ޕޯޗުގަލްގެ ބެނާޑޯ ސިލްވާގެ ޕެނަލްޓީ ކާމިޔާބުކޮށް، ޕޯޗުގަލް ކުއާޓާ ފައިނަލަށް.
ސްލޮވީނިއާގެ ބެންޖަމިން ވާބިޗްގެ ޕެނަލްޓީ ވެސް ޕޯޗުގަލް ކީޕަރު ކޮސްޓާ މަތަކޮށްފި.
ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ސްލޮވީނިއާގެ ޔުރޭ ބަލްކޮވެޗްގެ ޕެނަލްޓީ ވެސް ޕޯޗުގަލް ކީޕަރު ކޮސްޓާ މަތަކޮށްފި.
ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ ޕެނަލްޓީ ކާމިޔާބުކޮށްފި.
ފުރަތަމަ ޕެނަލްޓީ ޖަހަނީ ސްލޮވީނިއާގެ ޔޮސިޕް އިލިޗިޗް. އޭނާގެ ޕެނަލްޓީ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައި.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ނިންމާލައިފި. ދެން ނަތީޖާ ނެރެން ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓްގައި.
'117 - ޕޯޗުގަލުން ދެ ބަދަލެއް. ޕެޕޭ އާއި ކަންސެލޯގެ ބަދަލުގައި ކުޅެން ނުކުތީ ނެލްސަން ސެމޭޑޯ އަދި ރުބެން ނެވޭސް.
'115 - ސްލޮވީނިއާއަށް ހުސް ފުރުސަތެއް. ޕެޕޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ޝެޝްކޯ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓެނޭޒަށް ވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައި.
ސްލޮވީނިއާގެ ކޯޗު މަޓިއާޒް ކެކްއަށް ދެއްކި ރަތް ކާޑާ ގުޅިގެން މިހާރު އޭނާ ހުރީ ބެންޗުން ބޭރުގައި.
'108 - ޕޯޗުގަލްގެ ނުރައްކަލެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕަލީނިއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްލޮވީނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'105 - ސްލޮވީނިއާ އިން ބަދަލެއް. ޓިމީ އެލްސްނިކްގެ ބަދަލުގައި ކުޅެން ނުކުތީ ޔޮސިޕް އިލިޗިޗް.
އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ފަށައިފި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިންމާލައިފި.
'105 - ކެޕްޓަން ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ، ސްލޮވީނިއާ ކީޕަރު އޮބްލަކް މަތަކޮށްފި.
'103 - ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޯގޯ ޖޮޓާއަށް ސްލޮވީނިއާ ޑިފެންޑަރު ވަންޔާ ޑޫކުސިޗް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީއެއް.
'100 - ޕޯޗުގަލްގެ ހަމަލާއެއް. ޗިކޯ ކޮންސޭސާއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑިއޯގޯ ޖޮޓާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވީނިއާ ކީޕަރު އޮބްލަކްއާ ދިމާއަށް.
'95 - ސްލޮވީނިއާގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ބެންޖަމިން ވާބިޗް ފޮނުވާލި ހަަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ވަނީ ބްލޮކޮށްފައި.
އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ފަށައިފި.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުން ދެން ނަތީޖާ ނެރެން ކުޅެން ޖެހޭނީ އިތުރު ވަގުތު.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'89 - ޕޯޗުގަލަށް ހުސް ފުރުސަތެއް. ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ، ސްލޮވީނިއާ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައި.
'86 - ސްލޮވީނިއާ އިން ބަދަލެއް. ޕީޓާ ސްޓޮޔަނޮވިޗްގެ ބަދަލުގައި ކުޅެން ނުކުތީ ބެންޖަމިން ވާބިޗް.
'76 - ޕޯޗުގަލުން ބަދަލެއް. ރަފައެލް ލެއާއޯގެ ބަދަލުގައި ކުޅެން ނުކުތީ ޗިކޯ ކޮންސޭކާއޯ.
'74 - ސްލޮވީނިއާގެ ދެ ބަދަލެއް. އަންދްރާޒް ސްޕޮރާ އާއި ޔާން ލަކާގެ ބަދަލުގައި ކުޅެން ނުކުތީ ޔޮން ގޮރެންޗް ސްޓަންކޮވިޗް އަދި ޒާން ސެލާ.
'72 - ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ ހިލޭ ޖެހުން، ސްލޮވީނިއާ ގޯލާ އަމާޒެއް ނުވި.
'65 - ޕޯޗުގަލުން ބަދަލެއް. ވިޓީނިއާގެ ބަދަލުގައި ކުޅެން ނުކުތީ ޑިއޯގޯ ޖޮޓާ.
'61 - ސްލޮވީނިއާގެ ނުރައްކަލެއް. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބެންޖަމިން ޝެޝްކޯ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'55 - ޕޯޗުގަލްގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސްލޮވީނިއާ ކީޕަރު ޔާން އޮބްލަކްއާ ދިމާއަށް، އޭނާ ވަނީ އެ ހަމަލާ މަތަކޮށްފައި.
'47 - ޕޯޗުގަލް ނުރައްކަލެއް. ޖޮއާ ކަންސެލޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ސްލޮވީނިއާ ޑިފެންޑަރު ވަންޔާ ޑޫކުސިޗް ވަނީ ދިފާއުކޮށްފައި. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ، ސްލޮވީނިއާ ގޯލާ އަމާޒުވެފައެއް ނުވޭ.
ދެވަނަ ހާފުގެ ކުޅުން ފެށީ ސްލޮވީނިއާ އިން.
ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45+2 - ޕޯޗުގަލްގެ ނުރައްކަލެއް. ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާ ޕަލީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވީނިއާ ގޯލުގެ އަރިމަތީ ދަނޑިއަށް.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'44 - ސްލޮވީނިއާގެ ހަމަލާއެއް. ބެންޖަމިން ޝެޝްކޯ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާއާ ދިމާއަށް.
'39 - ސްލޮވީނިއާގެ ކައުންޓާ އެޓޭކެއް. ޕީޓާ ސްޓޮޔަނޮވިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރާޒް ސްޕޮރާ ނުރައްކާކުރުމުގެ ކުރިން ޕޯޗުގަލް ޑިފެންޑަރު ނޫނޯ މެންޑޭޒް ވަނީ އެ ބޯޅަ ދިފާއުކޮށްފައި.
'37 - ބޯޅައިގައި އަތްލުމުން ސްލޮވީނިއާ ޑިފެންޑަރު ޒާން ކަރްނިޗްނިކްއަށް ރީނދޫ ކާޑެއް.
'34 - ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ސްލޮވީނިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'32 - ރަފައެލް ލިއާއޯއަށް ކުރި ފައުލަކާ ގުޅިގެން ސްލޮވީނިއާ ޑިފެންޑަރު ވަންޔާ ޑޫކުސިޗްއަށް ރީނދޫ ކާޑެއް ދައްކައި، ނުރައްކާ ހިސާބަކުން ޕޯޗުގަލަށް ހިލޭ ޖެހުމެއް.
'31 - ޕޯޗުގަލުގެ ހަމަލާއެއް. ވިޓީނިއާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވީނިއާ ކީޕަރު ޔާން އޮބްލަކްއާ ދިމާއަށް.
މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަރުގަދަ އެޓޭކެއް ކުރަމުންދިޔައީ ޕޯޗުގަލުން. ނަމަވެސް ސްލޮވީނިއާގެ ވަރުގަދަ ޑިފެންސާ ގުޅިގެން ޕޯޗުގަލަށް ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ.
'13 - ޕޯޗުގަލްގެ ނުރައްކަލެއް. ބެނާޑޯ ސިލްވާ ނަގައިދިން ރީތި ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒްގެ ފައިގައި ލައްވާލައިފައެއް ނުވޭ.
'8 - ޕޯޗުގަލަށް ފުރުސަތެއް. ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ގޯލަށް ނުރައްކާކުރުމުގެ ކުރިން ސްލޮވީނިއާގެ ޑިފެންސުން ވަނީ ދިފާއުކޮށްފައި.
'5 - ޕޯޗުގަލަށް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރުބެން ޑިއާޒް ފޮނުވާލި ހަމަލާ، ސްލޮވީނިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'4 - ޕޯޗުގަލްގެ ނުރައްކާތެރި ހުރަހެއް. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ރަފައެލް ލިއާއޯއަށް ލިބުމުގެ ކުރިން ސްލޮވީނިއާ ޑިފެންޑަރު ޒާން ކަރްނިޗްނިކް ވަނީ ދިފާއުކޮށްފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޕޯޗުގަލުން.
ގްރޫޕުގެ ފަހު މެޗުގައި ޖޯޖިއާއާ ދެކޮޅަށް ނުކުތް މެޗާ ހިލާފަށް މި މެޗަށް ޕޯޗުގަލުން ނެރެފައިވަނީ އެޓީމުގެ އެންމެ ވަރުގަދަ ފުރަތަމަ 11.
ޔޫރޯ 2024 ގެ ގަދަ 16 ގައި ޕޯޗުގަލާއި ސްލޮވީނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕޯޗުގަލުން ގަދަ 16 އަށް ނުކުންނަނީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ޗެކު ރިޕަބްލިކާއި ތުރުކީ ބަލިކޮށްފައި. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަލިވީ ޖޯޖިއާ އަތުން. އެ މެޗަށް ޓީމުގެ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން ފާހަގަވޭ.
މިއީ ސްލޮވީނިއާގެ ތާރީހުގައިވެސް ދެވަނަ ޔޫރޯ. އަދި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ ގަދަ 16 ގެ މެޗަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ޔޫރޯއެއްގެ ނޮކްއައުޓް ބުރުގައި ކުޅޭނެ ފުރަތަމަ މެޗު. ސްލޮވީނިއާއިން ގްރޫޕް ސީން ގަދަ 16 އަށް ދެމިގަތީ ސާބިއާއާ 1-1 އިން އެއްވަރުކޮށް، ޑެންމާކާވެސް 1-1 އިން އެއްވަރުކޮށް، އިންގްލެންޑް 0-0 ގައި ހިފަހައްޓާލައިގެން. އެޓީމަކީ ގްރޫޕް ސީގެ ތިންވަނަ ޓީމު.