ދެކުނު ކޮރެއާގައި ކިމްޗީ ކެއުމުގެ ސަބަބުން ހާހަކަށްވުރެ ގިނަ މީހުން ބަލިވެއްޖެއެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ އެގައުމުގެ ނަމްވޮން ސިޓީގައި މިދިޔަ ހުކުރު ދުވަހު 996 މީހުން ކިމްޗީ ކެއުމުގެ ސަބަބުން ކާނާ ވިހަވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ބުނެފައެވެ.
ދެކުނު ކޮރެއާގައި ހޮނިހިރު ދުވަހާ ހަމައަށް ކާނާ ވިހަވެގެން 1024 މީހުން ރިޕޯޓު ކޮށްފައިވާ އިރު، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ކެބެޖް ބޭނުން ކޮށްގެން ހަދާ ކޮރެއާގެ ސަގާފަތާ ގުޅިފައިވާ ކިމްޗީ ކައިގެން ވިހަވެފައިވަނީ ގިނައިން ސްކޫލުތަކަށް ފޮނުވާފައިވާ ކެއުން ކައިގެން ކަމަށް ފާހަގަވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިހާތަނަށް 24 ސްކޫލަކުން ދަރިވަރުންނާއި މުވައްޒަފުން ބަލިވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިމްޗީއިން ''ނޮރޯވައިރަސް'' ފެނިފައިވާ ކަމަށެވެ.
''ނޮރޯވައިރަސް'' އަކީ ކުނިވަމުންދާ ކާއެއްޗެހީގައި އުފެދޭ ނުރައްކާތެރި ވައިރަހެކެވެ. ގައިން ގަޔަށް އަރާ އެވައިރަސް ބަލިމީހާ އަތްލާ ތަނުގައި އެހެން މީހަކު އަތް ލުމުން ވެސް ފެތުރޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
''ނޮރޯވައިރަސް'' ޖެހުމުން ހޮޑުލެވި ބޭރަށް ހިނގައި ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.