ދުނިޔެ

ޓައިޓޭނިކް ބޯޓުގެ ފުރިހަމަ ފޮޓޯތަކެއް ނެގުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އައުޒަމް

ޓައިޓޭނިކް ބޯޓުގެ ފުރިހަމަ ފޮޓޯތަކެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ކަނޑުއަޑީގެ ފޮޓޯ ނެގުމުގެ ތަޖުރިބާކާރުންގެ ޓީމަކާއި ސައިންސުވެރިންނާއި އިހުގެ ކަންކަން ދިރާސާ ކުރާ ޓީމަކުން ވަނީ ޓައިޓޭނިކް އޮތް ސަަރަހައްދަށް އިއްޔެ ދަތުރު ފަށައިފައެެވެ.

އޮފިޝަލުން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އާލާތްތަކާއެކު ފަށާފައިވާ އެ ދަތުރުގައި ޓައިޓޭނިކްގެ ސްކޭނެއް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ކުންފުންޏަކުން ރާވާފައިވާ އެ ދަތުރުގައި ދެ ރޮބޮޓް ވެސް ބޭނުންކުރާނެއެވެ. އެ ރޮބޮޓްތަކުގެ އެހީގައި ޓައިޓޭނިކް އޮތް ސަަރަހައްދުގެ ފޮޓޯ ނެގުމުގެ އިތުރުން އޭގެ ބައިތައް ސާފުވާނެހެން 3ޑީ ފޮޓޯ ނަގާނެއެވެ.

އެމެރިކާއިން ފޮނުވާ ޓީމަކީ ޓައިޓޭނިކް ބެލުމަށް މިދިޔަ އަހަރު އޯޝަން ގޭޓުން ފޮނުވި ސަބްމެރިންއަށްފަހު ޓައިޓޭނިކް އޮތް ސަރަހައްދަށް ދާ ފުރަތަމަ ޓީމެވެ.

އޯޝަން ގޭޓުން ކުރި ދަތުރުގައި އެ ސަބްމެރިން ކަނޑުގެ ޕްރެޝަރު ބާރުވެ، އެ ސަބްމެރިން ވަނީ ފިތިގެން ގޮވައިފައެވެ. އަދި އޭގެން ދަތުރުކުރި އެންމެން ވަނީ އެ ހާދިސާގައި މަރުވެފައެވެ.