ދުނިޔޭގެ އެންމެ ބާރަށް ދުވާ ބުލެޓް ރޭލުގެ ޓެސްޓު ދަތުރުތައް ފަށައިފިއެވެ.
ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނައުމުގެ މަގުސަދުގައި ޖަޕާނުން ތައްޔާރު ކޮށްފައިވާ މި ރޭލު ގަޑިއަކު 400 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާނެއެވެ. މިއީ މިހާތަނަށް ދުނިޔޭގައި އެންމެ ބާރަށް ދުވާ ރޭލަށް ކަމަށްވާނެ ކަމަށް ޖަޕާނުގެ އޮފިޝަލުން ބުނެއެވެ.
އެތައް ދުވަހެއްގެ ޓެސްޓު ދުއްވުންތަކަށްފަހު މިރޭލުގެ އޮޕަރޭޝަން 2030 ގައި ފެށޭނެކަމަށް މައުލޫމާތު ލިބެއެވެ. އަދި އިތުރަށް ތަރައްގީ ކުރުމަށްފަހު އޮޕަރޭޝަން ފެށޭއިރު ގަޑިއަކު 360 ކިލޯމީޓަރަށް ދުވާނެކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާނުން ތައްޔާރު ކުރާ މި ބުލެޓް ރޭލުގެ ސްޕީޑުގެ އިތުރުން ދެން ފާހަގަކޮށްލެވޭ ކަމަކީ ހިތްގައިމު ޑިޒައިން ކަމަށް އޮފިޝަލުން ވަނީ ހަމަކޮށްފައެވެ. ޖުމްލަ 10 ކޮންޕާޓްމަންޓް ހިމެނޭގޮތަށް ޑިޒައިން ކޮށްފައިވާ މިރޭލަށް ދީފައިވާ ނަމަކީ އަލްފާ އެކްސް އެވެ.