ދުނިޔެ

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފަޅުވެރިންނާނުލައި ކާގޯ ބޯޓެއް ރިމޯޓުގެ އެހީގައި ދަތުރުކޮށްފި

މުހައްމަދު އައުޒަމް

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފަޅުވެރިންނާނުލައި ކާގޯ ބޯޓެއް ދަތުރުކޮށްފިއެވެ.

އިނގިރޭސިވިލާތާއި ބެލްޖިއަމް އާއި ދެމެދު ކުރި މި ދަތުރުގައި ބޭނުންކޮށްފައިވަނީ ރިމޯޓު ކޮންޓްރޯލް ބޯޓެކެވެ. މިބޯޓު ވަނީ އިނގިރޭސިވިލާތުން އޮއިސްޓަރ ބަރުކޮށްގެން އިންގްލިޝް ޗެނަލް ހުރަސް ކުރުމަށްފަހު ބެލްޖިއަމަށް ޑެލިވަރ ކޮށްފައެވެ. އަދި އެނބުރި އައި ދަތުރުގައި ބެލްޖިއަމުން ވަނީ ރާ ފޮނުވައިފައެވެ.

އިނގިރޭސި ވިލާތުން ބޭނުންކުރި މި ރިމޯޓު ކޮންޓްރޯލް ބޯޓުގައި ކެމެރާތަކާއި ރާޑަރާއި މައިކްރޯ ފޯނުގެ އިތުރުން ތަމަލް އިމޭޖިންގ ސިސްޓަމެއް ހަރުކޮށްފައިވެއެވެ.

ބޯޓުގެ ކޮންޓްރޯލުގައި ދެމީހުން ތިބެގެން ކުރި މިދަތުރުގެ ދިގުމިނަކީ 22 ގަޑިއިރެވެ.

ސީކިޓް ނަމުން ނަންދެވިފައިވާ މި ބޯޓު ގަޑިއަކު 4.6 މޭލަށް ދަތުރުކުރެއެވެ. އަދި ބަރުދަނުގައި 2.5 ޓަނު ހުންނަވަރުގެ މުދާ މިބޯޓަށް އެރުވޭނެކަމަށް ބޯޓު އޮޕަރޭޓުކުރާ އޮފިޝަލަކު މައުލޫމާތު ދިނެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުން މި ބޯޓުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިބޯޓު ހެދި ކުންފުނިން 2020އަށް މީގެ ބޮޑު އަދި ބާރަށް ދަތުރުކުރާ ބޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.