މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ބިލެތްދޫ ވެވު ނުކޮނުމަށް ވާނީ އަންގާފައި، އާސާރީ ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާކަމެއް: ހެރިޓޭޖު

އާސާރީ ތަންތަނުގެ ތެރޭގައި ހިމެނޭ ފ. ''ބިލެތްދޫ ބޮޑު ވެވު'' އެރަށު ކައުންސިލުން ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ އެކަން ނުކުރުމަށް އަންގާފައިވަނިކޮށް ކަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެފިއެވެ.

ހެރިޓޭޖު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިލެތްދޫ ވެވު ކޮނުމުގެ މަސައްކަތް ކުރަމުންދާކަން އެނގުނީ މީޑިއާއިން ކަމަށާއި އެކަމާ ގުޅިގެން ކޮނުމުގެ މަސައްކަތް ނުކުރުމަށް ކައުންސިލަށް ފޯނުކޮށްފައި އަންގާފައިވާނެ ކަމަށެވެ. އަދި ލިޔުމުންވެސް އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ ބިލެތްދޫ ވެވަކީ އާސާރީ ތަންތަނުގެ ތެރޭގައި ހިމަނައި ގެޒެޓްކޮށްފައިވާ ތަނެއް ކަމަށާއި އާސާރީ ތަންތަން ހަލާކުކޮށް ރޫޅައި އެފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ ތާރީހަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށާއި، އެކަމަކީ އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެފަދަ ކަންކަން ކުރަންޖެހޭ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެފަދަ މަސައްކަތެއް ކުރަންވާނީ މިނިސްޓްރީގެ ލަފާ ހޯދައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ އާސާރީ ތަންތަނާއި ތަކެތީގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި ރައްޔިތުން ބައިވެރިކޮށްގެން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުތައް ބާރުވެރިކުރުވައިގެން ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ދެކޭ ކަމަށެވެ.