހުން ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑުން ކުޅުނު ފައިނަލުގައި އިޓަލީ ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައެވެ.

ސައުތުގޭޓަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު، އެގައުމުގެ ގައުމީ ޓީމު ގޮވައިގެން ފައިނަލަކަށް ދިޔަ ހަމައެކަނި ކޯޗެވެ. އިންގްލެންޑަށް ތަށްޓެއް ނުލިބޭތާ 58 އަހަރު ވެފައިވާ އިރު، މިރޭ އެ އިންތިޒާރަށް ނިމުން ގެންނަން ނުކުންނަނީ އަމިއްލަ ގައުމުގައި މާޔޫސްވި ކޯޗެކެވެ. 1996 ވަނަ އަހަރު އިންގްލެންޑުގައި ޖަރުމަނުން ޔޫރޯ ކާމިޔާބު ކުރިއެވެ. އެ އަހަރު ޖަރުމަނުން ޔޫރޯ ތަށްޓާ ހަމައަށް ދިޔައީ ސެމީ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން އިންގްލެންޑް ކަޓުވާލުމަށްފަހުއެވެ. ޔޫރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައި ނުވާއިރު، ޖަރުމަނާ ދެކޮޅަށް ކުޅުނު 1996 ގެ ސެމީމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔަ އިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބެވެ. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ސައުތުގޭޓެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، ސައުތުގޭޓަށް އޮތީ ޖަރުމަނުގެ ފަސްގަނޑުގައި ގައުމަށް، އެފަހަރު ނުލިބުނު ޔޫރޯ ހޯދައިދިނުމެވެ. އެހެންނަމަވެސް، ސައުތުގޭޓްގެ ނަޒަރުގައި އެކަހަލަ ފެއަރީޓޭލް އޭނާ ގަބޫލެއް ނުކުރެއެވެ.

"އަހަރެން އެކަހަލަ ފެއަރީޓޭލް ގަބޫލެއް ނުކުރަން. އަހަންނަކީ ހުވަފެންތައް ދެކެ، ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރުން ގަބޫލުކުރާ މީހެއް. އަހަރެމެން މިފަހަރު ޔޫރޯއަށް ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައި. އަދި މި ޔޫރޯގެ މުހިއްމުކަން ވެސް ދަނެގެން. އެހެން އެކަން އޮތަސް، ހުވަފެންތައް ހާސިލްކުރަން ޖެހޭނެ މަސައްކަތް ކުރަން،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ލަސް ގޯލުތަކާއި ޕެނަލްޓީގެ އެހީގައި އިންގްލެންޑުން ފައިނަލާ ހަމައަށް ދިޔަޔަސް، ދެން ނަތީޖާ ނެރެވޭނީ މިރޭގެ ފައިނަލުގައި ކުރާ މަސައްކަތުން ކަމަށެވެ. ޖަރުމަނުގައި ޔޫރޯ ތަށްޓެއް ހޯދުން އެއީ ވަރަށް ހިތްގައިމު ވާހަކައަކަށް ވާނެ ކަމަށް ފާހަގަކުރަމުން ކޯޗު ސައުތުގޭޓް ބުނީ އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުން މަޖުބޫރު ކަމަށާއި، އެކަމަށް ބާރު އޮތީ އަމިއްލަ އަތުގައި ކަމަށެވެ.

އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ސައުތުގޭޓް ބުނީ އިންގްލެންޑް ކުޅުންތެރިން ބިރު ކަނޑާލަން އޭނާ ބޭނުންވާ ކަމަށާއި ކޮންމެ ހާލަތެއް ދިމާވިޔަސް، ކުރެވުނު އެންމެ ބުރަ މަސައްކަތެއްކޮށްފައި ނޫނީ ހުއްޓާނުލަން ކުޅުންތެރިން ގާތުގައި ބުނި ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.