ބޭ އަދަބީ ގޮތަކަށް އުފާފާޅުކުރުމުން އިންގްލެންޑްގެ ޖޫޑް ބެލިންހަމް އެއް މެޗަށް ބޭންކޮށް، 25،400 ޕައުންޑްގެ ޖޫރިމަނާއެއް ކޮށްފިއެވެ.
އިންގްލެންޑުން ޔޫރޯ 2024ގެ ގަދަ 16 ގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން އެރޭގެ މެޗު ފަހަތުން އަރައި ކާމިޔާބުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައި ގޯލު ޖަހައިގެން މެޗު އިތުރު ވަގުތަށް ގެންގޮސްގެންނެވެ. އިންގްލެންޑަށް އެރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދީ އެއްވަރުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ބެލިންހަމްއެވެ.
އެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި ބެލިންހަމް ވަނީ ސްލޮވޭކިއާ ބެންޗަށް އިޝާރާތްކޮށް، ބޭ އަދަބީ ގޮތެއްގައި އަމިއްލަ ކުރިމަތިފަރާތަށް އިޝާރާތްކޮށް ބަހުން ޖަހައިފައެވެ. ޔޫއެފާއިން މައްސަލަ ބަލަން ފެށުމާއެކު ބެލިންހަމް ބުނެފައި ވަނީ އޭނާގެ ސެލެބްރޭޝަނަކީ އިންގްލެންޑް ޓީމު ތެރޭގެ ޖޯކެއް ކަމަށާއި އެއްވެސް ހާލަތެއްގައި ސްލޮވޭކިއާއަށް އިހުތިރާމު ކުޑަކުރަން ބޭނުން ނުވާ ކަމަށެވެ. ސްލޮވޭކިއާއަށް ތައުރީފުކޮށްވެސް އޭނާ ވާހަކަ ދައްކާފައިވެއެވެ.
ބެލިންހަމްއަށް އަދަބު ދޭން ޔޫއެފާއިން ނިންމާފައި އެއް މެޗަށް ސަސްޕެންޑެޑް ބޭންއެއް ކުރުމަށެވެ. ސަސްޕެންޑެޑް ބޭންއެއް އެއް އަހަރު މުއްދަތެއްގައި އަމަލުކުރަން ބެލިންހަމް ޔޫއެފާއިން ފުރުސަތު ދީފައިވާ އިރު، އިންގްލެންޑުން ކުރިއަށް އޮތް އަހަރު ތެރޭގައި ކުޅޭ ކޮންމެވެސް އެއް މެޗެއްގައި އެ ބޭންއަށް އަމަލުކުރުމުން ނިމުނީއެވެ.
ބެލިންހަމް އެއް މެޗަށް ބޭންކޮށް ޖޫރިމަނާ ކުރުމުގެ އިތުރުން ޔޫއެފާއިން ވަނީ އިންގްލެންޑްވެސް ޖޫރިމަނާ ކޮށްފައެވެ. އެއީ ސަޕޯޓަރުންގެ އަމަލުތަކާ ހެދި، 9310 ޕައުންޑްގެ ޖޫރިމަނާއެކެވެ.
ބެލިންހަމްގެ އުފާފާޅުކުރުމުގެ މައްސަލައިގެ އިތުރުން ޔޫއެފާއިން ދިޔައީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް، އެޓީމުން އެންމެފަހުން އޮސްޓްރިއާ ބަލިކުރި މެޗުގައި ގޯލު ޖަހާފައި އުފާފާޅު ކުރި ގޮތުގެ މައްސަލައެއް ބަލަމުންނެވެ.
ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ކުއާޓާ ފައިނަލް ޔަގީންކުރީ 2-1 އިން އޮސްޓްރިއާ ބަލިކޮށްގެންނެވެ. އެ މެޗުގައި ދެ ގޯލުވެސް ޖެހީ ސައުދީ އަރަބިއާގެ އަލް-އަހްލީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޑެމިރަލްއެވެ.
ޑެމިރަލް އެރޭގެ މެޗުގައި ދެވަނަ ގޯލު ޖަހައި އުފާފާޅުކުރުމުގެ ތެރޭގައި އަތުގެ އިޝާރާތުން ދައްކާފައި ވަނީ "ވުލްފް ސެލިއުޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިޝާރާތެކެވެ. އެއީ ތުރުކީގެ ފާ-ރައިޓް ނޭޝަނަލް މޫމަންޓް ޕާޓީއާ ގުޅުންހުރި ހާއްސަ އިޝާރާތެކެވެ. އެ އިޝާރާތް އަތުން ދެއްކުން އޮސްޓްރިއާ އަދި ފްރާންސްގައި މަނާވެސް މެއެވެ.
އެ މައްސަލައިގައި ޔޫއެފާއިން ނިންމާފައި ވަނީ ޑެމިރަލް ދެ މެޗަށް ބޭން ކުރުމަށެވެ.
ޑެމިރަލްގެ އަދަބާއެކު ތުރުކީގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، އޮސްމާން އަސްކިން ބަކް ވިދާޅުވެފައި ވަނީ ޔޫއެފާގެ އަދަބަކީ ނާއިންސާފު އަދަބެއް ކަމަށާއި އެ އަދަބު ދޭން އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ތުރުކީއާ ދޭތެރޭ ގެންގުޅުނު ދެފުށް ދެގޮތްކަމުގައި އިންސާފު ހޯދަން ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.