ދުނިޔެ

އެއާ ޔޫރޮޕާގެ ފްލައިޓެއް ޓާބިއުލެންސްގައި ޖެހި 30 މީހަކަށް އަނިޔާވެއްޖެ

މުހައްމަދު އައުޒަމް

އެއާ ޔޫރޮޕާގެ ފްލައިޓެއް ޓާބިއުލެންސްގައި ޖެހި 30 މީހަކަށް އަނިޔާވެއްޖެއެވެ.

މެޑްރިޑުން އުރުގުއާއީގެ މޮންޓެވީޑޯ އަށް ދަތުރު ކުރި އެއާ ޔޫރޮޕާގެ ފްލައިޓް ޔޫއެކްސް 045 ޓާބިއުލަންސްގައި ޖެހި ގިނަ ބަޔަކަށް އަނިޔާވުމާއެކު ވަނީ ފްލައިޓު ޑައިވާޓްކޮށް ބްރެޒިލްގެ އެއާޕޯޓަކަށް ޖައްސާފައެވެ.

އެއާލައިންގެ އޮފިޝަލުން ވަނީ އެ ހާދިސާގައި 30 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި ބްރެޒިލްގެ ނަތާލް އެއާޕޯޓަށް ޖައްސައި އަނިޔާވި މީހުންނަށް ފަރުވާ ދޭން ފަށާފައިވާކަމަށް ބުނެފައެވެ. އެގޮތުން 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އެއާލައިނުން ވަނީ އިތުރު ފްލައިޓެއް ފަސެންޖަރުން އުރުގުއާއީއަށް ގެންދިއުމަށް ބްރެޒިލް އަށް ދަތުރުކުރާ ކަމަށް ބުނެފައެވެ. އަދި ފްލައިޓަށް ލިބުނު ގެއްލުން ރަނގަޅުކުރަން ޓީމެއް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

325 ފަސިންޖަރުން ދަތުރުކުރި އެ ފްލައިޓު ޓާބިއުލަންސުގައި ޖެހިފައިވަނީ އެޓްލާންޓިކް ކަނޑުގެ މަތިން ދަތުރުކުރަނިކޮށެވެ. އެ ހާދިސާ ހިނގި ވަގުތު ސީޓް ބެލްޓް ނާޅައި ތިބި މީހުންނަށް ބޮޑަށް އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.