މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެން. ތުރުކީ ކުއާޓާ ފައިނަލަށް.
'90+5 - ތުރުކީ ކީޕަރު ގުނޮކްގެ މޮޅު ސޭވްއެއް. ހަރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮސްޓްރިއާގެ ބައުމްގާޓްނާ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު ގުނޮކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'90+4 - ތުރުކީއަށް ފުރުސަތެއް. ކައުންޓާ އެޓޭކެއްގައި ކަޑިއޯލޫ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބަރިސް އަލްޕާ ޔިލްމާޒް ފޮނުވާލި ހަމަލާ، އޮސްޓްރިއާ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'84 - އޮސްޓްރިއާގެ ނުރައްކަލެއް. ޕޮޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބައުމްގާޓްނާ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'83 - ތުރުކީން އިތުރު ބަދަލެއް. ކޮކްޗޫގެ ބަދަލުގައި ކުޅެން ނުކުތީ އިރްފާން ކަހްވެޗީ.
'81 - އޮސްޓްރިއާ އިން ވަރަށް ބޮޑަށް ކުރިއަށްޖެހި އެޓޭކަށް މަސައްކަތްކުރާ އިރު، ތުރުކީގެ ހުރިހާ ކުޅުންތެރިއެއްހެން ފެންނަނީ ޕެނަލްޓީ އޭރިއާ ކައިރީގައި ޑިފެންސްކުރުމަށް މަސައްކަތްކުރާތަން.
'78 - ތުރުކީގެ ދެ ބަދަލެއް. އަރްދާ ގުލާ އާއި ކެނާން ޔިލްދީޒްގެ ބަދަލުގައި ކުޅެން ނުކުތީ އޯކޭ ޔޮކުސްލޫ އަދި ކެރެމް އަކްޓުރްކޯލޫ.
'69 - އޮސްޓްރިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގްރެގޮރިޗް ބޮލުން ފޮނުވާލި ބޯޅަ، މާބޮޑު އުނދަގުލެއް ނެތި ތުރުކީ ކީޕަރު މެރްތު ގުނޮކް ވަނީ ހޯދާފައި.
'66 - އޮސްޓްރިއާ އިން ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފި. ކޯނަރެއްގެ ތެރެއިން ސްޓެފަން ޕޮޝް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މައިކަލް ގްރެގޮރިޗް.
'65 - އޮސްޓްރިއާ އިން ދެ ބަދަލެއް. ފިލިޕް ލީންހާޓް އާއި ކޮންރާޑް ލައިމާގެ ބަދަލުގައި ކުޅެން ނުކުތީ ފްލޮރިއަން ގްރީލިޗް އަދި މެކްސިމިލިއަން ވޫބާ.
'59 - ތުރުކީން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. އަރްދާ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރި މެރީހް ޑެމިރާލް.
'58 - ތުރުކީން ބަދަލެއް. އިސްމާއިލް ޔުކްސެކްގެ ބަދަލުގައި ކުޅެން ނުކުތީ ސާލިހް އޯޒްޗާން.
'57 - ތުރުކީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ފެރްދީ ކަޑިއޯލޫ ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކްރިސްޓޮފް ބައުމްގާޓްނާ ވަނީ ބްލޮކްކޮށްފައި.
'54 - އޮސްޓްރިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ސްޓެފަން ޕޮޝް ފޮނުވާލި ހަމަލާ، ތުރުކީގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައި.
'51 - އޮސްޓްރިއާއަށް ހުސް ފުރުސަތެއް. ކޮންރަޑް ލައިމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކެޕްޓަން މާކޯ އާނަޓޮވިޗް ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު މެރްތު ގުނޮކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'50 - އޮސްޓްރިއާގެ ހަމަލާއެއް. ސްޓެފަން ޕޮޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މައިކަލް ގްރެގޮރިޗް ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
އޮސްޓްރިއާ އިން ދެވަނަ ހާފަށް ނުކުތީ ދެ ބަދަލަކާއެކު. ފިލިޕް މުވޭނީ އާއި ރޮމާނޯ ޝްމިޑްގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސެންޑާ ޕްރާސް އަދި މައިކަލް ގްރެގޮރިޗް.
ދެވަނަ ހާފުގެ ކުޅުން ފެށީ ތުރުކީން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'42 - ބައުމްގާޓްނާއަށް ކުރި ފައުލަކާ ގުޅިގެން ތުރުކީގެ އިސްމާއިކް ޔުކްސެކްއަށް ރީނދޫ ކާޑެއް. ތުރުކީއަށް ކުއާޓާގެ ޖާގައެއް ލިބިއްޖެ ނަމަ، ކާޑު ހަމަވުމާ ގުޅިގެން އޭނާއަށް ވެސް އެ މެޗުގައި ނުކުޅެވޭނެ.
'38 - ތުރުކީގެ ފެރްދީ ކަޑިއޯލޫއަށް ކުރި ފައުލަކާ ގުޅިގެން އޮސްޓްރިއާގެ ރޮމާނޯ ޝްމިޑްއަށް ރީނދޫ ކާޑެއް.
'25 - ތުރުކީގެ ހަމަލާއެއް. އަރްދާ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑެމިރާލް ބޮލުން ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'19 - ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އޮސްޓްރިއާ އިން ކުޅެމުންދަނީ ވަރަށް އެޓޭކިން ކުޅުމެއް. ތުރުކީން ޑިފެންސަށް ފައިބައިގެން ކުޅޭ އިރު، ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް ދަނީ މަސައްކަތްކުރަމުން.
'11 - ބައުމްގާޓްނާއަށް ކުރި ފައުލަކާ ގުޅިގެން ތުރުކީގެ އޮރްކުން ކޮކްޗޫއަށް ރީނދޫ ކާޑެއް. ތުރުކީއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބިއްޖެ ނަމަ، ކާޑު ހަމަވުމާ ގުޅިގެން އޭނާއަށް އެ މެޗުގައި ނުކުޅެވޭނެ.
'5 - އޮސްޓްރިއާގެ އިތުރު ނުރައްކަލެއް. ރޮމާނޯ ޝްމިޑް ނަގައިދިން ކޯނަރު ދިޔައީ ތުރުކީ ގޯލު ހުރަސްކޮށް. އެ ބޯޅަ ތުރުކީގެ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުނު އިރު، ގޯލު ކުރިމަތީ ހުސްކޮށް ހުރި އޮސްޓްރިއާގެ ކްރިސްޓޮފް ބައުމްގާޓްނާގެ ފައިގައި ވެސް ލައްވާލައިފައެއް ނުވޭ.
'3 - އޮސްޓްރިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓޮފް ބައުމްގާޓްނާ ފޮނުވާލި ހަމަލާ ދިޔައީ ތުރުކީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'1 - ތުރުކީން ގޯލު ޖަހައި ލީޑު ހޯދައިފި. ކޯނަރެއްގެ ތެރެއިން އޮސްޓްރިއާ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެރީހް ޑެމިރާލް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އޮސްޓްރިއާ އިން.
ޔޫރޯ 2024 ގެ ގަދަ 16 ގައި އޮސްޓްރިއާއާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެން. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައި. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއިން ހޯދި އިރު، ތިންވަނައިގައި ގަދަ 16 އަށް ދިޔަ ޖޯޖިއާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައި.
ތުރުކީން އެންމެފަހުން ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަކީ މިހާތަނަށް ޔޫރޯ ތާރީހުގައިވެސް އެންމެ ގިނައިން ކާޑު ފެނިގެން ދިޔަ، ހޫނުގަދަ މެޗެއް. ތުރުކީ ޓީމަށް އެކަނިވެސް އެ މެޗުގައި 11 ކާޑު ދައްކާފައިވާ އިރު، ދެ ރީނދޫ ކާޑު ހަމަވެގެން ޓީމުގެ ކެޕްޓަން ހަކާން ޗަލަނޮގްލޫ އާއި ޑިފެންޑަރު ސަމެޓް އަކޭޑިންއަށް މިރޭގެ މެޗު ނުކުޅެވޭ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރިއާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޯޗު ރަލްފް ރަންގްނިކާ އެކު ޔޫރޯގައި އެޓީމު ދަނީ ފިޔަ ޖަހަމުން. އެޓީމުން ގަދަ 16 އަށް ނުކުންނަނީ ފްރާންސާއި ނެދަލޭންޑްސް ފަދަ ގައުމުތައް ހިމެނުނު ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައި. ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއިން ވަނީ ނެދަލޭންޑްސް 3-2 އިން ބަލިކޮށް، ޕޮލެންޑް 3-1 އިން ބަލިކޮށްފައި. އެޓީމު ބަލިވީ ފްރާންސް އަތުން 1-0 އިން. އެ މެޗުގައި ގޯލު ވަނީ ބައިކޮޅަށް.