ޑިފެންޑަރު މެރިކް ޑެމިރަލްއަށް ޔޫއެފާއިން އެޅި ފިޔަވަޅު އިންސާފުވެރި ނޫން ކަމަށް ތުރުކީގެ ކޯޗު ވިންސެންޒޯ މޮންޓޭލާ ބުނެފިއެވެ.
ތުރުކީއަށް މިއީ 2008 ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ ކުއާޓާ ފައިނަލެވެ. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައެވެ. އޭގެ ތެރެއިން 2008 ވަނަ އަހަރު އެޓީމުން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއިން މިފަހަރުގެ ކުއާޓާ ފައިނަލް ޔަގީން 16 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު މިއީ ނެދަލޭންޑްސް މުބަރާތުގެ ކުއާޓާއަށް ގޮސްފައި ފުރަތަމަ ފަހަރެވެ. އެޓީމުން މިފަހަރުގެ ކުއާޓާ ޔަގީންކުރީ ގަދަ 16 ގެ މެޗުގައި ރުމޭނިއާ 3-0 އިން ބަލިކޮށްގެންނެވެ.
ތުރުކީން އޮސްޓްރިއާ ބަލިކުރި މެޗުގައި ދެ ގޯލުވެސް ޖެހި ޑެމިރަލް މިރޭގެ މެޗަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. ޑެމިރަލް އެރޭގެ މެޗުގައި ދެވަނަ ގޯލު ޖަހައި އުފާފާޅުކުރުމުގެ ތެރޭގައި އަތުގެ އިޝާރާތުން ދައްކާފައި ވަނީ "ވުލްފް ސެލިއުޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިޝާރާތެކެވެ. އެއީ ތުރުކީގެ ފާ-ރައިޓް ނޭޝަނަލް މޫމަންޓް ޕާޓީއާ ގުޅުންހުރި ހާއްސަ އިޝާރާތެކެވެ. އެ އިޝާރާތް އަތުން ދެއްކުން އޮސްޓްރިއާ އަދި ފްރާންސްގައި މަނާވެސް މެއެވެ.
އެ މައްސަލައިގައި ޔޫއެފާއިން ނިންމާފައި ވަނީ ޑެމިރަލް ދެ މެޗަށް ބޭން ކުރުމަށެވެ.
އުފާފާޅުކުރުމުގެ މައްސަލައިގައި ޑެމިރަލް ދެމެޗަށް ސަސްޕެންޑް ކުރި އިރު، އިންގްލެންޑްގެ ބެލިންހަމްގެ މައްސަލައެއް ބަލައި ޔޫއެފާއިން އޭނާއަށް ދީފައި ވަނީ އެއް މެޗުގެ ސަސްޕެންޑެޑް ބޭންއެވެ. ބެލިހަމްއަށް އަހަރު ތެރޭގައި ބޭނުން މެޗެއްގައި އެ ސަސްޕެންޝަން ބޭނުން ކުރެވޭނެއެވެ.
"ޑެމިރަލްގެ ސަސްޕެންޑް ކުރީ އިންސާފުވެރި ގޮތަކަށް ނޫން. އެއީ ސިޔާސީ އިޝާރާތެއްވެސް ނޫން. ޑެމިރަލްގެ ފަރާތުން ފެނުނު ކަންތަކުގެ މާނަ ޔޫއެފާއިން ނެގީ ނުބައިކޮށް. އެއީ ތުރުކީގައިވެސް އެފަދަ ގޮތަކަށް މާނަ ނަގާނެ ކަމެއްވެސް ނޫން،" ކޯޗު މޮންޓޭލާ ބުންޏެވެ.
ޕްރީ މެޗު ޕްރެސްގައި މޮންޓޭލާ އިތުރަށް ބުނީ "ޑެމިރަލް ނާއިންސާފުން ބޭން ކޮށްގެން ތުރުކީ މަޑުޖައްސާ ނުލެވޭނެ،" ކަމަށާއި "ތުރުކީއަށް މިހާރު ވަނީ އިތުރު ހިތްވަރެއް ލިބިފައި،" ކަމަށެވެ.
މޮންޓޭލާ ބުނީ ޑެމިރަލް ކުރި އިޝާރާތަކީ އެއީ ތުރުކީ ވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށާއި މިރޭގެ މެޗުގައި ތުރުކީ ވަންތަކަން އެގައުމުން ދައްކުވާލައިދީ ޖަވާބުވެސް ދޭނެ ކަމަށެވެ.
ޑެމިރަލްގެ އަދަބާ އެކު ތުރުކީގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، އޮސްމާން އަސްކިން ބަކް ވިދާޅުވެފައި ވަނީ ޔޫއެފާގެ އަދަބަކީ ނާއިންސާފު އަދަބެއް ކަމަށާއި އެ އަދަބު ދޭން އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ތުރުކީއާ ދޭތެރޭ ގެންގުޅުނު ދެފުށް ދެގޮތް ކަމުގައި އިންސާފު ހޯދަން ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތުރުކީން ކުއާޓާގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.