ހެރިޓޭޖު މިނިސްޓްރީއާ ގުޅިގެން ބޮޑު އީދު ފާހަގަކުރަން ހުޅުވާލި ފުރުސަތަށް 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހެރިޓޭޖު މިނިސްޓްރީއާ ގުޅިގެން ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހުސްވި އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މުއްދަތު މި މަހުގެ ނުވަވަނަ ދުވަހު ވަނީ ހަމަވެފައެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުން ހަތް ރަށަކާއި މެދުރާއްޖެ ތެރެއިން 10 ރަށަކާއި ރާއްޖޭގެ ދެކުނުން ނުވަ ރަށެއް ހިމެނޭ ކަމަށެވެ. އަދި މުއްދަތު ހަމަވި ފަހުން ބައެއް ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، ލިބިފައިވާ ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި އެކަމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ރަށްތައް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ހެރިޓޭޖު މިނިސްޓްރީގެ ފަރާތުން މި އަހަރުގެ ބޮޑު އީދު ފާހަގަކުރާނީ ރާއްޖޭގެ ތިން ރަށެއްގައެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކުރާނެ ހަރަދުތަކާއި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެއެވެ.