އިޓަލީ ގައުމީ ޓީމުގެ ބޮލޯނިއާ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ހޯދަން އާސެނަލުން ކުރި ފުރަތަމަ ބިޑު ނާކާމިޔާބު ވެއްޖެއެވެ.
އިޓަލީން މިފަހަރުގެ ޔޫރޯ ގަދަ 16 އާ ހަމައަށް ކުރި ދަތުރުގައި އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށްވީ ޑިފެންޑަރު ކަލަފިއޯރީ އެވެ. އޭނާ ވަނީ ޓީމުގެ ފަހަތުން ލީޑުކޮށް މުހިއްމު އެޓޭކްތަކެއްވެސް އުފައްދައިފައެވެ. ގްރޫޕް ސްޓޭޖުގައި ދެ ރީނދޫ ކާޑު ހަމަވުމުން ކަލަފިއޯރީ ގަދަ 16 އަށް ސަސްޕެންޑްވެފައިވާ އިރު، އިޓަލީ ކެޓީ އެމެޗުގައި ސްވިޒަލޭންޑް ކައިރިން ބަލިވެގެންނެވެ.
ކަލަފިއޯރީ ހޯދުމަށް އާސެނަލާއި ޗެލްސީގެ އިތުރުން ޔުވެންޓަސްއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާއަށް ބޮލޯނިއާއިން 42.3 މިލިއަން ޕައުންޑް ބޭނުންވާ އިރު، އާސެނަލުން އިއްޔެ ކުރި ބިޑަކީ 39.8 މިލިއަން ޕައުންޑްގެ ބިޑެކެވެ. އެ ބިޑަށް ބޮލޯނިއާއިން ވަނީ ނޫނެކޭ ބުނެފައެވެ.
ހަބަރުތައް ބުނާ ގޮތުގައި އާސެނަލުން މިއަދުގެ ވަގުތެއްގައި އިތުރު ބިޑެއް ކުރާނެ ކަމަށް ބެލެވެއެވެ. އޭގެ އިތުރުން ޗެލްސީގެ ރަސްމީ ބިޑެއްވެސް މިއަދު ފެނުން ގާތް ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޔުވެންޓަސްއިން މިދިޔަ ސީޒަނުގެ މެދުތެރެއިން ކަލަފިއޯރީއަށް ކަޅިއަޅަމުން ދިޔަ ނަމަވެސް، އެ ކްލަބާއި ބޮލޯނިއާއާ އޮތީ މިވަގުތު މައްސަލަ ގޯސްވެފައެވެ. އެއީ ބޮލޯނިއާއިން ބޭނުން ނުވެ ތިއްބައި، އެޓީމުގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހުރި ތިއާގޯ މޮޓާ ގެންދިޔުމުންނެވެ. މޮޓާ ކުރިއަށް އޮތް ސީޒަނަށް ޔުވެންޓަސްއާ ހަވާލުވެފައިވާ އިރު، އެ މައްސަލައިގައި ބޮލޯނިއާއިން ބޭނުން ވަނީ ކަލަފިއޯރީ އެހެން ލީގެއްގެ ކްލަބަކަށް ފޮނުވާލުމަށް ކަމަށް ނޫސްތައް ބުނެއެވެ.