ދިވެހި ޤައުމިއްޔަތު ދިރުވުމަށް ޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އިސް ނަންގަވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޓަކައި އުފާ ކުރާން ޖެހެއެވެ. އެ މަސައްކަތަށް ވެވުނު ވަރަކުން އެހީތެރިކަން ދީ، އެކަމުގައި ބައިވެރި ވުމަކީ ދިވެހި ކޮންމެ މުވާޠިނެއްގެ ޤައުމީ ވާޖިބެއްކަން ވެސް ކަށަވަރެވެ. ޝައްކެއް ނެތް ގޮތުގައި، ޤައުމިއްޔަތު ބިނާ ކުރެވޭނީ ޤައުމުގެ އެންމެން ވެސް، އެ މީހަކަށް ވެވުނު ގޮތަކުން، އުޚުއްވަތާއި އެއްބައިވަންތަކަމުގެ ޝުޢޫރުތަކާއި ވިސްނުންތަކާ އެކު މަސައްކަތް ކޮށްގެންނެވެ. އަޅުގަނޑަކީ ލިޔާ މީހެއް ކަމުގައި ވާތީ، ލިޔުންތެރިކަމުގެ ވަސީލަތުން މި މަސައްކަތުގައި ބައިވެރި ވުމާ މެދު ވިސްނައިލުމުން، ދިވެހި ޤައުމިއްޔަތުގެ ރުކުންތަކެއްގެ ގޮތުގައި ބަލައިގަތުން އައުލާ ވެގެންވާ ކަންތައްތަކެއްގެ މުހިއްމުކަން ވަޒަން ކުރެވުނެވެ. މި މައުޟޫޢުގައި ކޮލަމެއް ލިޔެވޭތޯ ގަލަން ނަގައިގެން ލިޔާން ފެށި ލިޔުން ހެޔޮވަރު ވަރަށް ވުރެ ދިގު ވުމުން، ޖެހުނީ ދެ ލިޔުމަކަށް ބަހައިލާށެވެ. އެގޮތުން، މި ކޮލަމުގައި މި ހިމަނައިލަނީ ޤައުމިއްޔަތަކީ ކޮބައިކަމާ، ދިވެހި ޤައުމިއްޔަތު އޮތް ޙާލަތާ މެދު ދަންނަވާން ހުރި ބައެއް ވާހަކައެވެ. މި ކޮލަމުގައި ދެން ޝާއިޢު ކުރެވޭ ލިޔުމެއްގައި، ﷲ ރުއްސެވިއްޔާ، ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާ މެދު އަޅުގަނޑު ދެކޭ ގޮތް ދަންނަވައިލާނަމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ޤައުމިއްޔަތަކީ އިންސާނުންގެ ޖަމާޢަތެއްގައި، އެ ޖަމާޢަތުގެ މެންބަރުން އެއް ޖަމާޢަތަކަށް ނުވަތަ އެއް ބަޔަކަށް ހަދާ ބައެއް ކަހަލަ ސިފަތައް ހުރުމެވެ. އަދި، މި ދެންނެވި ސިފަތައް (characteristics) ނުވަތަ ބަހާތަކުގެ (factors) މައްޗަށް، އެ ޖަމާޢަތުގެ މެންބަރުންގެ މެދުގައި އުފެދިފައި އޮންނަ އިޖުތިމާޢީ ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއިން، ޤައުމީ ޖަމާޢަތުގެ މެންބަރުން އެމީހުންގެ އިޖުތިމާޢީ ކަންކަން ރާވައި އިންތިޒާމު ކުރާނީ އެންމެންގެ ކަމެއްގެ ގޮތުގައި، ޖަމާއީ ގޮތެއްގައެވެ. އިންސާނީ ޖަމާޢަތެއް އެއް ޤައުމަކަށް ހަދާ "ޤައުމިއްޔަތު" ގެ ބަހާތައް ނުވަތަ ބުންޔާދުތަކަކީ ކޮބައިކަމާ މެދު ވަރަށް ގިނަ ޢިލްމުވެރީން ވާހަކަ ދައްކަވައިފައި ވެއެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ބެއިފުޅަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޕްރޮފެސަރެއް ކަމުގައި ވާ ބޮއިޑް ސީ. ޝެއިފަރއެވެ.
ޕްރޮފެސަރ ޝެއިފަރގެ ނަޒަރުގައި، ޤައުމިއްޔަތުގެ މައިގަނޑު ދިހަ ބަހާއެއް ވެއެވެ. ތިރީގައި މި ދަންނަވައިލަނީ އެ ކަންތައްތަކުގެ ކުރު ތަޢާރަފެކެވެ.
ފުރަތަމަ ކަމަކީ، ޤައުމުގެ މީސްތަކުންނަށް މިލްކު ވެގެންވާ، ނުވަތަ އެމީހުންނަށް ޙައްޤު ވެގެން ވާ އެމީހުންގެ އަމިއްލަ ވަޒަންބިމެއް ކަމުގައި އެމީހުން ދެކޭ ޖުޣްރާފީ ސަރަޙައްދެކެވެ.
ދެވަނަ ކަމަކީ، އެ ޖަމާޢަތުގެ އެންމެން އެއްބައެއްވަންތަ ކޮށްދޭ، އަދި ޖަމާޢަތުގެ މެންބަރުންގެ މެދުގައި އެއްބައެއްވަންތަކަމާއި ވަޙްދަތުގެ ގުޅުމެއް ބިނާ ކޮށްދޭ ސަގާފީ ކަންތައްތަކެއް ހުރުމެވެ. އާދެ، މައިގަނޑު ގޮތެއްގައި އެއް ސަގާފަތެކޭ ބުނެވޭނެ ސަގާފަތެއް އޮތުމެވެ. މިސާލަކީ، ޖަމާޢަތުގެ އެންމެން ޙިއްޞާ ކުރާ މާދަރީ ބަހެއް، ނުވަތަ ޖަމާޢަތުގެ އެންމެންގެ މެދުގައި ޢާއްމު އިޖުތިމާޢީ ޢުރުފުތަކާއި އާދަކާދަތައް، ނުވަތަ ޖަމާޢަތުގެ އަމިއްލަ އަދަބިއްޔާތާއި ފޯކުލޯރު ފަދަ ކަންތަކެވެ.
ތިންވަނަ ކަމަކީ، ޖަމާޢަތުގެ އެންމެން ޖުމުލަ ގޮތެއްގައި އަދި ޢާއްމު ގޮތެއްގައި ޤަދަރު ކުރާ އިޖުތިމާޢީ މުއައްސަސާތަކަކާއި ނިޒާމުތަކެއް (social institutions and systems) އޮތުމެވެ. މިސާލަކީ، ދީނާއި، އިޤްތިޞާދީ ނަޒަރިއްޔާތަކާއި ނިޒާމުތައް، ސިޔާސީ ނިޒާމުތައް ފަދަ ކަންކަމެވެ.
ހަތަރުވަނަ ކަމަކީ، ޤައުމުގެ ނުވަތަ ޖަމާޢަތުގެ އެންމެންގެ މައްޗަށް ބާރު ހިންގާ، އަދި ޤައުމީ ސިޔާދަތު ތަންފީޛު ކުރާ މިނިވަން އަދި މުސްތަޤިއްލު އެއް ޙުކޫމަތެއް (government) އޮތުން، ނުވަތަ އެފަދަ ޙުކޫމަތެއް ޤާއިމު ކުރުމުގެ ޢާއްމު އުއްމީދާއި އެދުން ޤައުމީ ޖަމާޢަތުގެ ތެރޭގައި އޮތުމެވެ.
ފަސްވަނަ ކަމަކީ، ޤައުމީ ޖަމާޢަތުގެ ޢާއްމު ތާރީޚެއް (common history) އޮތުމެވެ. ބައެއް ފަހަރު އެ ތާރީޚަކީ، ޙަޤީޤީ ނޫން، ނުވަތަ ޙަޤީޤަތަށް ވުރެ ޚިޔާލީ ބައި ބޮޑު ތާރީޚެއް ނުވަތަ މާޒީއެއް ކަމުގައި ވެސް ވެދާނެއެވެ. މިކަން ކޮންމެ ގޮތަކަށް އޮތަސް، އެ ތާރީޚުގެ ވާހަކަތަކުގެ ތެރެއިން، ޤައުމީ ޖަމާޢަތާއި އެ ޖަމާޢަތުގެ ޤައުމީވަންތަކަމުގެ ނުވަތަ ޤައުމިއްޔަތު ފެށުން އައި ގޮތް ބުނެދެވޭނެއެވެ. އެ ޤައުމިއްޔަތުގެ ދާސްތާން ކިޔައިދެވޭނެއެވެ.
ހަވަނަ ކަމަކީ، ޤައުމީ ޖަމާޢަތުގެ އެއް ބަޔަކު އަނެއް ބަޔަކާ މެދު ބާއްވާ ވަޠަނީ ލޯތްބެވެ. ވަޠަނީ އުޚުއްވަތުގެ ޝުޢޫރުތަކާއި ޖަޒުބާތެވެ. މިއިއްޔަކީ، ޢާއިލީ ގޮތުން ނުވަތަ އަވަށްޓެރިކަމުގެ ގޮތުން ނުވަތަ އެކުވެރި ރަޙްމަތްތެރިކަމުގެ ގޮތުން އެއް އިންސާނަކު އަނެއް އިންސާނަކާ މެދު އޮންނަ ކަހަލަ ޝަޚްޞީ ނުވަތަ ޒާތީ ނުވަތަ ފަރުދީ ލޯތްބެއް ނޫނެވެ. އެކަކު އަނެކަކު ޝަޚްޞީ ނުވަތަ ފަރުދީ ފެންވަރުގައި ދަނެގެން، ފަރުދީ ފެންވަރުގައި ގުޅުންތަކެއް ބާއްވައިގެން ވާ ލޯތްބެއް ނޫނެވެ. ތިމާގެ ޤައުމީ ޖަމާޢަތުގެ މެންބަރަކަށް ވާތީ، ފަރުދީ ގޮތުން އެކަކު އަނެކަކު ނުދަތަސް އަދި ނޭނގުނަސް، ހިތުގައި އޮންނަ ގާތްކަމަކާއި ކުލުނެކެވެ. މި ލޯތްބަކީ ޤައުމުގެ މެންބަރުންގެ ހިތްތަކުގައި ޤައުމަށް އޮންނަ ލޯބީގެ ބައެކެވެ.
ހަތްވަނަ ބަހާއަކީ، ޤައުމީ ޖަމާޢަތުގެ މެންބަރުންގެ ހިތްތަކުގައި، ޤައުމަށާއި، ޤައުމުގެ އެހެން މެންބަރުންނަށް ޖުމުލަ ގޮތެއްގައި އޮންނަ ވަފާތެރިކަމާއި "ޑިވޯޝަން" އެވެ. އެ ވަފާތެރިކަމާއި "ޑިވޯޝަން" ގެ ތެރެއިން، ޤައުމުގެ ސަރަޙައްދާއި، ޤައުމީ ސަގާފަތާއި، ޤައުމުގެ އިޖުތިމާޢީ އެންމެހައި މުއައްސަސާތަކާއި ނިޒާމުތަކަށް ވެސް ޤައުމުގެ މެންބަރުން ވަފާތެރި ވާނެއެވެ. އެއިން ކަމަކަށް ދެރައެއް ލިބުމަކީ ޚުދު ތިމާއަށް ލިބޭ ނިކަމެތިކަމެއް އަދި ނުޤުސާނެއް ކަމުގައި ޤައުމުގެ ކޮންމެ މެންބަރަކު ވެސް ބަލާނެއެވެ. އެއިން ކަމަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަށް ޤައުމުގެ އެހެން މެންބަރަކު ކުރާ ކޮންމެ ކަމަކީ ޚިޔާނާތެއް ކަމުގައި ބަލާނެއެވެ. އެ ޚިޔާނާތާ މެދު ރުޅިވެރިކަމާއި ހިތާމައިގެ ޝުޢޫރުތައް ހިތުގައި ހިލިގަންނަ ގޮތް ވާނެއެވެ. ޚިޔާނާތަކީ ޤައުމު ފަނާ ކޮށްލާ ކަތުރުފަންޏެއް ކަހަލަ އެއްޗެއް ކަމުގައި ވާތީ، ޚިޔާނާތުގެ ޢަމަލުތައް ހިންގާ މީހުންނަކީ ޤައުމުގެ އެންމެންގެ ދުޝްމަނުން ކަމުގައި ދެކޭނެ މެއެވެ.
އަށްވަނަ ކަމަކީ، ޤައުމީ ޙަޔާތުގެ މާޟީގައި ނުވަތަ ތާރީޚުގައި ޤައުމަށް ލިބިފައިވާ މޮޅުތަކާއި ކާމިޔާބީތަކާއި ނަޞުރުތަކާ މެދު ޢާއްމު ފަޚުރެއްގެ (common pride) ޝުޢޫރު އޮތުމެވެ. ޢާއްމު ގޮތެއްގައި، މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޢަސްކަރީ މައިދާނުގައި ޤައުމީ ޖަމާޢަތަށް ލިބިފައި ވާ ނަޞްރުތަކެވެ. އެފަދަ ނަޞްރުތައް ހޯދައިދޭ މީހުންނަކީ ޤައުމީ ޙަޔާތުގައި ވަކީން ޚާއްޞަކޮށް ފާހަގަ ކުރެވި އިޙުތިފާލު ކުރެވޭ ބަޠަލުން ކަމުގައި ވަނީ އެހެން ވެގެންނެވެ. އަޅުގަނޑުމެންގެ ތާރީޚުން ފެންނަ އެފަދަ އެންމެ ރީތި މިސާލަކީ ފުރެތިކާލުންގެ އަނިޔާވެރި އިސްތިޢުމާރުން އަޅުގަނޑުމެންގެ ޤައުމު މިނިވަން ކުރުމުގެ ޖިހާދުގެ ލާމަސީލު ޤާޢިދު އުތީމު މަހާރަދުނެވެ. ހަމަ އެހެންމެ، މި ބަހާގެ ބައެއް ކަމުގައި، ޤައުމުގެ މީސްތަކުން ޢާއްމު ފެންވަރެއްގައި ތަޙައްމަލު ކުރާން ޖެހޭ ގޮތަށް ޤައުމަށް ދިމާ ވެފައި ވާ މުޞީބާތްތަކާ މެދު އޮންނަ ޢާއްމު ހިތާމަ (common grief) ވެސް ހިމެނެއެވެ. މިގޮތުން ޢާއްމުކޮށް ފާހަގަ ކުރެވެނީ، ޢަސްކަރީ ގޮތުން ޤައުމަށް ލިބިފައި ވާ ނާކާމިޔާބީތަކެވެ. މިސާލަކީ، ޤައުމަށް ޓަކައި ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަ ކުރުމުގައި ޝަހީދު ވެފައި ވާ ޝަހީދުންގެ ޒިކުރާއެވެ.
ނުވަވަނަ ކަމަކީ، ތިމާމެން ފިޔަވައި އެހެން ޤައުމުތަކާ މެދު، އެއީ ތިމާމެންނާ ތަފާތު އެހެން ބައެއް ކަމުގައި ބެލުމުގެ ޝުޢޫރުތަކެއް ޤައުމުގެ މީސްތަކުން ޙިއްޞާ ކުރާ ޢާއްމު ޝުޢޫރެއްގެ (common feeling) ގޮތުގައި އޮތުމެވެ. ޚާއްޞަކޮށް، ތިމާމެންގެ ޤައުމީ ވުޖޫދާއި ޤައުމީ މަޞްލަޙަތުތަކަށް ދެރަ ލިބޭ ގޮތަށް ކަންތައް ކުރާ އެހެން ޤައުމުތަކާ މެދު ނުރުހުންތެރިކަން ނުވަތަ ޢަދާވާތްތެރިކަން އޮތުމެވެ.
ދިހަވަނަ އަދި އެންމެ ފަހު ބަހާއަކީ، ތިމާމެންގެ ޤައުމަށް ވަރަށް ކާމިޔާބު، މަތިވެރި، އަދި އުޖާލާ މުސްތަޤުބަލެއް ލިބޭނޭކަމުގެ، އަދި ޤައުމު ދުނިޔަވީ މައިދާނުގެ އެކިއެކި ދާއިރާތަކުގައި ބޮޑެތި ކުރިއެރުންތަކާއި ތަރައްޤީތައް ޙާޞިލު ކުރާނޭ ކަމަށް ޤައުމީ ޖަމާޢަތުގެ މެންބަރުންގެ ހިތްތަކުގައި އޮންނަ ޢާއްމު އުއްމީދު (common hope) ނުވަތަ ޢާއްމު އެދުމެވެ.
ދިވެހި ޤައުމަކީ ޤައުމިއްޔަތާއި ޤައުމީވަންތަކަމުގެ ނަޒަރުން ބަލާ އިރު ފަޚުރުވެރި ޤައުމެކެވެ.
ތެދެކެވެ! ދިވެހި ޤައުމަކީ މީސްކޮޅު މަދު ތަންކޮޅު ކުޑަ ޤައުމެކެވެ. ޢަސްކަރީ ގޮތުން ބޮޑު ބާރެއް ނޫނެވެ. ޢިލްމާއި ފިކުރުގެ ރޮނގުގައި، ކުރިޔަށް ހިނގާން ޖެހޭ ދިގު ރާސްތާއެއް އޮތް ޤައުމެކެވެ. ޓެކުނޮލޮޖީ އާއި އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި ދުނިޔޭގެ މުޖުތަމަޢުގައި އަޅުގަނޑުމެންނަކަށް މިއަދަކު އެއްވެސް ޝުހުރަތެއް ލިބިފައެއް ނެތެވެ. ނަމަވެސް އެހެން އެތައް ގޮތަކުން، އަޅުގަނޑުމެންނަށް ވެސް ޤައުމީ ފަޚުރާއި ޝަރަފު އެބައޮތެވެ. ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ފުރިހަމަ ވާ، މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެ ހާހެއްހައި އަހަރު ތިބެވުނުކަމުގެ ޝަރަފާއި ފަޚުރެވެ. އުޚުއްވަތްތެރިކަމާއި ޞުލްޙަމަސަލަސްކަމުގައި އެތައް ޒަމާނެއް ވާންދެން އުޅެވުނުކަމުގެ ޝަރަފާއި ފަޚުރެވެ. ދުނިޔޭގެ ކޮންމެ ތަނަކުން ކޮންމެ ބަޔަކު އަޅުގަނޑުމެންނާ ހަމަޔަށް އައި ކަމުގައި ވިޔަސް، އެ ބަޔަކަށް ހެޔޮކޮށް ހިތައި އިޙްސާންތެރިކަން ދެއްކި އަދި ރިވެތި ގޮތުގައި މެހުމާންދާރީ އަދާ ކުރި އިންސާނީވަންތަ ޤައުމެއްގެ ގޮތުގައި ތިބެވުނުކަމުގެ ޝަރަފާއި ފަޚުރެވެ. އެންމެ މުހިއްމު އަދި އެންމެ ބޮޑު ކަމަކަށް، އިންސާނަކަށް އަދި އިންސާނުން ކުރެ ބަޔަކަށް ލިބޭނޭ އެންމެ ބޮޑު ފަޚުރު ކަމުގައި ވާ، މާތް ވެގެންވާ އިސްލާމް ދީނުގެ ބިންގަލުގެ މަތީގައި ދެމިއޮތް ޤައުމަކަށް ވުމުގެ ޝަރަފާއި ފަޚުރެވެ. ވީމާ، ދިވެހި ޤައުމަކީ އަގުހުރި އަދި ފަޚުރުވެރި ޤައުމިއްޔަތެއް އޮތް ޤައުމެކެވެ.
މި ކަންކަމާ އެކުގައި، އެއް އިރެއްގައި ދިވެހީންނަކީ ވެސް އަތްތެރި މަސައްކަތާއި އަތުމަސައްކަތްތަކާއި ފައްނުވެރިކަމުގައި މީސްތަކުންގެ ތަޢުރީފު ލިބުނު ޤައުމެއްކަން ވެސް ފާހަގަ ކުރަމެވެ. ދިވެހި ކާބަފައިން ބަނދެއުޅުނު ރީތި އަދި ފުރިހަމަ އޮޑިދޯނިފަހަރަށް އެކަނި ބެލިޔަސް އެކަން އެނގެއެވެ.
ކޮންމެއަކަސް، އަޅުގަނޑުމެންގެ ޤައުމީ ވާޖިބަކީ، މި ދެންނެވި ޤައުމިއްޔަތު ނެތިދިޔަނުދީ ޙިމާޔަތް ކުރުމެވެ.
ޤައުމިއްޔަތުގެ ދިގު އަދި ފަޚުރުވެރި މާޒީއެއް އޮތުމާ އެކުގައިމެ، މިއަދު ދިވެހި ޤައުމާއި ދިވެހި ޤައުމިއްޔަތުގެ މުސްތަޤުބަލާ މެދު މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ދިވެހި ޤައުމާއި ޤައުމިއްޔަތުގެ ފޮތުގެ ހީރަސް ކެނޑި، ގަނޑުތައް ވަކިވަކި ވެގެން ބުރަބުރައިގެން ޒަމާނުގެ ވައިރޯޅިތަކާ އެކު އެކި ދިމަދިމާޔަށް ގޮސް ގެއްލިދާނޭ ކަމުގެ ބިރު މި ވަނީ އުފެދިފައެވެ. ދިވެހި ޤައުމާއި ޤައުމިއްޔަތު ދެކެ ލޯބި ވާ ދަރީންނަށް ހުރިހައި ދިމާޔަކުން ވެސް އިވެނީ ނުރައްކަލުގެ ރަނގަބީލުތަކުގެ ބިރުވެރި، ނުރައްކައުތެރި، އަދި ހިތް ހަލާކު ކޮށްފަނިވި އަޑެވެ.
ދިވެހި ސަގާފަތް މުޅީންހެން ނެތި ހިނގައްޖެއެވެ. ދިވެހި ޤައުމިއްޔަތުގެ ގިނަ މުއައްސަސާތައް ނެއްތައިލެވި، ހުރި ގިނަ މުއައްސަސާތަކަށް ވެސް ޤަދަރެއް އިޙުތިރާމެއް ނުކުރެވޭ އަދި ޤަދަރެއް އިޙުތިރާމެއް ޙައްޤު ނުވާ ހިސާބަށް ކަންތައް ގޯސް ވެއްޖެއެވެ. ޤައުމުގެ ރިވެތި އަދި ޢިބުރަތްތެރި ތާރީޚެއް އޮތުމާ އެކުގައިމެ، އެ ތާރީޚު ޙަޤީޤީ މާނައިގައި ދިރާސާ ކުރުމާއި ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް ވަޅު ޖެހި، އެ ތާރީޚާ މެދު އިހުމާލު ކުރެވި، އެ ތާރީޚުގެ އާސާރުތަކާއި ހަނދާންތަކާއި ނިޝާންތަކުގެ ގިނަ ކަންކަން ނެއްތައިލެވި، އެ ތާރީޚު އުނގެނުމާއި އުނގަންނައިދިނުން މުޅީންހެން ހުއްޓިއްޖެއެވެ. ޤައުމީ ޖަމާޢަތުގެ މެންބަރުންގެ ހިތްތަކުން، އެކަކު އަނެކަކަށް އޮންނަ ޤައުމީ އުޚުއްވަތާއި ޤައުމީ ވަޙްދަތުގެ ލޯތްބާއި ކުލުނާއި ހަމްދަރުދީގެ ޝުޢޫރުތަކުގެ ފަސްތަން ބަނދެވިއްޖެއެވެ. ޤައުމު ބައިބައި ވެ، ދީނީ ގޮތުންނާއި ސިޔާސީ ގޮތުން އެއް ބަޔަކު އަނެއް ބަޔަކާ މެދު ޙަސަދަ އާއި ނަފްރަތުގެ އަލިފާންގަނޑުތައް ދަރު އައު ކޮށްކޮށްގެން އެންދުން ޢާއްމު ވެއްޖެއެވެ. ޤައުމީ ޖަމާޢަތުގެ މެންބަރުންގެ ހިތްތަކުގައި ޤައުމާ މެދު އޮތް ވަފާތެރިކަމާއި "ޑިވޯޝަން" ނެތިގޮސް، ވަފާތެރިކަމުގެ މަތިވެރި ޤިޔަމަކީ މަލާމާތް ކުރެވޭ ކަމަކަށް ވާ ވަރަށް އަޅުގަނޑުމެންގެ ތެރޭގައި އަޚްލާޤިއްޔާތުގެ މާނަ އާއި ޤަދަރު ނެތިއްޖެއެވެ. ޤައުމުގެ މުސްތަޤުބަލަށް އުއްމީދު ކުރުން ވަރަށް ބޮޑަށް ނެތިގޮސް، ގިނަ މީހުންގެ އުއްމީދަކީ މުޅީން އަމިއްލަ ޒާތީ މަޞްލަޙަތުތަކާއި މާއްދީ އަމިއްލަ ފައިދާތައް ކަމުގައި ވެނިމިއްޖެއެވެ. ޤައުމަށް ޚިޔާނާތްތެރި ވާ މީހުންނަކީ، ޤައުމުގެ ކަންކަމުގައި އެންމެ އަޑުހަރު އަދި އެންމެ ނުފޫޒު ގަދަ މީހުން ކަމުގައި ވެނިމިއްޖެއެވެ. ޤައުމިއްޔަތުގެ އެންމެ މުހިއްމު އެއް ބިންގާ ކަމުގައި ވާ، ދިވެހީންގެ ލޮބުވެތި މާދަރީ ބަހަކީ ބޭކާރު، ތާކުންތާކު ނުޖެހޭ، އެއްލައިލާން ވީ އެއްޗެއް ކަމަށް ދެކެ އެގޮތަށް ޢަމަލު ކުރާ ދިވެހީންތަކެއް އުފެދިއްޖެއެވެ. ދިވެހި ޤައުމިއްޔަތަށް ލެވޭ ޒަހަރަކަށް ވާނޭ އެކިއެކި ފިކުރުތަކާއި ފަލްސަފާތައް ވެސް، ބޭރުގެ އެކިއެކި ދިމަދިމާއިން ރާއްޖެއަށް ގެނެސް ފެތުރުމުގެ މަސައްކަތް ދިވެހީންތަކެއްގެ އަތްފަޔާއި އަނގަތަކުން ކުރަމުން ދާ ހިތާމަވެރި މަންޒަރު ދަނީ ތަކުރާރު ވަމުންނެވެ.
މި ހިސާބަށް ކަންތައްތައް ދިޔުމުން، ދެން އަޅުގަނޑުމެންގެ ޤައުމިއްޔަތު ރައްކައުތެރި ކުރެވޭނީ، ޚާއްޞަ މަސައްކަތްތަކެއް ކޮށްގެނެވެ. އާދަޔާ ޚިލާފަށް ބޮޑެތި އަދި މުހިއްމު މަސައްކަތްތަކެއް ކޮށްގެނެވެ. ޢާއްމު ޙާލަތެއްގައި ޤައުމެއްގެ މީސްތަކުން ޤައުމިއްޔަތު ދިރުވައި އާލާ ކުރުމަށާއި ދެމެހެއްޓުމަށް ކުރާ ކަންތަކަށް ވުރެ ގިނަ އަދި ބޮޑެތި މަސައްކަތްތަކެއް ކޮށްގެނެވެ. ދިވެހި ޤައުމިއްޔަތާ ބެހޭ ވަކި ވުޒާރާއެއް މިހާރު އުފެދިފައި އޮތުމަކީ ރަނގަޅު ފާލެއް ކަމަށް ބަލަމާ ހިންގަވާށެވެ! ނަމަވެސް އެއީ ފެށުމެކެވެ. އެ ފެށުމަށް ފަހު، ފުޅާ ވެ ތަނަވަސް ވެގެންވާ ގޮތުގައި ހިންގޭ ހަރުދަނާ ޙަރަކާތްތަކަކާއި، އެޅޭ ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ނޫނީ ނަތީޖާއެއް ނުނުކުންނާނެއެވެ. ޤައުމިއްޔަތާ ބެހޭ ވުޒާރާ އާއި ދިވެހި އެންމެހައި ރައްޔިތުން ގުޅިގެން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ ގޮތުން ކުރާން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުއްޓެވެ. އެ މަސައްކަތްތަކަށް، ސިޔާސީ ޚިޔާލުތަފާތުވުންތައް މުޅީން އެއްކިބާ ކޮށް، އަޅުގަނޑުމެން އެންމެން އެއްބާރުލުން ދޭން ވެސް ޖެހެއެވެ. ސަބަބަކީ، ޤައުމިއްޔަތު ބިނާ ކުރުމަކީ ވަކި ސިޔާސީ ފިކުރެއް ނުވަތަ ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ވެރިކަމުގައި އޮތް ޕާޓީއަކާ މެދު ވިސްނުމެއް ނެތި، އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން ކުރާން ޖެހޭ މަސައްކަތަކަށް ވުމެވެ. އެ މަސައްކަތް ދޫކޮށްލައިފިއްޔާ، އާޚިރުގައި ޤައުމިއްޔަތާ ޤައުމު ނެތިދިޔުމުން، ދެރަތަކާއި ހިތާމަތަކާއި ގެއްލުންތައް ލިބޭނީ މުޅި ޤައުމަށް ކަމުގައި ވުމެވެ.
ޤައުމިއްޔަތާ ބެހޭ ވުޒާރާގެ ޤިޔާދަތުގެ ދަށުން، އަދި ޢާއްމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ އެންމެހައި ފަރާތްތައް ގުޅިގެން، އެއްބާރުލައިގެން، ދިވެހި ޤައުމިއްޔަތުގެ ޙައްޤުގައި ކުރާން ޖެހޭ އެކިއެކި މަސައްކަތްތަކުގެ ވާހަކައަކީ ވެސް ވަރަށް މުހިއްމު މައުޟޫޢެކެވެ. އެ މައުޟޫޢަށް ވެސް ވާހަކަ ދެއްކުމުގެ އުއްމީދު އެބައޮތެވެ. ނަމަވެސް، މި ކޮލަމުގައި ދެން ޝާއިޢު ކުރެވޭ މަޒުމޫނެއްގައި، އިރާދަފުޅާ އެކު، އަޅުގަނޑު ބަލައިލާނީ ދިވެހި ޤައުމިއްޔަތު އެ ރުކުންތަކެއްގެ މައްޗަށް ބިނާ ކުރެވޭނޭ ރުކުންތަކަކީ ކޮބައިތޯ މި ސުވާލަށެވެ. މިއީ ކަމާ ގުޅޭ އެންމެ މުހިއްމު އެއް ވާހަކަ ކަމަށް ފެންނާތީއެވެ. ޤައުމިއްޔަތު ރައްކައުތެރި ކޮށް އަލުން ދިރުވުމަށް ޙަޤީޤީ އަދި މާނަވެރި މަސައްކަތްތަކެއް ކުރެވޭނީ ވެސް، ޤައުމިއްޔަތުގެ ރުކުންތައް ދެނެގަނެ، އެ ރުކުންތަކުގެ ބިންގަލުގެ މަތީގައި ކަމަށް ވާތީއެވެ. ނަމަވެސް އޭގެ ކުރީން، މި ކޮލަމް ނިންމައިލުމުގެ ކުރީން އެއް ވާހަކައެއް ދަންނަވައިލާނަމެވެ.
ދިވެހީންނަކީ މުސްލިމުންނެވެ. ދިވެހީންގެ ޝަޚްޞިއްޔަތުގެ އެންމެ މުހިއްމު ބަޔަކީ އިސްލާމީ އުއްމަތުގެ މެންބަރުކަމެވެ. އިސްލާމް ދީނާއި އިސްލާމީ އުއްމަތުގެ މެންބަރުކަމަކީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އެއް ބަހާކަމާ މެދަކު ޝައްކެއް ވަސްވާހެއް ނެތެވެ. އެޔާއެކު، ޕްރޮފެސަރ ޝެއިފަރ ފަދަ ހުޅަނގުގެ ޢާލިމުން އެ ޤައުމިއްޔަތެއްގެ ވާހަކަ ދައްކަވާ ޒަމާނީ ޤައުމިއްޔަތު (modern nationalism) ގެ އޮއެވަރަކީ އިސްލާމީ އުއްމަތަށް އޭގެ ސަބަބުން ވިޔަނުވާހައި ބޮޑެތި ގެއްލުންތައް ލިބުނު އެއްޗެއްކަން ފާހަގަ ކުރަމެވެ. އާދޭހެވެ! އިސްލާމީ ޢުޘްމާނީ ޚިލާފަތު ރޫޅައިލައި، 20 ވަނަ ޤަރުނުގެ ދޮރޯށިމައްޗަށް އިސްލާމީ އުއްމަތުގެ ލެއި އޮހޮރުވައިލުމަށް ބޭނުން ކުރި އެންމެ ވަރުގަދަ އެއް ފިކުރީ އަދި ސިޔާސީ ހަތިޔާރަކީ ޔޫރަޕިއަން ފިކުރާއި ތަޖުރިބާގެ މަތީގައި ޤާއިމު ކުރެވުނު "ޤައުމީ ދައުލަތުގެ" (Nation State) ނިޒާމެވެ. ޤައުމީ ދައުލަތުގެ ނިޒާމު އެ ފަލްސަފާއެއްގެ މައްޗަށް ބިނާ ކުރެވުނު ޤައުމިއްޔަތުގެ ފަލްސަފާ އާއި ފިކުރެވެ. އިސްލާމީ އުއްމަތުގައި މި ފިކުރުގެ ވިހަ ފެތުރިގެން ދިޔުމުން، ތުރުކީ އާއި، މިޞްރާއި، ޢަރަބި ކަރަ ފަދަ މުސްލިމުންގެ ބޮޑެތި ބިންތަކުގައި ވަކިވަކި ޤައުމީ ދައުލަތްތަކެއް ބިނާ ކުރެވި، އުއްމަތް ބައިބައި ކޮށްލެވުނީއެވެ.
ވީ އިރު، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ "ވަކި ޤައުމިއްޔަތެއް" ބިނާ ކުރާނީ ކިހިނެއް ހެއްޔެވެ؟
މިއީ ވަރަށް ބޮޑު ސުވާލެކެވެ. މި ސުވާލަށް ޖަވާބު ދިނުމަށް ޓަކައި ދިގު ބަހުސަކުން އެތައް ޞަފުޙާއެއް ކަޅި ކުރެވިދާނެއެވެ. އެފަދަ ބަހުސަކަށް ނުގޮސް ޚުލާސާކޮށް ދަންނަވަންޏާ، ދިވެހި ޤައުމިއްޔަތު ދިރުވައި ދެމެހެއްޓުން ޖާއިޒު ވާ މައިގަނޑު ދެ ކަމަކަށް އަލި އަޅުވައިލެވިދާނެއެވެ.
ފުރަތަމަ ކަމަކީ، އިސްލާމީ އުއްމަތްވަންތަކަމުގެ ޢާލަމީ ގުޅުމުގެ ދާއިރާގެ ތެރޭގައި، އިސްލާމް ދީނުގެ އަހުލުވެރީން ޤައުމީ ނުވަތަ ޤަބީލީ ޖަމާޢަތްޖަމާޢަތަށް ބެހިފައި ތިބުމަކީ އިސްލާމް ދީން މަނާ ކުރާ ކަމަކަށް ނުވުމެވެ. ކީރިތި ޤުރްއާނުން ވެސް އެނގޭ ފަދައިން، މީސްތަކުން ތަފާތު ޤަބީލާތަކެއްގެ ގޮތުގައި ލެއްވެވުމީ އިލާހީ ސުންނަތެކެވެ. މުސްލިމުން މުސްލިމުން ކަމުގައި ވާ ހިސާބުން، އެ ޙަޤީޤަތް ނެތިގެނެއް ނުދެއެވެ. ވާން ޖެހޭ ގޮތަކީ، އިސްލާމީ އުޚުއްވަތާއި މުސްލިމް އުއްމަތްވަންތަކަމުގެ މަތިވެރި އަދި ޚާއްޞަ ގުޅުމަކީ އެންމެ އަސާސީ ގުޅުން ކަމުގައި ވެގެން ދިޔުމެވެ. ޤައުމީ ނުވަތަ ޤަބީލީ ގުޅުމުގެ އެއްވެސް ކަމަކުން، އިސްލާމީ އުޚުއްވަތާއި އުއްމަތްވަންތަކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރިޔަނުދިނުމެވެ. ޤައުމީ ނުވަތަ ޤަބީލީ ތަޢައްޞުބު ވުޖޫދަށް އައިސް، އޭގެ ސަބަބުން މުސްލިމް އުއްމަތުގެ އެއްބައިވަންތަކަމާއި ވަޙްދަތާއި އުޚުއްވަތަށް އުނިކަމެއް އަޔަނުދިނުމެވެ. މި އިމުގެ ތެރޭގައި ދެމިއޮންނަ ޤައުމިއްޔަތަކީ ގޯހެއް ކަމަކަށް ނުވެއެވެ. އަދި ކިޔެއްތަ، އެއީ އިލާހީ ސުންނަތާއި އިންސާނީ ފިޠުރަތު ހަމަޖެހިފައި އޮންނަ ގޮތެވެ.
ދެވަނަ ކަމަކަށް، ވަކިވަކި އިސްލާމީ ޤައުމުތަކާއި ޤަބީލާތައް، މުސްލިމް ޚަލީފާއެއްގެ އަމުރުފުޅުގެ ދަށުގައި ސިޔާސީ އެއް ކިޔާނެސިޔާސީ (Polity) އަކަށް ވެފައި އޮތުމަކީ ކަން އޮންނާން ވާ ގޮތް ކަމުގައި ވިޔަސް، މި ޒަމާނުގައި އެކަން އޮތީ އެހެނެއް ނޫނެވެ. މިއަދުގެ ޙަޤީޤަތަކީ އެޔެއް ނޫނެވެ. މި ޒަމާނުގައި ކޮންމެ އިސްލާމީ ޤައުމެއް ވެސް މި އޮތީ މުސްތަޤިއްލު ކިޔާނެސިޔާސީއެއްގެ ގޮތުގައެވެ. މި ޙާލަތު ބަދަލު ކުރުމުގެ އެއްވެސް ކުޅަދާނަކަމެއް އަޅުގަނޑުމެންގެ ނެތެވެ. ޙަޤީޤަތުގެ ނަޒަރުން ބެލުމުން، އެއީ އަވަސް ގޮތެއްގައި ކުރެވިދާނޭ ކަމެއް ކަމަކަށް ވެސް ނުފެނެއެވެ. ހުރިހައި އިސްލާމީ ޤައުމުތަކެއް އެއް ކޮށްލައި، އެއް ކިޔާނެސިޔާސީއަކަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަކަށް މަރުޙަބާ ކިޔާނޭ އެއްވެސް އިސްލާމީ ޤައުމެއް ވެސް ނެތެވެ. އެއްވެސް ބަޔަކު ވެސް ނެތެވެ. ވީމާ، ގަދަކީރިތިވަންތަ ﷲ ގެ މިންވަރުފުޅުން މިއަދުގެ ދުނިޔޭގައި އޮތް ޙަޤީޤަތަށް ކުރިމަތި ލުމާ އެކު، މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ، މުސްތަޤިއްލު މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތު ރައްކައުތެރި ކުރުމެވެ. އިސްލާމީ އުއްމަތަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ޝަނާކަތީ ނިސްބަތްކަމުގެ މަތިވެރި ޙަޤީޤަތް އަޅުގަނޑުމެންގެ ހިތްތަކުގައި ދިރުވައި އާލާ ކުރަމުން، އިސްލާމީ އުޚުއްވަތުގެ ގުޅުމަކީ އެންމެ މުހިއްމު އިޖުތިމާޢީ ގުޅުންކަން ޤަބޫލު ކުރަމުންނެވެ. އަޅުގަނޑުމެންގެ ދާޚިލީ އަދި ޚާރިޖީ ގުޅުންތަކުގައި، އިސްލާމީ އުއްމަތުގެ އެހެން މެންބަރުންނާ ބާއްވާ ގުޅުމަށް އަސާސީ އަހައްމިއްޔަތެއް ދެމުންނެވެ. ދިވެހި ޤައުމުގެ ހުރިހައި ކަމެއް ވެސް ހިންގެނީ އިސްލާމީ އުއްމަތުގެ މެންބަރު ދައުލަތްތަކާ އޮންނަ ގާތް ގުޅުންތަކުގެ ބިންގަލުގެ މަތީގައި، އުއްމަތުގެ މަޞްލަޙަތުތައް ރައްކައުތެރި ކުރެވޭ ގޮތަށްކަން ކަށަވަރު ކުރަމުންނެވެ. އަޅުގަނޑުމެންގެ ޤައުމީ ޖަމާޢަތުގެ މެންބަރަކު ވެސް އިސްލާމް ދީނާއި އުއްމަތަށް ޚިޔާނާތްތެރި ވެއްޖެ ކޮންމެ ޙާލަތެއްގައި، އެމީހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ވެސް ޣައްދާރު ވެއްޖެ ޣައްދާރެއް ކަމުގައި ކަނޑައަޅައި އެ މީހެއްގެ ކިބައިން މުޅި ޤައުމު ވެސް ބަރީއަ ވުމުގެ ގޮތްމަތީގައެވެ.
މި ދެންނެވި އިންތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތު އާލާ ކޮށް ދިރުވުމަކީ، އަޅުގަނޑު ހިތުން އިސްލާމީ އުއްމަތަށް ވެސް ލިބޭނެ ފައިދާއެކެވެ. ދިވެހި ޤައުމިއްޔަތު ނެތި ގޮސް، އެ ޤައުމިއްޔަތަށް އެންމެ ބޮޑަށް ނުރައްކާ ކުރަމުން ދާ ހުޅަނގުގެ އެކިއެކި "ޒަމް" ތަކާއި ފަލްސަފާތަކާއި ފިކުރުތަކުގެ ވިހައިން އެ ޤައުމިއްޔަތު ވިހަ ވެ މަރު ވެގެން ދިޔުމުން، އޭގެ އެންމެ ބޮޑު ދެރައެއް ލިބޭނޭ އެއް ފަރާތަކީ ވެސް އިސްލާމީ އުއްމަތެވެ. މި ސަބަބަށް ޓަކައި ވެސް، ދިވެހި ޤައުމިއްޔަތު ރައްކައުތެރި ކޮށް ޙިމާޔަތް ކުރާން ޖެހެއެވެ.