މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ރަނގަޅު ގޮތެއް ހޯދުމަށް މޭސަން ގްރީންވުޑް، ކްލަބުގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ގްރީންވުޑް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއަށް އަނިޔާކުރި ކަމަށް ބުނެ، ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް ވަނީ ވީޑިއޯތަކުގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއްވެސް ޕޯސްޓުކޮށްފައެވެ.
އެ މައްސަލައިގައި 2022 ވަނަ އަހަރު ފެބްރުއަރީ މަސްތެރޭގައި ގްރީންވުޑް ހައްޔަރު ކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ގްރީންވުޑްގެ މައްޗަށް ފުރަތަމަ ދެ ދައުވާއެއް އުފުލި ނަމަވެސް، 2023 ފެބްރުއަރީ މަހު އެ ދެ ދައުވާވެސް ވަނީ ބާތިލުކޮށްފައެވެ.
އެ މައްސަލައިގެ ކޯޓު މަރުހަލާ ނިމުނު ނަމަވެސް، ޔުނައިޓެޑުން ދަނީ އިންޓާނަލް ޓީމެއް މެދުވެރިވެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގައި އިއްޔެ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުން ރަސްމީކޮށް ބާތިލުކުރަން ނިންމީ ދެފަރާތް އެއްބަސްވެގެން ކަމަށާއި ގްރީންވުޑްގެ ލޯބިވެރިޔާ ސްޓޯރީއަށްލި ކަންކަމަކީ ހަގީގަތެއް ނޫން ނަމަވެސް ގްރީންވުޑަށް ގޯސްތަކެއް ހެދިފައިވާކަން ގަބޫލުކުރާ ކަމަށެވެ.
އެކަމާ ގުޅިގެން ގްރީންވުޑް ބުނީ، ގޯސްތައް ހެދުނު ނަމަވެސް ލޯބިވެރިޔާގެ އިންޓަގްރާމްގެ ސްޓޯރީގައި ވަނީ އޭނާ ނުކުރާ ކަމަކަށް ތުހުމަތުކޮށްފައި ކަމަށެވެ. އެ މައްސަލައިގެ ތެރޭގައި ޔުނައިޓެޑް ދޫކޮށް ގްރީންވުޑް، ލޯނެއްގައި މިދިޔަ ސީޒަނުގައި ކުޅުނީ ގެޓާފޭއަށެވެ. އެ ޓީމަށް އޭނާގެ ފޯމުވެސް ރަނގަޅެވެ. ކުޅުނު 36 މެޗުން 10 ގޯލު އޭނާ ޖަހާފައިވެއެވެ.
ގްރީންވުޑް އަނބުރާ ޔުނައިޓެޑްގެ ސްކޮޑަށް ކުޅުވަން އެ ޓީމުން ތައްޔާރުވި ނަމަވެސް، ދެފަރާތް އެއްބަސްވެ، މިހާރު ނިންމާފައިވަނީ އެއްބަސްވުން ބާތިލުކޮށް، އެހެން ކްލަބަކަށް ބަދަލުވުމަށެވެ.
ބީބީސީ ސްޕޯޓްސް އިން ބުނީ އިއްޔެ ގްރީންވުޑް ޔުނައިޓެޑްގެ ޓްރެއިނިން ސެންޓަރަށް ގޮސް، ކްލަބުގެ ބޯޑު މެމްބަރުންގެ އިތުރުން ސްޕޯޓިން ޑިރެކްޓަރު ޑޭން އެޝްވޯތާއި ޓެކްނިކަލް ޑިރެކްޓަރު ޖޭސަން ވިލޮކްސްވެސް ބައްދަލުކޮށް، އެހެން ކްލަބެއް ހޯދުމަށް މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.