އިންގްލެންޑްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ޕެނަލްޓީ ކާމިޔާބުކޮށްފި. އިންގްލެންޑް ސެމީ ފައިނަލަށް.
ސްވިޒަލެންޑްގެ ޒެކީ އަމްދޫނީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިންގްލެންޑްގެ އިވާން ޓޯނީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ޒާޑަން ޝަކީރީގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިންގްލެންޑްގެ ބުކަޔޯ ސަކާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ ފަބިއަން ޝާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
އިންގްލެންޑުގެ ޖޫޑް ބެލިންހަމްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްވިޒަލެންޑްގެ މެނުއެލް އަކާންޖީގެ ޕެނަލްޓީ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކޮށްފި.
އިންގްލެންޑްގެ ކޯލް ޕާމާގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ފުރަތަމަ ޕެނަލްޓީ ފޮނުވާލަނީ އިންގްލެންޑްގެ ކޯލް ޕާމާ.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ވެސް ނިންމާލައިފި. 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން ދެން ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓުން.
'120 - ސްވިޒަލެންޑަށް ދެ ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޒަކީ އަމްދޫނީ ފޮނުވާލި ބާރު ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައި. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ސިލްވަން ވިޑްމާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'119 - ސްވިޒަލެންޑުން ދެ ބަދަލެއް. އަބިޝާ އާއި ފްރޮއިލާގެ ބަދަލުގައި ކުޅެން ނުކުތީ ޒަކީ އަމްދޫނީ އަދި ވިންސެންޓް ސިއޭރޯ.
'117 - ސްވިޒަލެންޑްގެ ނުރައްކާތެރި ކޯނަރެއް. ޒާޑަން ޝަކީރީގެ ކޯނަރު އަމާޒުވީ އިންގްލެންޑް ގޯލުގެ ދަނޑިއަށް.
'114 - އިންގްލެންޑުން ބަދަލެއް. ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް.
'110 - އިންގްލެންޑުން ވެސް ބަދަލެއް. ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ކުޅެން ނުކުތީ އިވާން ޓޯނީ.
109 - ސްވިޒަލެންޑުން ބަދަލެއް. އެމްބޯލޯގެ ބަދަލުގައި ކުޅެން ނުކުތީ ޒާޑަން ޝަކީރީ.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.
'102 - އިންގްލެންޑުގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކެޕްޓަން ގްރެނިޓް ޖަކާ ވަނީ ބްލޮކްކޮށްފައި. ރީބައުންސް ބޯޅައިން ބެލިންހަމް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށްފައި.
'95 - އިންގްލެންޑްގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ޑެކްލަން ރައިސް ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސްވިޒަލެންޑް ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށްފައި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ދެން ކުޅެން ޖެހޭނީ އިތުރު ވަގުތުގެ ދެ ހާފު.
'90+3 - ސްވިޒަލެންޑަށް ފުރުސަތެއް. ފަބިއަން ޝާ ނަގައިދިން ނުރައްކާތެރި ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޭން އެންޑޯޔޭއަށް ނިންމާލެވިފައެއް. އެ ބޯޅަ، ސްޓީވަން ޒޫބާއަށް ލިބުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ވެސް އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'85 - ކޯލް ޕާމާއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑްގެ ސިލްވަން ވިޑްމާއަށް ރީނދޫ ކާޑެއް.
'80 - އިންގްލެންޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްވިޒަލެންޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
'78 - އިންގްލެންޑުން ތިން ބަދަލެއް. ޓްރިޕިއާ އާއި މައިނޫ އަދި އެޒްރީ ކޮންސާގެ ބަދަލުގައި ކުޅެން ނުކުތީ ލޫކް ޝޯ އާއި އެބެރެޗީ އެޒޭ އަދި ކޯލް ޕާމާ.
'71 - ސްވިޒަލެންޑުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ޑޭން އެންޑޯޔޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ.
'69 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، އިންގްލެންޑްގެ ގޯލަށް ނުރައްކާކުރުމަށް ސްވިޒަލެންޑުން ދަނީ މަސައްކަތްކުރަމުން. ދެވަނަ ހާފުގައި އިންގްލެންޑަށް އަދި ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވޭ.
'67 - މެނުއެލް އަކާންޖީއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް ރީނދޫ ކާޑެއް.
'66 - ސްވިޒަލެންޑްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މިޝެލް އަބިޝާ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'64 - ސްވިޒަލެންޑުން ދެ ބަދަލެއް. ފަބިއަން ރީޑާ އާއި ރުބެން ވާގަސްގެ ބަދަލުގައި ކުޅެން ނުކުތީ ސިލްވަން ވިޑްމާ އަދި ސްޓީވަން ޒޫބާ.
'56 - ސްވިޒަލެންޑަށް އިތުރު ފުރުސަތެއް. ރިކާޑޯ ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބްރީލް އެމްބޯލޯ ބޮލުން ފޮނުވާލި ހަމަލާ ވެސް އަމާޒުވީ އިންގްލެންޑް ކީޕަރު ޕިކްފޯޑްއާ ދިމާއަށް.
'51 - ސްވިޒަލެންޑަށް ފުރުސަތެއް. ގްރެނިޓް ޖަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްއާ ދިމާއަށް.
ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'44 - އިނގްލެންޑްގެ ނުރައްކަލެއް. ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޮބީ މައިނޫ ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކެޕްޓަން ގްރެނިޓް ޖަކާ ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައި.
'43 - އިންގްލެންޑުން ދަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ސްވިޒަލެންޑްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން. ނަމަވެސް ސްވިޒަލެންޑްގެ ގިނަ ކުޅުންތެރިންތަކެއް ޑިފެންސްގައި ބައިވެރިވާތީ، އިންގްލެންޑަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައި.
'32 - ހެރީ ކޭންއަށް ކުރި ފައުލަކާ ގުޅިގެން ސްވިޒަލެންޑް ޑިފެންޑަރު ފަބިއަން ޝާއަށް ރީނދޫ ކާޑެއް.
'28 - އިންގްލެންޑްގެ ނުރައްކަލެއް. މިޝެލް އަބިޝާ ކައިރިން ނައްޓާލުމަށްފަހު ބުކަޔޯ ސަކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ހެރީ ކޭންއަށް ލިބުމުގެ ކުރިން ސްވިޒަލެންޑް ޑިފެންޑަރު މެނުއެލް އަކާންޖީ ވަނީ ދިފާއުކޮށްފައި.
'25 - ސްވިޒަލެންޑަށް ފުރުސަތެއް. ފަބިއަން ރީޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ ބްލޮކްކޮށްފައި.
'22 - އިންގްލެންޑްގެ ހަމަލާއެއް. ކިއެރެން ޓްރިޕިއާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'21 - ސްވިޒަލެންޑްގެ ގޯލު ކުރިމައްޗަށް ބުކަޔޯ ސަކާ ނުރައްކާތެރި ބޯޅައެއް ހުރަސްކޮށްލި ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި އިންގްލެންޑްގެ އިތުރު ކުޅުންތެރިޔަކު ނެތް.
'16 - އިންގްލެންޑްގެ ހަމަލާއެއް. ހެރީ ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކޮބީ މައިނޫ ފޮނުވާލި ބާރު ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ވަނީ ބްލޮކްކޮށްފައި.
'11 - ސްވިޒަލެންޑަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ބްރީލް އެމްބޯލޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވޭ.
'10 - ސްވިޒަލެންޑުން ދަނީ އިންގްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނުރައްކާތެރި ހުރަސްތަކެއް ނަގަމުން. ނަމަވެސް އަދި ސްވިލެންޑަށް އެ ހުރަސްތަކުގެ ބޭނުން ހިފިފައެއް ނުވޭ.
'5 - ސްވިޒަލެންޑަށް ފުރުސަތެއް. މިޝެލް އެބިޝާ ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ނަމަވެސް، އިންގްލެންޑް ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ ރެމޯ ފްރޮއިލާއަށް ހުރަސް އަޅާފައި.
މެޗުގެ ކުޅުން ފަށައިފި.
މި މެޗަށް އިންގްލެންޑުން ނުކުންނަނީ ބަދަލަކާއެކު. ކާޑު ހަމަވުމާ ގުޅިގެން ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު މާކް ގުއޭގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމަނާފައިވަނީ އެޒްރީ ކޮންސާ.
ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ސްވިޒަލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑުން މިރޭގެ މެޗަށް ނުކުންނަނީ ގަދަ 16 ގައި އިތުރު ވަގުތަށް ގޮސް، ސްލޮވޭކިއާ ބަލިކޮށްގެން. އެ މެޗުގައި އިންގްލެންޑް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ސްލޮވޭކިއާ. މެޗުގައި ސްލޮވޭކިއާ ކޮޅަށް ގޯލު ޖަހައި އިންގްލެންޑުން އެއްވަރުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައި. އިންގްލެންޑުން މެޗުން މޮޅުވީ އިތުރު ވަގުތު ކުރީކޮޅުގައި ގޯލު ޖަހައިގެން. ސްވިޒަލޭންޑުން މިރޭގެ މެޗަށް ނުކުންނަނީ ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައި. އެ މެޗުގައި ސްވިޒަލޭންޑުން ވަނީ ރަނގަޅަށް ޑޮމިނޭޓްކޮށް، މޮޅަށް ކުޅެފައި.