ޔޫރޯ 2024

ފްރާންސް ކުޅޭތަން ބަލަން ފޫހިވަންޏާ، ނުބަލާ!

މިހާތަނަށް ޔޫރޯ 2024ގައި ފްރާންސްގެ ފަރާތުން ފެނުނީ ފޫހިކުޅުމެއް ކަމަށް ނޫސްވެރިޔަކު ބުނުމުން، ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ރުޅިގަދަވެއްޖެއެވެ.

ފްރާންސާއި ސްޕެއިން ޔޫރޯ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނެއެވެ. އެ މެޗަށް ނުކުންނައިރު ގިނަ ބައެއްގެ ނަޒަރުގައި މެޗުގައި ކުރިމަތިލަނީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ޝައުގުވެރި ކުޅުމެއް ކުޅެމުން އަންނަ ސްޕެއިނާއި ދަށް ފޯމެއްގައި ފޫހިކުޅުމެއް ކުޅުމުން އަންނަ ފްރާންސްއެވެ. ފްރާންސުން މިފަހަރުގެ ސެމީ ފައިނަލާ ހަމައަށް ދިޔައީ އޯޕަން ކުޅުމުގައި ގޯލެއް ނުޖަހައެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ ކައިރިން މޮޅުވީ ބައިކޮޅަށް ވަން ގޯލަކުންނެވެ.

ޕޮލެންޑް ކައިރިން 1-1 އިން އެއްވަރުވި އިރު، ކިލިއަން އެމްބާޕޭ އެ މެޗުގައި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. ގަދަ 16 ގައި ބެލްޖިއަމް ކައިރިން 1-0 އިން މޮޅުވީވެސް ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލިކުރީ ގޯލެއް ނުޖެހި އިތުރު ވަގުތަށް ގޮސް، ޕެނަލްޓީ ޖަހައިގެންނެވެ.

މިދިޔަ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދިޔަ ފްރާންސްގެ ފަރާތުން އޭރު ފެނުނު އެޓޭކިން ކުޅުން ފެނިގެން ނުދާ ކަމަށް ބުނެ، ޕްރީ މެޗު ޕްރެސްގައި ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ. ނޫސްވެރިޔާ ސުވާލުކުރީ ފްރާންސުން ކުޅޭ ފޫހި ފުޓްބޯޅައިގައި ސްޕެއިން ބަލިކުރެވޭނެ ކަމަށް ގަބޫލުކުރަންތޯއެވެ.

ޖަވާބުގައި ޑިޝޭމްޕްސް ފުރަތަމަވެސް ބުނީ "ފްރާންސް ޓީމު ކުޅޭތަން ބަލަން ފޫހިވާނަމަ އެހެން މެޗެއް، އެހެން އެއްޗެއް،" ބެލުމަށެވެ.

"އަހަރެމެން ކުޅޭތަން ބަލަން ފޫހިވާނަމަ އެހެން އެއްޗެއް ބަލާ. މަޖުބޫރެއް ނޫން ފޫހިވެގެން އިނދެ ފްރާންސް ކުޅޭތަން ބަލާކަށް. މިއީ ތާރީހުގެ ތެރެއިންވެސް މަދު ގޯލުތަކެއް ފެނިގެންދާ ޔޫރޯއެއް. އަހަރެމެންނަށް މިހާރު މި ކުޅޭ ކުޅުމާއެކު، ގައުމުގައި އޮތް ހާލަތުން އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެވޭނެ ފުރުސަތު އެބަ އޮތް. ފްރާންސުން ކުޅޭ ކުޅުން ފޫއްސޭ ބުންޏަސް އަހަރެންގެ ފަރުވާލެއް އެކަމަކަށް ނެތް،" ޑިޝޭމްޕްސް ބުންޏެވެ.

ޑިޝޭމްޕްސް ބުނީ ސްޕެއިންގެ އެޓޭކް ހުއްޓުވަން ފްރާންސްގެ ވަރުގަދަ ޑިފެންސިވް ކުޅުން ދަމަހައްޓަން ޖެހޭނެ ކަމަށާއި އެވަރުން ފުއްދާލެވެން ނެތްކަންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ޑިފެންސް ވަރުދަވުމަކީ ވަރަށް މުހިންމު ކަމެއް. ސްޕެއިން ޓީމުގެ އެޓޭކިން ވަރުގަދަ ކަމަށް ބަލާފައި، ފްރާންސް ޖެހޭނެ ޑިފެންސިވްލީ ވަރުގަދަ ވާން. ބޮޑެތި މުބާރާތްތަކުގައި ޑިފެންސް ވަރުގަދަވުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވިޔަސް އަދި އެވަރުން ފުއްދާލަން ވިސްނައިގެންވެސް ނުވާނެ. އެޓޭކްވެސް ކުރަން ޖެހޭނެ. އެޓޭކް ނުކޮށް ސެމީ ފައިނަލް ލެވެލްގެ މެޗެއް ނެގުމަކީ އުނދަގޫވާނެ ކަމެއް،" ޑިޝޭމްޕްސް ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ސްޕެއިނާއި ފްރާންސްގެ ވަރުގަދަ ކުރިމަތިލުން އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.